ކެފޭގެ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ކަމަށް ތުހުމަތުކުރާތީ ސ. މަރަދޫގެ ބޯޅަދަނޑު ބަންދުކުރަން އެ ރަށު މެޖިސްޓްރޭޓު ކޯޓުން އިއްޔެ އަމުރު ނެރެފި އެވެ. މިއީ މަރަދޫ ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެ ދަނޑު ބަންދުކުރީ 90 ދުވަހަށް ކަމަށެވެ.
ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަ ނެތި ވަދެނުކުތުމަކީ ގާނޫނީ ކުށެކެވެ. އަދި އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ މީހުންނާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނަށް ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އައްޑޫގައި މަސްތުވާތަކެތި ވިއްކައި އޭގެ ވިޔަފާރިކުރާ މީހުން ހުއްޓުވަން ކުރާ މަސައްކަތަށް އާއްމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ކުރިން އޮންނަ ގޮތުން، މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް އޮވެ އެވެ. ނަމަވެސް، އެ އަށް ވުރެ ދިގު މުއްދަތަކަށް ބަންދެއް ނުކުރެވެ އެވެ.
އެ ގާނޫނަށް މި ފަހުން ގެނައި ބަދަލާއެކު، ކެފޭގެ އުސޫލުން ޑްރަގްގެ ހިދުމަތްދޭ ގިނަ ތަންތަން ވަނީ ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފަ އެވެ.
ކެފޭގެ އުސޫލުން ޑްރަގްގެ ހިދުމަތްދޭތީ މަރަދޫ ބޯޅަދަނޑު ކޯޓުން ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ