އައްޑޫ ސިޓީ ކައުންސިލުން މާލިއްޔަތު ގަވައިދާ ޚިލާފަށް ކުރި ކަންކަން ތަހުގީގުކުރަން ފުލުހަށް ހުށަހަޅަނީ

އައްޑޫ ސިޓީ ކައުންސިލުން މާލިއްޔަތު ގަވާއިދާ ޚިލާފަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް، އެ ކައުންސިލުގެ ފަހުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރި ކަންކަން ތަހުގީގުކުރުމަށް ފުލުހަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ. މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ 2022 އިން 2024 ވަނަ އަހަރާ ހަމައަށް އާއްމުކުރި މާލީ އޮޑިޓް ރިޕޯޓު ދިރާސާކުރުމަށް ފަހު މެންބަރުން ވަނީ އެ ރިޕޯޓުގައި ހުރި ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އެ ކައުންސިލުން މާލިއްޔަތު ގަވައިދާ ޚިލާފަށް ހަދާފައި ހުރި ގޯސްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް ހުށަހަޅަން ވަނީ ނިންމައިފައެވެ. އައްޑޫ ސިޓީ ކައުންސިލުގެ 2022ވަނަ އަހަރާއި 2023ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު، އަދި 2024ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2023ވަނަ އަހަރާއި 2024ވަނަ އަހަރު ކައުންސިލުން ކުރި ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، އެ ދަތުރުތައް ކޮށްފައިވަނީ ޚަރަދު ކުޑަކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީއާއި މިހާރު އުވާލައިފައިވާ ލޯކަލް ގަވަނަންސް މިނިސްޓްރީގެ އެންގުންތަކާ އެއްގޮތަށް ނޫން ކަމަށެވެ. https://sun.mv/222808 އެގޮތުން، އަށް ކައުންސިލަރަކާއި ކައުންސިލު އިދާރާގެ ދެ މުވައްޒަފަކު 2023ވަނަ އަހަރު މެލޭޝިއާއާއި ސިންގަޕޫރަށް ކުރި ތަޖުރިބާ ދަތުރަށް 515،101 ރުފިޔާ ޚަރަދުކުރި ކަމަށާއި އަންހެނުންގެ ކޮމިޓީގެ ނުވަ މެންބަރަކާއި ކައުންސިލަރެއްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުގެ އަމީންއާންމު 2024ވަނަ އަހަރު ކުރި ތަޖުރިބާ ދަތުރަށް 685،509 ރުފިޔާ ޚަރަދުކުރި ކަމަށް ވެސް އޮޑިޓް ރިޕޯޓުން ދައްކައެވެ. އެ އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކުރި އެހެނިހެން ކަންކަމުގެ ތެރޭގައި، އައްޑޫގެ އެކި އަވަށްތަކުން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ 52،000 އަކަފޫޓުގެ 10 ބިމަށް އިއުލާނުނުކޮށް 166،340 އަކަފޫޓުގެ ބިމަކާއި 5،000 އަކަފޫޓުގެ ޕްލޮޓެއް އިތުރުކޮށްދީފައިވެއެވެ. އެގޮތުން، ކައުންސިލުން އިއުލާނުނުކޮށް 162،540 އަކަފޫޓުގެ ބިމެއް އިތުރުކޮށް، އައްޑޫގެ މީދުއާއި ފޭދޫން އަށް ބިމެއްގެ ހެޑް ލީޒް ބަދަލުކޮށްފައިވާ ކަމަށާއި ހިތަދޫން ދޫކުރި ބިމަކަށް އިއުލާނު ނުކޮށް 3،800 އަކަފޫޓުގެ ބިމެއް އިތުރުކޮށްފައިނުވާތީ ކަމަށް ރިޕޯޓުގައިވެއެވެ. އަދި 2024ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ އާމްދަނީ ފައިސާގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ އެމްްއެމްއޭގައި ހުންނަ ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައިނުވެއެވެ. އެގޮތުން، 492،533 ރުފިޔާ ޕަބްލިކް އެކައުންޓަށް ޖަމާނުކުރާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. އޭގެ ތެރޭގައި އައިޑީ ކާޑު އައުކުރުމުގެ ފީގެ ގޮތުގައި ހިމެނޭ 274،200 ރުފިޔާ ހިމެނެއެވެ. https://sun.mv/222811 މީގެ އިތުރުން ހިތަދޫ އަވަށު އޮފީހަށް 345,000 ރުފިޔާއަށް ގަނެފައިވާ ޕިކަޕާ ހަވާލުވުމުގެ ކުރިން އެއްވެސް ވަރެއްގެ އިންސްޕެކްޝަނެއް ކައުންސިލުން ހަދާފައެއް ނުވެއެވެ. ސަޕްލަޔަރާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ވެހިކަލް ގެނައުމަށް ފަހު، ކައުންސިލްގެ އިދާރާއިން ފަހުން ހެދި އިންސްޕެކްޝަނުން އެ ޕިކަޕުގައި ގިނަ މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަވެފައެވެ. މީގެ އިތުރުން، އެ ޕިކަޕަކީ މުނިސިޕަލް މަސައްކަތްތަކަށް އެކަށީގެންވާ އުޅަނދެއް ނޫން ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިކަންކަމާ ގުޅޭ ގޮތުން މީގެ ކުރިން 'ސަން' އަށް މައުލޫމާތުދެއްވައި އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވީ ޑިޓް ރިޕޯޓުގައި ފާހަގަކުރި ގިނަ ކަންކަމަކީ ގާނޫނާ ޚިލާފު އަދި ނާޖާއިޒު ކަމެއް ހިންގުމަށް ކުރެވިފައިވާ ކަންތައްތައް ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. https://sun.mv/222849 އެގޮތުން އެ ކައުންސިލުން ކުރި ތަޖުރިބާ ދަތުރުތަކަކީ މިދިޔަ ދައުރުގައި އައްޑޫ ސިޓީ ކައުންސިލަރުން ތަޖުރިބާއާއި ތަމުރީނު ހޯދުމަށް ކުރި ހަމައެކަނި ދަތުރު ކަމަށެވެ. އަދި އެއީ ސިންގަޕޫރުގެ ކަމާ ގުޅުންހުރި ފަރާތްތަކަކާ އެކު އެއްބަސްވެވިގެން ކޮށްފައި އޮތް ދަތުރެއް ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. ހަމައެއާއެކު ފަތުރުވެރިކަމަށް އިތުރުކުރި ބިންތަކަކީ ކައުންސިލުން ނިންމައި، ފަތުރުވެރިކަން ތަރައްގީކުރުމަށް ބިންތައް އެލޮކޭޓުކޮށް ފަތުރުވެރިކަމަށް ޒޯނެއް ހަދައި، އެ ޒޯނުގައި ހުރި ބިންތައް އިއުލާނުކޮށް މީހުންނަށް ދީ، އަދި އެ ޒޯނުގައި ބިން ލިބުނު މީހުން އިތުރަށް ބޭނުންވާ ޚިދުމަތްތައް، އެ ކަމަށް އެދޭ އެންމެންނަށް ވެސް ދެވޭ ގޮތަށް ނިންމައިގެން ކައުންސިލުން އިތުރުކުރި ބިންތަކެއް ކަމަށެވެ. އެހެންކަމުން އެކަމުގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ. ޖުމްލަ ގޮތެއްގައި އޮޑިޓް ރިޕޯޓުގައި ގިނައިން ފާހަގަކޮށްފައިވާ ކަންކަމަކީ ގާނޫނާ ޚިލާފަށް ކަމެއް ހިންގުމަށް ފާހަގަކުރެވިފައިވާ ކަންތައްތައް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. "އޭގައި ގިނައިން ފާހަގަކުރެވިފައިވާ ކަންކަމަކީ އެއިކީ ގާނޫނާއި ޚިލާފު، ނޫނިއްޔާ ގާނޫނާ ޚިލާފަށް ނޫނީ ނާޖާއިޒު ކަމެއް ހިންގުމަށް ކުރެވިފައި ހުރި ކަންކަން ފާހަގަކުރެވިފައެއް ނެތް އަޅުގަނޑުމެންނަކަށް،" އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ