ހުއްދަ ނުނަގާ ނުރައްކާތެރި ކެމިކަލް ގުދަންކޮށް، އެ ތަކެތި ވިއްކަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ބުނެފިއެވެ.
މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލްތައް އެތެރެކޮށް، ގުދަންކޮށް، ބޭނުންކޮށް، ވިއްކާ އަދި ނައްތާލަންވާނީ ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކަމަށާއި އެހެންނަމަވެސް، ކެމިކަލް ގުދަންކޮށް ވިއްކާ ފަރާތްތަކުން ހުއްދަ ނުނަގާ ކެމިކަލް ގުދަންކޮށް ވިއްކަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ.
އެގޮތުން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް، ރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކަންވާނީ އެ މިނިސްޓްރީއަށް ހުށަހަޅައިގެން "ކެމިކަލް ވިއްކުމުގެ ހުއްދަ" ހޯދުމަށްފަހުގައިކަމަށާއި އެ ހުއްދައަށް އެދި ހުށަހަޅަން ޖެހެނީ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ކެމިކަލް ވިއްކުމުގެ ހުއްދައަށް އެދޭ ފޯމު މެދުވެރިކޮށް ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ކެމިކަލް ވިއްކުމަށްޓަކައި އެ ކެމިކަލްތައް ބަހައްޓާ ފިހާރަ މަކުޑި ޕޯޓަލްގައި ރަޖިސްޓްރީ ކުރަންވާނެކަމަށް މިނިސްޓްރީން ބުންޏެވެ. މިގޮތުން، ހުއްދަ ދޫކުރެވޭނީ ކެމިކަލް ބަހައްޓާ ފިހާރަ އިންސްޕެކްޓް ކުރުމަށްފަހު، ރައްކާތެރިކަމާއެކު ކެމިކަލް އުފުލައި، ގެންގުޅެ އަދި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފަރާތްތަކަށް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ނުރައްކާތެރި ކެމިކަލްތައް ސަލާމަތީ ކަންކަން ކަށަވަރުނުވާ ތަންތަނުގައި ގުދަންކޮށް ވިއްކުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުމަށް ފުރުސަތު ބޮޑު ކަމެއް ކަމަށެވެ. އެހެންވެ، ކެމިކަލް ވިއްކުމަށްޓަކައި މިއަދުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ހުއްދަ ހޯދުމަށާއި، ކެމިކަލް ބަހައްޓާ ތަންތަން މަކުޑި ޕޯޓަލްގައި ރެޖިސްޓަރ ކުރުމަށް ކެމިކަލް ވިއްކާ ފަރާތްތަކަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
ހަމައެއާއެކު، މިނިސްޓްރީން ވަނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް ކެމިކަލް ވިއްކަމުންގެންދާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދީފައެވެ.
ރަޖިސްޓްރީނުކޮށް ކެމިކަލް ވިއްކާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނަން: ޑިފެންސް މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ