މަރުތަކުގެ ތަހުގީގު ޑިޕާޓްމަންޓް ވެރިޔަކަށް ސާމިހު އަލުން އައްޔަންކޮށްފި

ފުލުހުންގެ ހޯމިސައިޑް އިންވެސްޓިގޭޝަން ނުވަތަ މަރުތަކުގެ މައްސަލަ ބެލުމަށް އޮންނަ ޔުނިޓުގެ ވެރިޔާގެ މަގާމު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހުއަށް އަލުން ދީފި އެވެ. މި މަގާމަށް ސާމިހު އަލުން އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ މަގާމުން އޭނާ ވަކިކުރުމަށްފަހުގައެވެ.
ސާމިހު އެ މަގާމުން ކުރިން ވަކިކުރީ 18 އޭޕްރީލް 2025 ގައި އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ތުހުމަތުކުރެވި، އެކަމުގެ ކަންބޮޑުވުން އާއިލާއިން ފާޅުކޮށްފައި ވަނިކޮށެވެ. އެ މައްސަލައިގެ ތަހުގީގުގައި އިސްކޮށް އޭރު ހުންނެވީ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ވެސް ހެޑްގެ މަގާމުގައި ހުންނެވި ސާމިހެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު އާންމުންގެ ނުރުހުން ބޮޑުވެފައި އޮތް އެ ދުވަސްވަރު، ފުލުހުން ނޫސްވެރިންނާ އެކު ބޭއްވި ސިއްރު ބައްދަލުވުމުގައި ވެސް މައުލޫމާތު ދެއްވީ ސާމިހެވެ. މި މައްސަލައާ ގުޅިގެން އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ސާމިހު ކުރިން ހުރި ހޯމިސައިޑް އިންވެސްޓިގޭޝަން ހެޑުގެ މަގާމަށް އަލުން އައްޔަންކޮށްފައިވަނީ މިދިޔަ ޖޫން މަހު ފުލުހުންގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ