އީރާނާ ދެކޮޅަށް އެމެރިކާއިން އެންމެ ފަހުން ދީފައިވާ ޢުދުވާނީ ޙަމަލާތަކާއެކު، ސަރަޙައްދީ ނުތަނަވަސްކަން ކުޑަކުރުމަށް ޚާރިޖީ ގޮތުން ފާއިތުވި މަސްތަކުގައި ކުރެވުނު ހުރިހާ މަސައްކަތެއް ބޭކާރުވެފައިވާ ކަމުގައި އީރާނުން ބުނެފިއެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނީ، މިއީ އެކުވެރި ދައުލަތްތަކުގެ (އދ) ޗާޓަރުގެ އަސާސީ އުސޫލުތަކާ ޚިލާފު ލާއިންސާނީ ޖަރީމާތަކެއް ކަމުގައެވެ. އަދި، މިއީ ބައިނަލްއަޤުވާމީ ޞުލްޙައާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއްގެ ގޮތުގައި ވެސް ތެހްރާނުން ސިފަކޮށްފައިވެއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ޖުުލައި 12 ވަނަ ދުވަހު އީރާންގެ އައްސޭރިފަށުގެ އަމާޒުތަކަށް ޙަމަލާ ދީފައި ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އީރާނުން ޙަމަލާދެމުންދާ ކަމުގައި ތުހުމަތުކޮށް، އީރާންގެ އަސްކަރިއްޔާ ބަލިކަށިކޮށްލުމުގެ ނަމުގައެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ދޭން ފެށި ޙަމަލާތަކެއް ކަމަށާއި، އޭގެ މަޤުޞަދަކީ އީރާނުގެ ފައުޖުތައް ޖަވާބުދާރީ ކުރުވުން ކަމުގައެވެ.
އީރާނާއި ޢުމާނުގެ އިސްވެރިންގެ މެދުގައި މަސްޤަޠުގައި ބޭއްވި މަޝްވަރާތަކާ ގުޅޭ ގޮތުން ޓްރަމްޕް ދާދިފަހުން ދައްކަވާފައިވާ ވާހަކަފުޅުތައް ވެސް އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ ދޮގުކޮށްފައެވެ. އެއީ، ޓްރަމްޕްގެ އަމިއްލަ ނިކަމެތިކަމުން އަރައިގަތުމުގެ ނިޔަތުގައި ފަތުރާފައިވާ ދޮގު ވާހަކަތަކެއްގެ ގޮތުގައި ތެހްރާނުން ސިފަކުރިއެވެ. މަސްޤަޠުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާއި، އެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުންނެވެ. ނަމަވެސް، އެ މަސައްކަތްތަކުގެ ތެރެއަށް އެމެރިކާއިން ފާޅުގައި ވަދެ، ހުރްމުޒް ކަނޑުއޮޅީގެ ހަމަޖެހުން ނަގައިލާފައިވާކަމުގައި އީރާނުން ބުނެއެވެ.
އީރާންގެ ޚާރިޖީ ވުޒާރާއިން ބުނީީ، އެ ޤައުމާއެކު އެމެރިކާއިން ސޮއިކޮށްފައިވާ ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުމާ ވޮޝިންގޓަނުން ފާޅުގައި ޚިލާފުވެފައިވާ ކަމުގައެވެ. ދަތުރުފަތުރުގެ ދާއިރާތަކަށާއި، މަސްވެރި އުޅަނދުތަކަށާއި، ވިޔަފާރި އުޅަނދުތަކަށާއި، މޫސުމާ ބެހޭ ވަސީލަތްތަކަށާއި، މަދަނީ ބިނާރާއި އިމާރާތްތަކަށް ޙަމަލާދީ، އެމެރިކާއިން "ހަނގުރާމައިގެ ޖަރީމާތައް" ހިންގަމުންދާ ކަމުގައި ވެސް ތެހްރާނުން ބުނެއެވެ. މި ޢުދުވާނުގެ ސަބަބުން ބައިނަލްއަޤުވާމީ ވިޔަފާރީގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގައި ވެސް އީރާނުން ވަނީ ބުނެފައެވެ.
އެމެރިކާގެ ޢުދުވާންތަކާއެކު ޞުލްޙައިގެ މަސައްކަތް ފޭލުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ