ފްރާންސް ދެކެ އެއްވެސް ޖެހިލުމެއްނުވޭ، ސްޕެއިން އޮތީ ތައްޔާރަށް: ޔަމާލް

ފީފާ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ކުޅޭއިރު އެ ޓީމާމެދު އެއްވެސް ވަރަކަށް ޖެހިލުންނުވާ ކަމަށް ސްޕެއިންގެ ތަރި ލަމީން ޔަމާލް ބުނެފިއެވެ. އަންގާރަ ދުވަހުގެރޭ ރާއްޖެގަޑިން 00:00 ގައި ކުޅޭ މެޗުގެކުރިން ވާހަކަދައްކަމުން ސްޕެއިނުގެ އުންމީދީ ތަރި ޔަމާލް ބުނީ މެޗު ހުރިހާ ގޮތަކުންވެސް ވަރުގަދަވާނެ ކަމަށާއި މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށެވެ. މިހާތަނަށް މުބާރާތުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޓީމަކީ ފްރާންސެވެ. އެގޮތުން ކީލިއަން އެމްބާޕޭ، އުސްމާން ޑެމްބެލޭ އަދި މައިކަލް އޮލީސޭ ފަދަ ކުޅުންތެރިންގެ ނުރައްކާތެރިކަން މި މުބާރާތުގައި މިހާތަނަށް ފެނިފައިވެއެވެ. އަނެއްކޮޅުން ސްޕެއިނަކީ މި މުބާރާތުގައި ޑިފެންސިވް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެކެވެ. އެގޮތުން މިހާތަނަށް އެ ޓީމު ކޮޅަށް ވަދެފައިވަނީ އެއް ލަނޑެވެ. އެއީ މުބާރާތުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިންނެވެ. ލަނޑު ޖަހާފައިވަނީ ކުއާޓާ ފައިނަލުގައި ބެލްޖިއަމެވެ. އުމުރުން 18 އަހަރުގެ ޒުވާން ތަރި ޔަމާލް ބުނީ، ދެން އޮތީ ދެ ގޮތެއް ކަމަށެވެ. އެއީ ފްރާންސުން ޖެހިޖެހިގެން ތިންވަނަ ވޯލްޑް ކަޕް ފައިނަލަށް ދިއުން ނުވަތަ ސްޕެއިނުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ފްރާންސް ބަލިކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ