ސްވިސް ބަލިކޮށް އާޖެންޓީނާއިން އިންގްލެންޑާ ދެކޮޅަށް، މެސީގެ އެއް ރެކޯޑަށް ނިމުން

ވޯލްޑް ކަޕްގައި ޖެހިޖެހިގެން މެޗުތަކުގައި ލަނޑު ޖަހަމުން އައި އައުން ލިއޮނެލް މެސީއަށް މިއަދު ދެމެހެއްޓޭނެ ގޮތް ނުވިޔަސް އިތުރު ވަގުތުގައި ހޫލިއަން އަލްވަރޭޒްގެ މޮޅު، ހިތްގައިމު ލަނޑުން މުބާރާތުގެ ސެމީ ފައިނަލަށް އާޖެންޓީނާ މިއަދު ގެންގޮސްދީފި އެވެ.
ތަށި ދިފާއުކުރުމުގެ މަރުހަލާގައި އެންމެ ދެ މެޗާ ކައިރިއަށް އާޖެންޓީނާ ދިޔައީ ކްއާޓާ ފައިނަލްގައި ސްވިޓްޒަލެންޑް 3-1 އިން ބަލިކޮށްފަ އެވެ. މޮޅުވި ދެ ލަނޑު އައީ، ފުރިހަމަ ވަގުތުގައި 1-1 އިން އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ފަހު ބައިގަ އެވެ.
އާޖެންޓީނާއަށް މި މެޗުގައި ލިބުނު އެންމެ ބޮޑު އެހީތެރިކަމަކީ، ފުރަތަމަ ހާފުގައި އެލެކްސިސް މެކް އެލިސްޓާ ޖެހި ލަނޑަށް ސްވިޓްޒަލެންޑުން 67 ވަނަ މިނިޓްގައި ރައްދު ދީ އެއްވަރުކުރިތާ މާ ގިނައިރެއް ނުވެ ބްރީލް އެމްބޮލޯއަށް ދެއްކި ރަތް ކާޑެވެ. އެ ކާޑާ ހަމައަށް އެންމެ ގިނަ ހަމަލާ އުފައްދައި، ގޯލަށް އެންމެ ގިނަ ބޯޅަ އަމާޒުކުރީ ވެސް ސްވިސް އެވެ. ނަމަވެސް 10 ކުޅުންތެރިންނަށް މަދުވުމުން، ދުނިޔޭގެ ޗެމްޕިއަން ކައިރީގައި ޖެހުނީ އެންމެން ފަހަތަށް ފައިބާށެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި އަލްވަރޭޒްގެ ފުރަތަމަ ލަނޑު އޭނާގެ ހަނދާނުން ފޮހެވިގެން ނުދާނެ އެވެ. މެޗުގެ 112 ވަނަ މިނިޓްގައި ގޯލު އޭރިޔާގެ ބޭރުން އަރިމަތިން ފޮނުވާލި ބާރު ބޯޅަ އޮއްސުނީ ގޯލުގެ ކަނަށެވެ. މިއީ ވޯލްޑް ކަޕްގެ އެންމެ ރީތި ލަނޑުތަކުގެ ތެރެއިން އެއް ލަނޑެވެ.
އާޖެންޓީނާގެ ލީޑު 3-1އަށް ބަދަލުކޮށްލީ މެޗު އެއްވަރުކުރަން ސްވިޓްޒެލެންޑް ޓީމު ކުރިއަރާފައި ތިއްބާ ލިބުނު ފުރުސަތެއްގައި ލައުޓަރޯ މާޓިނޭޒް އެވެ.
މިއީ މި ވޯލްޑް ކަޕްގައި ލަނޑެއް ނުޖެހި މެސީއަށް ދަނޑުން ފައިބަން ޖެހުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން ވޯލްޑް ކަޕްގައި ޖެހިޖެހިގެން ލަނޑު ޖެހުމުގެ ރެކޯޑް ނުވަ މެޗަށް ފަހު މިވަނީ ނިމިފަ އެވެ.
ގަތަރު ވޯލްޑް ކަޕް 2022
އޮސްޓްރޭލިޔާއާ ދެކޮޅަށް، ގަދަ 16ގައި
ނެދަލެންޑްސްއާ ދެކޮޅަށް، ކްއާޓާ ފައިނަލްގައި
ކްރޮއޭޝިއާއާ ދެކޮޅަށް، ސެމީ ފައިނަލްގައި
ފްރާންސްއާ ދެކޮޅަށް، ފައިނަލްގައި
މިފަހަރުގެ ވޯލްޑް ކަޕް
އަލްޖީރިޔާއާ ދެކޮޅަށް ހެޓްރިކް، ގްރޫޕް ސްޓޭޖް
އޮސްޓްރިއާއާ ދެކޮޅަށް، ގްރޫޕް ސްޓޭޖް
ޖޯޑަންއާ ދެކޮޅަށް، ގްރޫޕް ސްޓޭޖް
ކޭޕް ވާޑޭއާ ދެކޮޅަށް، ގަދަ 32
މިސްރާ ދެކޮޅަށް، ގަދަ 16
ސެމީ ފައިނަލްގައި އާޖެންޓީނާ ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ. މިގެ ކުރިން ދުވަހަކު ވެސް މި ދެ ގައުމު ސެމީ ފައިނަލްގައި ބައްދަލުކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ