ޤަޠަރުގެ އަމީރާއި ރައީސް މުޢިއްޒު ބައްދަލުކުރައްވައި ތައުޒިޔާ ރައްދުކުރައްވައިފި

ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. ރައީސް މިއަދު ވަނީ ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އިއްޔެ އަވަހާރަވުމާ ގުޅިގެން، ޤަޠަރުގެ ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށްޓަކައި ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް މިއަދު ހެނދުނު ފުރާވަޑައިގެންފައެވެ. ރައީސް އޮފީހުން މިއަދު ބުނީ ޤަޠަރުގެ ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ޕެލަސްގައި އޮތް މި ބައްދަލުވުމުގައި ރައީސް ވަނީ ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން، ދިވެހީންގެ ނަމުގައްޔާއި ރައީސްގެ ނަންފުޅުގައި ތައުޒިޔާ ވިދާޅުވި ކަމަށެވެ. މީގެ އިތުރުން، ރާއްޖެއާއި ޤަޠަރާ ދެމެދު އޮންނަ ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ އަޒުމު ދެ ގައުމުން ހިއްސާކުރާކަން ދެ ބޭފުޅުން ހާމަކުރެއްވި ކަމަށް، ރައީސް އޮފީހުން ބުންޏެވެ. ރައީސްގެ މި ދަތުރުފުޅަކީ ޤަޠަރުގެ ކުރީގެ އަމީރު ރާއްޖެއަށް ދެއްވި އެހީތެރިކަން ރަމްޒުކޮށްދޭ ދަތުރުފުޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ. ފާހަގަކުރެވޭ ގޮތުގައި ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީގެ ޒައާމަތުގައި ޤަޠަރަކީ ދުނިޔޭގެ އެންމެ މުއްސަނދި، އަދި ނުފޫޒުގަދަ އެއް ގައުމަށް ހެއްދެވިއެވެ. ޚާއްސަކޮށް ޤަޠަރުގެ ގޭހުގެ ވަސީލަތްތައް ބޭނުންކޮށްގެން ގައުމުގެ އިގުތިޞާދު ވަރުގަދަކުރައްވައި، މުޅި ދުނިޔެއަށް މަޝްހޫރު "އަލްޖަޒީރާ" މީޑިއާ ނެޓްވޯކް އުފެއްދެވީވެސް އެމަނިކުފާނުގެ ރޭވުންތެރިކަމުގެ ދަށުންނެވެ. މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2022ވަނަ އަހަރު ޤަޠަރުގައި ބޭއްވުމުގެ ފުރުސަތު ހޯދައިދިނުމުގެ ބިންގާ އެޅުއްވީ ވެސް ޝައިޚް ޙަމަދުގެ ވެރިކަމުގައެވެ. އެ މަނިކުފާނު ވެރިކަން ދޫކޮށްލެއްވީ 2013ވަނަ އަހަރު، ދަރިކަލުން އަދި ޤަޠަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއަށް ވެރިކަން މުސްތަގިއްލުކަމާއެކު ހަވާލުކުރެއްވުމަށްފަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ