އިޒްރޭލާއި ލުބުނާނުން ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން 3 ހަފުތާއަށް އިތުރުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެވަޑައިގެން ވައިޓް ހައުސްގައި ކުރިއަށްދިޔަ މަޝްވަރާތަކަށް ފަހު، އިޒްރޭލާއި ލުބުނާނުން ހަނގުރާމަ މެދުކަނޑާލުމަށް ކުރިން ހެދި ދެ ހަފްތާގެ އެއްބަސްވުން އިތުރު ތިން ހަފުތާއަށް އިތުރުކުރުމަށް އެއްބަސްވެއްޖެ އެވެ.
މިއީ އީރާން ހިމެނޭހެން ސަރަހައްދީ ފުޅާ ހަނގުރާމައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ.
ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެންމެ ރަނގަޅު އެއްބަސްވުމަކަށް އިންތިޒާރު ކުރައްވާ ކަމަށެވެ.
"އަވަސް އަރުވައެއްނުލަން... އަޅުގަނޑު ބޭނުންވަނީ އެންމެ ރަނގަޅު އެއްބަސްވުން ގާއިމުކުރަން. އަދި އެއީ ދާއިމީ އެއްބަސްވުމަކަށް ވާން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ދުނިޔޭގެ މުދާ އުފުލާ އުޅަނދުފަހަރަށް ހުރަސްތަކެއް ކުރިމަތިވަމުންދިޔަ ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅީގައި ހިނގަމުންދާ ކަނޑުގެ ކުރިމަތިލުންތަކުގައި އެމެރިކާއަށް ކުރި ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އެއްބަސްވުން އިތުރުކޮށްފައިވަނީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އީރާނުން ދަނީ އެ ސަރަހައްދުގެ މުހިންމު ކަނޑުގެ މަގުތަކަށް ނުފޫޒު ފޯރުވަމުންނެވެ. އަދި ދާދި ފަހުން ވަނީ މުދާ އުފުލާ ބައެއް އުޅަނދުތައް އެ ގައުމުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. މި ނުތަނަވަސްކަމާ ގުޅިގެން ތެލުގެ ސަޕްލައިއަށް ބުރޫއަރާފާނެތީ، ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފަ އެވެ.
އީރާނުގެ ރޫހާނީ ލީޑަރު މުޖްތަބާ ހާމަނާއީ ވަނީ ތެހެރާންގެ ލީޑަޝިޕްގެ ތެރޭގައި ހަމަނުޖެހުން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެއްބައިވަންތަކަން އިތުރަށް ވަރުގަދަވެ ބަދަހިވާނެ ކަމަށާއި ދުޝްމަނުން ބަލިކަށިވެ، ނިކަމެތިވާނެ ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ލުބުނާނުގެ ދެކުނުގައި އިޒްރޭލުގެ ސިފައިންނާއި އީރާނުގެ މަދަދުލިބޭ ހިޒްބުއްލޯއާ ދެމެދު ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ. އިޒްރޭލު އަސްކަރިއްޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހިޒްބުއްލޯ އިން ވަނީ ރޮކެޓާއި ޑްރޯން ހަމަލާތަކެއް ދީފައެވެ. އަދި އޭގެ ރައްދުގައި އިޒްރޭލުން ވަނީ އެ ޖަމާއަތުގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށުނު މި ބޮޑު ހަނގުރާމައަށް އަދިވެސް ހައްލެއް ލިބިފައެއް ނުވެ އެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ހޯރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ފަދަ މުހިންމު މައްސަލަތަކުގައި އަދިވެސް ދަނީ ދެބަސްވުންތައް ހިނގަމުންނެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ކުރެވޭ މަޝްވަރާތައް އަދި އަލުން ފެށިފައި ނުވާއިރު، ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން އޮތީ ނާޒުކު ފައްތަރެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ