ކޯޓު އަމުރެއްގެ ދަށުން އައްޑޫގައި ހިންގާ ޑްރަގް އައްޑާއެއް ބަންދުކޮށްފި

އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މަރަދޫ ގެއެއް ބަންދުކޮށްފި އެވެ.
ފުލުހުން ބުނީ މަރަދޫ މެޖިސްޓްރޭޓު ކޯޓުން އަމުރުކުރީ ޖުލައި 12، އިން ފެށިގެން 90 ދުވަހަށް މަރަދޫ، ބޯޅަދަނޑުގެ ބަންދުކުރުމަށް ކަމަށެވެ. މިއީ ޑްރަގް އައްޑާއެއް ބަންދުކުރަން މަރަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރި ފުރަތަމަ ފަހަރެވެ.
ޑްރަގް އައްޑާއެއް ކަމަށް ކަނޑައަޅައި ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ ތަންތަނަށް ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. އެފަދަ ތަންތަނަށް ވަދެ ނުކުމެ ހަދާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިންޒާރުކުރި އެވެ.
ޑްރަގް އައްޑާއެއް ކަމަށް ކަނޑައަޅައި މީގެ ކުރިން، ކްރިމިނަލް ކޯޓުން ވަނީ ކ. މާލެ، ހ. ގުންޒަރު ވެސް ބަންދުކޮށްފަ އެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ސައުވީސް ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ، އެގޮތަށް ބަންދުކުރެވޭ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކޮށްފައިވަނީ މާޗު 7، ގަ އެވެ. މި އިސްލާހުގެ މައިގަނޑު މަގުސަދަކީ މަސްތުވާތަކެތި ބޭނުންކުރުމަށް ހާއްސަކޮށްގެން ހިންގާ "އައްޑާތައް" ނައްތާލުމެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ފަސް އަހަރުގެ ޖަލު ހުކުމަކާއި، އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަނެއްކަން އެނގިހުރެ އެކަން ހުއްދަކުރުން ނުވަތަ އެކަން ހިނގިޔަ ދިނުމަކީ އެ ތަނުގެ ވެރިފަރާތް، ކުއްޔަށް ހިފައިގެން އުޅޭ ފަރާތް، ނުވަތަ އެ ތަނާ ހަވާލުވެ ހުރި ފަރާތް ކުށްވެރިވާނެ ކަމެކެވެ. ގާނޫނުގައިވާ ގޮތުން އެފަދަ ފަރާތްތަކަށް ވެސް ހަރުކަށި އަދަބުތައް ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ