ދެން އަންނަ ވޯލްޑް ކަޕް ކާމިޔާބުކުރަން ޖަރުމަނުން ކޯޗަކަށް ކްލޮޕް

ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވުމަށް ޔާގަން ކްލޮޕް ގޮތުން އެއްބަސްވެއްޖެ އެވެ.
ލިވަޕޫލްގެ ކުރީގެ ކޯޗު ކްލޮޕް، ވަނީ ޖަރުމަނުގެ އެފްއޭ (ޑީއެފްބީ) އާ އެކު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި، ސޮއި ކުރަން އެއްބަސްވަފެ އެވެ. އެ އެއްބަސްވުން ހަމަވާނީ 2030 ގެ ނިޔަލަށެވެ. މާނައަކީ ދެން ބާއްވާ ވޯލްޑް ކަޕްގެ ނިޔަލަށް ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު ޖަރުމަނުގެ ޓީމާ އެކު ހޭދަ ކުރާނެކަމެވެ.
ސްޕެއިން އާއި ޕޯޗުގަލް އަދި މޮރޮކޯ އާއި އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭ ވެސް ހިއްސާވެގެން ބާއްވާ އެ މުބާރާތް އޮންނާނީ 2030 ގަ އެވެ. 
ކްލަޕާ އެކު ހަދާ އެއްބަސްވުމުގެދަށުން، ފުރަތަމަ ތައްޔާރުވާން ޖެހޭ ބޮޑު މުބާރަތަކީ 2028 ވަނަ އަހަރު ބާއްވާ ޔޫރޯ އެވެ. 
ރެޑް ބުލްގެ ކުންފުނީގެ ގްލޯބަލް ހެޑް އޮފް ސޮކާގެ މަގާމުގައި ހުރި ކްލޮޕް، ގައުމީ ޓީމާ ހަވާލުވަނީ މިދިޔަ ހަފުތާގެ ނިޔަލަށް އެ މަގާމުގައި ހުރި ކޯޗު ހޫލިއަން ނާގަލްސްމަން އިސްތިއުފާ ދިނުމުންނެވެ.
ނާގަލްސްމަން މަގާމުން ވަކިވީ ވޯލްޑް ކަޕްގެ ގަދަ 16 ގައި ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ އަތުން ޖަރުމަނު ބަލިވެ، މުބާރާތުން ކެޓުމުންނެވެ. 
މިއީ، ޖަރުމަނަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ވިދިވިދގެން ތިންވަނަ ވޯލްޑް ކަޕެވެ. އެ ޓީމުގެ ކުރީގެ ކޯޗު ޔާގީ ލޯގެ ކޯޗުކަމުގެދަށުން 2014 ގެ ވޯލްޑް ކަޕް އާޖެންޓީނާ ބަލިކޮށް ޖަރުމަނުން ހޯދި އެވެ. އެކަމަކު އޭގެ ފަހުން އެ ކާމިޔާބު ނުދެމެހެއްޓި، އެ ޓީމުގެ ޖުމުލަ ނަތީޖާތައް ދިޔައީ ދަށަށެވެ. 
ޖަރުމަނުގެ އެފްއޭއިން އުއްމީދަކީ އަލުން ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި ޖަރުމަނު ހެދުމަށް ކުރާ މަސައްކަތުގައި، ކްލޮޕަށް ކާމިޔާބު ވާނެ ކަމަށެވެ. 
ލިވަޕޫލްގައި ކްލޮޕްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ޕެޕް ލައިންޑާސް ވެސް ވަނީ ކްލޮޕްގެ ކޯޗިން ޓީމާ ގުޅުމަށް އެއްބަސްވެފަ އެވެ. މި ކޯޗިން ޓީމާ އެކު ޖަރުމަނު ނުކުންނާނެ ފުރަތަމަ މެޗަކަށް ވާނީ ސެޕްޓެމްބަރު 24 ގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ ނޭޝަންސް ލީގު މެޗެވެ.
ޖަރުމަނުގެ އެފްއޭގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން، ރެޑްބުލްގެ މަގާމުން ވަކިވުގެ ވާހަކަތައް އެ ކުންފުންޏާ އެކު ކްލޮޕް ދައްކާނެ އެވެ.
ދި އެތުލެޓިކް ނޫހުން ބުނީ މިހަފުތާގެ ކުރީކޮޅު އެމެރިކާގައި ރެޑް ބުލްގެ މެނޭޖިން ޑިރެކްޓަރު އޮލިވާ މިންޓްޒްލާފް އާއި ކްލޮޕްގެ ވަކި ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އާ ކުންފުނިން ކްލޮޕް ވަކިވުމުގެ ގާނޫނީ މަރުހަލާތައް ފަސޭހަކަމާ އެކު ކުރިއަށް ގެންދިއުމަށް އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެކަމަށް އެ ނޫހުން ބުންޏެވެ.
ޑީއެފްބީގެ ތަރުޖަމާނު ބުނި ގޮތުގައި އެ އެސޯސިއޭޝަންގެ ރައީސް ބާންޑް ނިއުއެންޑޯފް އާއި ނައިބު ރައީސް ހާންސް-ޔަކީމް ވަޓްޒްކޭ ވަނީ ނިއު ޔޯކްގައި ކްލޮޕްއާ ބައްދަލުކޮށް، މަޝްވަރާތަކެއް ކޮށްފަ އެވެ.
"ބައްދަލުވުމުގައި، އާ ކޮންޓްރެކްޓެއްގެ މުހިންމު ނުކުތާތަކަށް ދެ ފަރާތުން ވަނީ އެއްބަސްވުމަކަށް އާދެވިފައި،" ޑީއެފްބީގެ އޮފިޝަލް ބުންޏެވެ. 
ނާގަލްސްމަންގެ އިސްތިއުފާއަށް ފަހު، ޑީއެފްބީން ވަނީ ކްލޮޕްއާ ވާހަކަދައްކަން ބޭނުންވާކަން ހާމަކޮށްފަ އެވެ. އަދި ކްލޮޕް ވެސް ވަނީ މި މަގާމާ ހަވާލުވުމުގެ ޝައުގުވެރިކަން ހުރިކަން ކުރިންސުރެ ސިގްނަލް ކޮށްފަ އެވެ. އޭގެ ފަހުން ކްލޮޕް އަމިއްލައަށް ވެސް ވަނީ މި ރޯލާ ބެހޭގޮތުން މަޝްވަރާތައް ހިނގަމުންދާކަން ކަށަވަރުކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ