އިންޑިއާގެ އެފްޓީއޭއާއެކު ރާއްޖޭގެ ކަނޑުގެ ސިނާއަތަށް ފުރުސަތުތަކެއް ހުޅުވިގެންދާނެ: ސައީދު
އިންޑިއާއާއެކު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އަދި ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ (ބީއައިޓީ) ގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސިނާއަތަށާއި މުޅި އިގުތިސާދަށް ފުޅާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ "ވިއޯން" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔުޝް ގޯޔަލްއާއެކު ނިއުދިއްލީގައި ބޭއްވެވި މަޝްވަރާތަކަކީ ވަރަށް ކާމިޔާބު އަދި އުފެއްދުންތެރި މަޝްވަރާތަކެކެވެ. މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ދެމެދުގައިވާ އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެވުނު ކަމަށާއި، ބީއައިޓީގެ މަޝްވަރާތައް މިހާރު ނިމިފައިވާއިރު، އެފްޓީއޭގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގެ މަސްވެރިކަމާއި، ކަނޑުގެ އުފެއްދުންތަކާއި، ޑިޖިޓަލް ހިދުމަތްތަކުގެ އިތުރުން އުފެއްދުންތެރި ސިނާއަތްތަކަށް އިންޑިއާގެ ބޮޑު މާކެޓުން ހާއްސަ ފުރުސަތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއަށް އިންޑިއާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ބީއައިޓީގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. https://www.sun.mv/224385 ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގެ 33 އިންސައްތައަކީ ޑިޖިޓަލް އިގުތިސާދުގެ ހިއްސާ ކަމުގައި ހެދުން ކަމަށްވާއިރު، މި އެއްބަސްވުންތަކަކީ އެ އަމާޒަށް ވާސިލުވުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އިންޑިއާއާއެކު ގާއިމުކުރެވޭ ގުޅުމުގެ ތެރެއިން ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި އިނޮވޭޝަން ކުރިއެރުވުމަށް އެހީތެރިކަން ލިބޭނެ ކަމަށާއި، މިކަމުގެ ސަބަބުން ވަޒީފާގެ އާ ފުރުސަތުތައް އުފެދި، ޓެކްނޮލޮޖީ ބަދަލުކުރެވި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އާ މާކެޓުތަކަށް ވަނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ ގުޅުން ބަދަހިވަމުން މިދަނީ، ދާދި ފަހުން ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އައި ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ސައީދު ވިދާޅުވިއެވެ. ރައީސްގެ ދަތުރުފުޅުގެ ތެރެއިން ނިއުދިއްލީ، މުމްބާއީ އަދި ބެންގަލޫރުގައި ބޭއްވުނު ބިޒްނަސް ފޯރަމްތަކުގެ ސަބަބުން ދެ ގައުމުގެ އާންމު އަދި އަމިއްލަ ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނިއުދިއްލީގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި، ރާއްޖޭގެ އިގުތިސާދުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. މިކަމުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އާ ފުރުސަތުތައް އުފެދިގެންދާނެ ކަމަށް ބެލެވެއެވެ. ހަމައެއާއެކު، ކަސްޓަމްސްގެ އިޖުރާއަތްތައް ލުއިފަސޭހަކޮށް، ސަޕްލައި ޗެއިންގެ މަސައްކަތްތައް ހަރުދަނާކޮށް، ވިޔަފާރިކުރުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުންވެސް ދެ ވަޒީރުން ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ. މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މި އެއްބަސްވުންތަކަކީ ހަމައެކަނި ވިޔަފާރި ފުޅާކުރުމަށްވުރެ މާ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، އިގުތިސާދީ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ ސްޓްރެޓީޖިކް ފުރުސަތެކެވެ. މިކަމުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ފަދަ އިގުތިސާދެއް ބިނާކުރުމަށް ރާއްޖެއިން ގެންގުޅޭ ދުރު ރާސްތާގެ ތަސައްވުރު ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ. މި އެއްބަސްވުންތަކުގެ އަމަލީ މަސައްކަތްތައް ފެށުމާއެކު، ދެ ގައުމުގެ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް މީގެ ހެޔޮ ނަތީޖާ ފެންނަން ފަށާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ