މާޒީ ހަނދާން ނައްތާލުމަށްފަހު ވިލް އާއި ޖޭޑާ އަލުން އެކުގައި
ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ވިލް ސްމިތު އާއި ޖޭޑާ ޕިންކެޓް ސްމިތުގެ ދެމަފިރިން ވަކިން ދިރިއުޅޭތާ އަހަރުތަކެއް ފަހުން އަލުން އެކީގައި އުޅެން ފަށާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މި ދެމަފިރިންނާ ގާތް ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ދެ އަހަރު ދުވަހު އެ މީހުން ދިރިއުޅެމުން އައީ އެއް ގެއެއްގައެވެ. އަދި މިހާރު ދެމަފިރިންގެ ދެމެދުގައި އޮތީ ވަރަށް އުފާވެރި ގުޅުމެއް ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ. އެ ދެމަިފިރިންވެސް އެކަކު އަނެކަކު ދެކެ ލޯބިވާ ކަމަށާއި، އަބަދުވެސް އެކަކު އަނެކަކަށް އެއްބާރުލުން ދިނުމުގައި ދެމިތިބޭނެ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. އުމުރުން 57 އަހަރުގެ ވިލް އާއި 54 އަހަރުގެ ޖޭޑާ ކައިވެނީގެ ގޮތުން ގުޅުނީ 1997 ވަނަ އަހަރެވެ. ދެހާސްތޭވީސް ވަނަ އަހަރު ޖޭޑާ ވަނީ، 2016 ވަނަ އަހަރުން ފެށިގެން އެ މީހުން އުޅެމުންދިޔައީ ވަކިން ކަމަށް ހާމަކޮށްފައެވެ. ނަމަވެސް އެއްވެސް އިރެއްގައި ވަރިވުމަށް ހުށަހަޅާފައެއް ނުވެއެވެ. މިދިޔަ މަހު ޕެރިސް ފެޝަން ވީކްގައި ބޭއްވި 'ކްރިސްޓިއަން ލޫބޫޓިން'ގެ ޝޯގައި ވިލްގެ ދެމަފިރިން އެކީގައި ބައިވެރިވަނީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ މި ފަހުން ޕެރިސް ފެޝަން ވީކްގައި ބޭއްވި 'ކްރިސްޓިއަން ލޫބޫޓިން'ގެ ޝޯއިން މި ދެމަފިރިން ވަނީ އެކުގައި ފެނިފައެވެ. އެއީ އެ މީހުންގެ ދަރިފުޅު ޖޭޑަން ސްމިތަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. މި ހަފުލާގައި މި ދެމަފިރިންގެ އިތުރުން ދަރިފުޅު ވިލޯ ސްމިތާއި، ވިލްގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅު ޓްރޭ ސްމިތު އަދި ޖޭޑާގެ މަންމަ އެޑްރިއަން ބެންފީލްޑް-ނޯރިސް ވެސް ބައިވެރިވިއެވެ. މީގެ އިތުރުން، ޖުލައި ހަތަރު ވަނަ ދުވަހު އެމެރިކާގެ 250 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފިލަޑެލްފިއާގައި ބޭއްވި ހަރަކާތްތަކުގައި ވެސް މުޅި އާއިލާ އެކުގައި ވަނީ ބައިވެރިވެފައިވެއެވެ. ވިލް ސްމިތު އެ ރޭ ހުށަހަޅައިދިން މިއުޒިކީ ޝޯ ނިމެންދެން ޖޭޑާ އެ ތަނުގައި ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި މި ދެމަފިރިން ވަނީ އެ މީހުންގެ ކައިވެނީގައި ދިމާވި ގޮންޖެހުންތަކާ މެދު ފާޅުގައި ވާހަކަދައްކާފައެވެ. އެގޮތުން 2023 ވަނަ އަހަރު ޖޭޑާގެ ހަޔާތުނާމާ "ވޯދީ" ނެރުމުގެ ކުރިން އޭނާ ބުނެފައި ވަނީ، ދެ މީހުންގެ ދެމެދުގައި އޮތީ ވަރަށް ފުން ލޯތްބެއް ކަމަށާއި، ގުޅުން ކުރިއަށް ގެންދާނެ ގޮތަކާ މެދު އަދިވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ