ކާމިޔާބަކީ ހިންމަތްތެރިންގެ ޙައްޤެކެވެ.
އެއްވެސް ކަމަކީ އޭގެ ޒާތުގައި ފަސޭހަ ކަމެއް ނޫނެވެ. އަލަށް ފަށާ ކޮންމެ ކަމަކަށް ބޭނުންވަނީ ހިތްވަރާއެކު މިންނަތް ކުރުމެވެ. ކާމިޔާބަކީ ހިންމަތްތެރިންގެ ޙައްޤެކެވެ. ޢިލްމު އުނގެނުމަކީ އެފަދަ ކަމެކެވެ. ޢިލްމު ލިބޭނީ އެ ކަމުގައި ދިގު މުއްދަތެއް ހޭދަކުރާ ބަޔަކަށް ކަމަށް އިމާމް ޝާފިޢީގެފާނު ވިދާޅުވެފައި ވެއެވެ. އަދި އެ ޢިލްމު އެހެން ބަޔަކަށް ފޯރުކޮށްދޭން ކުރަންޖެހޭ މަސައްކަތް އިތުރުވެފައި އެ ކަމަށް ލާންޖެހޭ ހިތްވަރު ބޮޑެވެ. ހިންމަތާއެކު މަސައްކަތް ކުރުމުގައި ކޮންމެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ މުހިއްމު ދެ ސިފައެއް އޮވެއެވެ. އެއީ ﷲއަށް ވަކީލު ކުރުމާއި ދިމާވާ ކަންކަމަށް ކެތްތެރިވުމެވެ. ﴿إِنَّ اللَّهَ مَعَ الصَّابِرِينَ﴾ (البقرة: ١٥٣) މާނައީ:- "ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." ހިންމަތް ކުރުމަކީ ތަކުލީފުތަކުން އަރައިގަތުމަށް މަސައްކަތް ކުރުމެވެ. ކުރިމަގު ފެންނާނެކަން ޔަޤީންކުރާ ހިތަކައިގެން ﷲ އަށް ވަކީލު ކުރުމެވެ. ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރުމުގައި ކެތްތެރިވުމެވެ. ކަމެއް ކުރުމަށް ހިތު އަޅައިފިނަމަ އެ ކަމެއްގައި ﷲ سُبْحَانَهُ وَ تَعَالَىއަށް ވަކީލުކުރާށެވެ! ﷲއަށް ވަކީލުކުރާ މީހުންދެކެ އެއިލާހު ލޯބިވެވޮޑިގެން ވެއެވެ. މި ކަމަށް އިޝާރާތްކުރަށްވާ ކީރިތި ޤުރްއާނުގައި މާތް ﷲ އަންގަވަނީ، ﴿فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ﴾ (آل عمران: ١٥٩) މާނައީ:- "ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމުކަނޑައަޅުއްވައިފި ނަމަ، ފަހެ، ކަލޭގެފާނު ﷲއަށް ވަކީލުކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލުކުރާ މީހުންދެކެ ﷲ سُبْحَانَهُ وَ تَعَالَى ލޯބިވެވޮޑިގެންވެތެވެ." ﷲއަށް ވަކީލު ކުރުމާއެކު މަސައްކަތް ކުރުމަކީ ކޮންމެހެން ކުރުން ލާޒިމު ކަމެކެވެ. މަސައްކަތް ކުރުމަކައިނުލާ، ވަކީލުކުރަމޭ ބުނުމަކުން ޙާޞިލްވާނޭ އެއްވެސް ކާމިޔާބެއް ނޯންނާނެއެވެ. ހަމައެހެންމެ ވަކީލު ނުކޮށް މަސައްކަތް ކުރުމަކީ ވެސް ކަންކަން ހާބިލުވާނޭ މަގެއް ނޫނެވެ. އެހެންކަމުން ދުނިޔެއާއި އާޚިރަތުގެ ކާމިޔަބަށް މަސައްކަތްކުރާ ކޮންމެ މީހަކަށް އޮތީ ކުރަން ހިތުލި ކޮންމެ ކަމެއް ކުރުމުގައި ﷲއަށް ވަކީލުކުރުމާ އެކު، ކާމިޔާބަށް އެދި ކެތްތެރިކަމާއި ހިންމަތާ އެކު މަސައްކަތްކުރުމެވެ. ކާމިޔާބަކީ ހިންމަތްތެރިންގެ ޙައްޤެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ