ސްރީ ލަންކާގެ ފިނޭންސް މިނިސްޓްރީގެ ސިސްޓަމްތަކަށް ހެކަރުން ވަދެ، އޮސްޓްރޭލިއާއަށް ދައްކަންޖެހޭ 2.5 މިލިއަން ޑޮލަރު ވަގަށް ނެގި މައްސަލައެއް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަން ފަށައިފި އެވެ.
އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، މިދިޔަ ސެޕްޓެމްބަރަށް ތާވަލުކުރެވިފައިވާ ދަރަނި އަދާކުރުމުގެ މުއާމަލާތެއްގެ ތެރެއިން މި ފައިސާ ވަނީ ހުއްދަ ނެތް އެހެން އެކައުންޓްތަކަކަށް ފޮނުވާފަ އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް ބެލެވުނު ނަމަވެސް، މިކަން ފަޅާއެރީ ފައިސާ ނުލިބޭ ކަމަށް އޮސްޓްރޭލިއާގެ ފަރާތުން އެންގުމުންނެވެ.
ލަންކާގެ ފިނޭންސް މިނިސްޓްރީގެ ސެކްރެޓަރީ ހަރްޝަނާ ސޫރިޔައްޕެރުމާ އިއްޔެ ވިދާޅުވީ، ލަންކާގެ ފަރާތުން ފައިސާ ދެއްކި ނަމަވެސް، ސައިބަ ކުށްވެރިން އެ މުއާމަލާތުގެ ތެރެއަށް ވަދެ، އަސްލު ފޮނުވަންޖެހޭ ފަރާތުގެ ބަދަލުގައި އެހެން އެކައުންޓްތަކަކަށް ފައިސާ ފޮނުވާފައިވާ ކަމަށެވެ.
ތަހުގީގީ އިދާރާތަކުން ލަފާކުރާ ގޮތުގައި، ހެކަރުން ވަނީ ދައުލަތުގެ ދަރަނި ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން އީމެއިލް މެދުވެރިކޮށް ފޮނުވާ ފައިސާ ދެއްކުމުގެ އިރުޝާދުތަކަށް ބަދަލު ގެނެސްފަ އެވެ. މި މައްސަލައާ ގުޅިގެން ޕަބްލިކް ޑެޓް މެނޭޖްމަންޓް އޮފީހުގެ އިސް ހަތަރު އޮފިޝަލަކު މިހާރު ވަނީ ސަސްޕެންޑް ކުރެވިފަ އެވެ. އަދި ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކުގެ އެހީތެރިކަމަށް ވެސް ލަންކާ ސަރުކާރުން ވަނީ އެދިފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނިލް ޖަޔަންތަ ފެނާންޑޯ އިއްޔެ ވިދާޅުވި ގޮތުގައި، މި މައްސަލަ އިތުރަށް ސަމާލުކަމަށް އައީ އިންޑިއާއަށް ފޮނުވަން އުޅުނު ފައިސާގެ މުއާމަލާތެއްގައި ވެސް ބޭންކް އެކައުންޓްގެ ތަފްސީލުތައް ބަދަލުކޮށްފައި ހުރިކަން ފާހަގަކުރެވުމުންނެވެ.
އޮސްޓްރޭލިއާއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު މެތިއު ޑަކްވޯތު ވަނީ މި މައްސަލަ ބަލަމުންދާކަން ކަށަވަރުކޮށްދެއްވައި ތަހުގީގުގައި އެހީތެރިވަމުންދާކަން ހާމަކުރައްވާފަ އެވެ.
އިގްތިސާދީ ކާރިސާއަކުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ލަންކާއަށް މި ހާދިސާގެ ސަބަބުން އިތުރު ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ދައުލަތުގެ މާލީ ނިޒާމުގެ ތެރެއިން މިފަދަ ކަމެއް ހިނގަން މެދުވެރިވި ސަބަބުތައް ބަލައި ގެއްލުނު ފައިސާ އަނބުރާ ހޯދޭނެ ގޮތްތަކެއް ބަލަމުންނެވެ.
ލަންކާގެ މިނިސްޓްރީއަށް ހެކަރުން ވަދެ، 2.5 މިލިއަން ޑޮލަރު ވަގަށް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ