ގުޅިފަޅުން ދޭ ގޯތިތަކުގައި ވަށާފާރު ރޭނުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: މިނިސްޓަރު

ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގުޅިފަޅުން ދީފައިވާ ގޯތިތަކުގައި ވަށާފާރު ރޭނުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ. 
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު، ގުޅިފަޅު އިތުރަށް ހިއްކުމުގެ މަސައްކަތް ގޮސްފައިވާ ހިސާބައި އެ މަޝްރޫއަށް ހޭދަވާ ފައިސާއާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި މުއްތަލިބް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ކުރީގެ ސަރުކާރުތަކުން ފަށާފައި ހުރި މަޝްރޫއުއެއް ކަމަށް ވިޔަސް އެ ކަމެއް ނިންމައި އާންމުންނަށް ކޮށްދިނުން ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގުޅިފަޅުން ގޯތި ދޭން ނިންމައި އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭންގައި ގިނަ މައްސަލަތަކެއް ހުރުމުން މި ސަރުކާރުން ވަނީ އާ ލޭންޑް ޔޫސް ޕްލޭނެއް ހަދައި ގުޅިފަޅު އިތުރަށް ހިއްކުމުގެ މަސައްކަތް ފަށައިފަ އެވެ. 
މުއްތަލިބް ވިދާޅުވީ ގުޅިފަޅުން ދޭ ގޯތިތައް ވަރަށް އަވަހަށް އެ ތަންތަން ލިބުނު މީހުންނާ ހަވާލުކުރާނެ ކަމަށެވެ. 
"މިހާރު ގުޅިފަޅުގެ މަސައްކަތް ނިންމައި އިރާދަކުރެއްވިއްޔާމުން މި ހަފުތާގެ ތެރޭގައި މި ބަލަނީ، ގޯތި ދެވެން ހުރި ހުރިހާ ފަރާތްތަކާ ވެސް ޑިޖިޓަލް ގޮތަށް، އެ ބޭފުޅުންނަށް އެ ބޭފުޅުންގެ ގޯތި ސީދާ ފެންނަ ގޮތަށް ލާފައި އެ ގޯއްޗާ ހަވާލުވުމުގެ ފުރުސަތު ދޭން. އަދި އެތަނުގައި ވަށާފާރު ރޭނުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލަން،" އޭނާ ވިދާޅުވި އެވެ. 
މުއްތަލިބް ވިދާޅުވި ގޮތުގައި، ހުޅުމާލެ 3 ގެ ހުރިހާ ގޯއްޗެއް ހަވާލުކޮށް ގާތްގަނޑަކަށް މިހާރު ވަނީ ނިމިފަ އެވެ. ގިރާވަރުފަޅުން އިތުރަށް އަދި 50 ހެކްޓަރު ހިއްކަން އެބައޮތް ކަމަށާއި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު މި މަހު އަލުން މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 
The most trusted news source in the Maldives
ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން ޖުމްލަ 3،520 ގޯތި ދިނުމަށެވެ. އޭގެ ތެރޭގައި ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރަން ނިންމި 1،347 ގޯތި ވެސް ހިމެނެ އެވެ. ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް އެންމެންނާ އެކު އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ