އިންޑިއާއަކީ 'ނަރަކައެއް ފަދަ ތަނެއް' ކަމަށް ޓްރަމްޕް ބުނުމުން އިންޑިއާގެ ނުރުހުން

އިންޑިއާއަކީ 'ނަރަކައެއް ފަދަ ތަނެއް'ގެ ގޮތުގައި ސިފަކޮށް އިއްޔެ ދެއްކެވި ވާހަކަތަކަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޑިއާ ސަރުކާރުން ވަރުގަދަ ރައްދެއް ދީފި އެވެ.
އިންޑިއާގެ ހާރިޖީ ވުޒާރާއިން ބުނި ގޮތުގައި، ޓްރަމްޕް ހިއްސާކުރެއްވި މި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާ ނުބައްދަލު ވާހަކަތަކެކެވެ.
މި މައްސަލަ ފެންމަތިވީ، ކޮންޒަވޭޓިވް ކޮމެންޓޭޓަރެއް ކަމަށްވާ މައިކަލް ސަވޭޖް ދެއްކެވި ވާހަކަތަކެއް ޓްރަމްޕްގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމުގައި އާންމުކުރުމާ ގުޅިގެންނެވެ. އެ ލިޔުމުގައި އިންޑިއާ ހިމެނޭހެން ބައެއް ގައުމުތަކަށް ނިސްބަތްކޮށް "ދުނިޔޭގައި ހުރި އެހެން ބައެއް ނަރަކަފަދަ ތަންތަން" މި ލަފުޒު ބޭނުންކޮށްފައިވެ އެވެ.
އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، އެއީ ހަގީގަތާ ހިލާފު، ބަލައިނުގަނެވޭނެ އަދި ދަށު ދަރަޖައިގެ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި ދެ ގައުމުގެ މެދުގައި އޮތް އިހުތިރާމާއި ގުޅުން ރަމްޒުކޮށްދޭ ވާހަކަތަކެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިކަމާ ގުޅިގެން ނިއުދިއްލީގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ، ޓްރަމްޕަކީ މީގެ ކުރިން ވެސް އިންޑިއާއަކީ ވަރަށް މުހިންމު ގައުމެއްގެ ގޮތުގައި ސިފަކުރައްވައި އިންޑިއާގެ ލީޑަޝިޕާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއް ކަމަށެވެ.
އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީން ވެސް ވަނީ މި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެ ޕާޓީން ބުނީ އެއީ މުޅި އިންޑިއާއަށް ކުރި އިހާނެތި ފުރައްސާރައެއް ކަމަށާއި މި މައްސަލަ އެމެރިކާ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ގޮވާލާފަ އެވެ.
މި ހިޔާލުތަފާތުންތައް ފެންމަތިވެފައިވަނީ، ވިޔަފާރީގެ ދާއިރާގައި ބައެއް ކަންބޮޑުވުންތައް ހުރި ނަމަވެސް، އިގްތިސާދީ އަދި އަސްކަރީ ގޮތުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ