ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާއި ގުޅިގެން ތަޢުޒިޔާ ދެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޤަތަރަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާއި ގުޅިގެން އެޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށާއި ޤަތަރުގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފަރާތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ދެންނެވުމަށްކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެޤައުމުގެ ޓްރާންސްޕޯޓް މިނިސްޓަރ ޝައިޚް މުޙައްމަދު ބިން ޢަބްދުﷲ ބިން މުޙައްމަދު އަލްޘާނީއެވެ. އަރިހުގައި ރާއްޖެއިން ޤަތަރަށް ކަނޑައަޅުއްވާފައިވާ ސަފީރު އާދަމް ޝަރީފު ޢުމަރު ބައިވެރިވެވަޑައިގެންނެވިއެވެ.
ޤަތަރުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ. މިހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ އެހެން ޤައުމުތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.
ޤަތަރަކީ ރާއްޖެއަށް ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި އިޤްތިޞާދީ ގޮތުން އެކި މަޝްރޫޢުތަކަށް އިންވެސްޓުކުރުމުގައި އެޤައުމުންވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.
ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާއި ގުޅިގެން ރާއްޖޭގެ ދިދަވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ. އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވެފައިވާކަން ޤަތަރުގެ ޝާހީ ޢާއިލާއިން ހާމަކުރައްވާފައިވަނީ އިއްޔެއެވެ. އިއްޔެގެ ވަގުތެއްގައި ޖަނާޒާގެ ކަންކަންވަނީ ބާއްވާފައެވެ.
ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީވަނީ 1995 ވަނަ އަހަރު ޤަތަރުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިއަދު ޤަތަރު ދެކޭ ތަރައްޤީއަށް ވާސިލުވުމަށް މުހިއްމު ގިނަ މަސައްކަތްތަކެއްކުރައްވާފައެވެ. މިމުއްދަތުގެ ތެރޭގައި އިސްލާމީ ދުނިޔެއާއި މުޅި ދުނިޔޭގައިވެސް ބަސްހިނގާ ވަރުގަދަ ޤައުމަކަށް ޤަތަރުވަނީ ހައްދަވާފައެވެ.
ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުން؛ ތަޢުޒިޔާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ