ރައީސް މުއިއްޒު ގަތަރުގެ އަމީރުއާ ބައްދަލު ކުރައްވައިފި

ގަތަރުގެ އަމީރު، ޝައިހް ތަމީމް ބިން ހަމަދު އަލް ސާނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ މިއަދު މެންދުރުފަހު، ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ލުސައިލް ގަނޑުވަރުގައި ކަމަށެވެ.
އެ ބައްދަލުވުމުގައި ގަތަރުގެ ކުރީގެ އަމީރު އަދި މިހާރުގެ އަމީރުގެ ބައްޕާފުޅު ޝައިހް ހަމަދު ބިން ހަލީފާ އަލް ސާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ނަމުގަ އާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ރައީސް ތައުޒިޔާ ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމާ މެދު މަޝްވަރާ ކުރައްވައި، އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައީސްގެ އެ ދަތުރުފުޅަކީ، އިއްޔެ ގަތަރުގެ ކުރީގެ އަމީރު ޝައިހު ހަމަދު އަވަހާރަވުމާ ގުޅިގެން، ގަތަރުގެ މިހާރުގެ އަމީރު އާއި އެ ގައުމުގެ ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށާއި އެ ބޭފުޅުންގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ޝައިހު ހަމަދަކީ ޒަމާނީ ގަތަރު ބިނާކުރުމުގެ އެންމެ މުހިންމު އެއް މޭސްތިރިޔާ އެވެ. އޭނާ ވަނީ 1995 އިން 2013 އަށް ގަތަރުގެ ވެރިކަން ކުރައްވައި، އެ ގައުމަށް އާދަޔާ ހިލާފު ބޮޑެތި ބަދަލުތަކެއް ގެނެސް ދެއްވައިފަ އެވެ. 
ޝައިހު ހަމަދަކީ ރާއްޖެއަށް ވެސް އެކި ދާއިރާތަކުން އެތައް އެހީއެއް ދެއްވި ބޭފުޅެކެވެ. އެގޮތުން ގަތަރު ސަރުކާރުގެ އެހީގައި ރާއްޖޭގައި މިސްކިތްތައް އިމާރާތް ކުރުމާއި މަރާމާތު ކުރުމުގެ މަޝްރޫއުތައް ހިންގާފައިވެ އެވެ. އަދި ލ. ގަމުގައި ހުންނަ ޝައިހު ހަމަދު ބިން ހަލީފާ އަލް ސާނީ ސްކޫލް (ހަމަދު ސްކޫލް) އަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ތަނެކެވެ.
މިހާރު މީޑިއާގައި ނުފޫޒުގަދަ "އަލް ޖަޒީރާ" އަކީ ވެސް ޝައިހް ހަމަދުގެ ވެރިކަމުގައި 1996 ވަނަ އަހަރު ނެރުއްވި ގަރާރެއްގެ ދަށުން އުފެއްދި ނެޓްވޯކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ