ކަންސަސް ސިޓީ، ޔުނައިޓެޑް ސްޕޯޓްސް (ޖުލައި 12) - ކުއާޓާ ފަހު ފުރަތަމަ މެޗުގައި ސްވިޒަލެންޑް 3-1 އިން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
އަނެއް ސެމީ ފައިނަލުގައި ކުޅޭނީ އެންމެ ފަހުގެ ރަނަރަޕް، ފްރާންސް އާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަން، ސްޕެއިން އެވެ.
ކަންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓްގައި އާޖެންޓީނާ އިން ވަނީ ލީޑުނަގައިފަ އެވެ. މިއީ، އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ނެގި ކޯނަރަކުން އަލެކްސިސް މެކް އަލިސްޓާ ބޮލުން ޖެހި ގޯލެކެވެ. އޭގެ ފަހުން، ފުރަތަމަ ހާފުގައި އާޖެންޓީނާ އަށް ސްވިޒަލެންޑްގެ ކީޕަރު، ގްރެގޯ ކޯބެލް، ޕްރެޝަރަށް ލެވޭ ވަރުގެ ހަމަލާތަކެއް ފޮނުވާ ނުލެވުނެވެ.
އަނެއްކޮޅުން، ސްވިޒަލެންޑަށް ފުރަތަަމަ ހާފުގައި އެޓޭކަށް ޖެހިގެން ތަނަވަސްކުރެވުނު ހަމައެކަނި ފުރުސަތުގައި، އެ ޓީމުގެ ބްރީލް އެމްބޯލޯ އަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.
އެކަމަކު، ދެ ވަނަ ހާފުގައި ސްވިޒަލެންޑުން ކުޅުން އަވަސްކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން، ސްވިޒަލެންޑުގެ ރިކާޑޯ ރޮޑްރިގޭޒް އާއި ގްރޭނިޓް ޝަކާ ޖެހި ޝޮޓްތައް އާޖެންޓީނާ ކީޕަރު، އެމިލިއާނޯ މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ.
ފުލުފުލުގައި ސްވިޒަލެންޑުން ކުރި އެޓޭކްތަކުގެ ނަތީޖާ އަކަށްވީ 67 ވަނަ މިނިޓްގައި އެ ޓީމުން އެއްވަރުކުރުމެވެ. މިއީ، ރޮޑްރިގޭޒް ދިން ބޯޅައަކުން ހަނި އޭންގަލުން ޑޭން އެންޑޯއި ގޯލެކެވެ.
ސްވިޒަލެންޑަށް މައްސަލަ ދިމާވީ މެޗުގެ 72 ވަަނަ މިނިޓްގައި އެމްބޯލޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެމްބޯލޯ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ، ރެފްރީ އަށް އޮޅުވާލައި، ޑައިވްކޮށްގެން ފައުލެއް ހޯދަން އުޅުމުންނެވެ. ދެ ވަނަ ރީނދޫ ކާޑު ދެއްކީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން ދަނޑުގައި ހުރި މޮނީޓަރުން ބަލައިފަ އެވެ.
މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ އެއްވަރުވެފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ރަނގަޅަށް ޑިފެންސްކުރަމުންދިޔަ ސްވިޒަލެންޑްގެ ކީޕަރު، ކޯބެލް ދިޔައީ އާޖެންޓީނާގެ ހަމަލާތައް މަތަކުރަމުންނެވެ. އެހެން ނަމަވެސް، އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި އާޖެންޓީނާ އިން ވަނީ ލަނޑު ޖަހައިފަ އެވެ. އިތުރު ވަގުުތުގެ ދެ ވަނަ ހާފުގައި ސްވިޒަލެންޑްގެ އޭރިއާބޭރުން ލިބުނު ބޯޅަ ޖޫލިއަން އަލްވަރޭޒް ވަނީ ގޯލުގެ މަތީ ކަަަަަނަށް ފޮނުވާލައިފަ އެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގައި މާޓީނޭޒް ޖެހި ފުރަތަަމަ ގޯލެވެ.
އޭގެ ފަހުން، ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތަކުން ލިސަންދްރޯ މާޓިނޭޒް ވަނީ އާޖެންޓީނާގެ ފަހު ލަނޑު ޖަހައިފަ އެވެ.
ސްވިޒަލެންޑް ބަލިކޮށް ޗެމްޕިއަން އާޖެންޓީނާ ސެމީގައި އިންގްލެންޑާ ދެކޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ