ކަނޑުއޮތްގިރި އައިސްޕްލާންޓާއި ހިކަމަސް ކާރުޚާނާ ހުޅުވައިފި

މިފްކޯއިން ކަނޑުއޮތްގިރީގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓާއި މަސް ކާރުޚާނާ ހުޅުވައިފިއެވެ. މި ދެތަން ހުޅުވައި ދެއްވީ މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.
މިފްކޯއިން ކަނޑުއޮތްގިރީގައި ތަރައްޤީކޮށްފައިވަނީ ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓެކެވެ. މިއީ މިސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ދަތިތައް ހައްލުކުރުމަށް ޤާއިމްކުރެވުނު އައިސް ޕްލާންޓެއް ކަމަށް މިފްކޯއިން ވިދާޅުވެއެވެ. ކަނޑުއޮތްގިރީގައި ހުންނަވާ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް ވިދާޅުވީ، މިތަނުން ޖުމްލަކޮށް ހުރިހާ މަސްވެރިންނަށް ޚިދުމަތްދޭނެ ކަމަށެވެ.
"ހުރިހާ މަސްވެރިންނަށް މިތަނުން އައިސް ވިއްކާނެ. އެހެންނަމަވެސް ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަންއިން އެބައިން އައިސް ލިބުމުގެ ދަތިތަކެއްގެ ވާހަކަ އަޅުގަނޑަށް ނަންގަންނަވާފައި. އެހެންނަމަވެސް އަޅުގަނޑުމެންނަށް ކަނޑުއޮތްގިރީގައި މި ހުޅުވުނު އައިސްޕްލާންޓުގެ ސަބަބުން އެބޭފުޅުންނަށްވެސް ދަތިކަމެއް ނެތި އައިސް ފޯރުކޮށްދެވޭނެ. " މިފްކޯގެ ސީއީއޯ އަނަސް ވިދާޅުވިއެވެ.
މިފްކޯއިން ކަނޑުއޮތްގިރީގައި ހިންގާ އޮޕަރޭޝަން ފުޅާކޮށް ހަރުދަނާ ކުރުމުގެ ތެރެއިން، ކަނޑުއޮތްގިރީގައި މިފްކޯގެ ހިކިމަސް ކާރުޚާނާއެއްވެސް ވަނީ ހުޅުވާފައެވެ. މިފްކޯގެ ހިކިމަސް ކާރުޚާނާ އަކީ ދުވާލެއްގެ މައްޗަށް 3 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ކާރުޚާނާއެއް ކަމަށް މިފްކޯއިން ވިދާޅުވިއެވެ. މިފްކޯގެ ސީއީއޯ އަނަސް ވިދާޅުވީ މިތަނުގެ ސަބަބުން މާލެ ސަރަހައްދުގައި ހިކިމަހުގެ އުފެއްދުންތައް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބޭނެ ކަމަށެވެ.
"އެންމެ ބޮޑު ޗެލެންޖަކަށް މިހާރުވެފައި މިއިންނަނީ އަޅުގަނޑުމެންގެ ޕްރޮޑަކްޝަން ހައުސް ކޫއްޑޫގައި ހުރުން. ކޫއްޑޫން އަޅުގަނޑުމެން ޕްރޮސެސްކޮށް މާލެ ގެނައުމަށް ދިމާވާ ދަތިތަކެއް މިހުންނަނީ. އެދަތިތައް ހައްލުކުރުމަށް ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއެއް ޤާއިމްކުރުމުން ލިބޭ ފައިދާއަކީ މާލެ ސަރަހައްދުގައި ހުރި ފިހާރަތަކަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓްސް އަބަދުވެސް ލިބިގެން ދިއުން. މިހާރު އަޅުގަނޑުމެންނަށް ލިބޭ އެއް ޝަކުވާއަކީ ފިހާރައިގަ މުދާ ހަމައަށް ލިބެން ނެތް ކަމުގެ ޝަކުވާ. " މިފްކޯގެ ސީއީއޯ އަނަސް ވިދާޅުވިއެވެ.
މިފްކޯގެ ހިކިމަސް ކާރުޚާނާއިން ރޯމަސް ގެނެސް، ކަނޑައި މަސް ކެއްކުމުގެ އިތުރުން، މަސް ދިލަ ޖައްސާ ޕެކް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.
މިފްކޯއިން ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އިތުރަށް ފުޅާ ކުރުން ކަމަށެވެ. އަދި މުސްތަޤުބަލުގައި އިތުރު ވަސީލަތްތަކާ އެކު މިހާރަށް ވުރެ ފުޅާކޮށް ކަނޑުއޮތްގިރި ހިންގާނެ ކަމަށް މިފްކޯއިން ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ރާއްޖޭގައި މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް ނިންމަވާފައެވެ. އަދި މިހާރުވެސް އެކަމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ގެންދަވަނީ ޤާއިމްކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ