މި ސިޔާސީ ނިޒާމު ހިންގަނީ ޕާޓީތަކަށް ޚިދުމަތް ކުރަން: އުމަރު
ރާއްޖޭގައި މިހާރު މިއޮތް ސިޔާސީ ނިޒާމު ހިންގަމުން އަންނަނީ ސިޔާސީ ޕާޓީތަކުން އެ މީހުންގެ ބޭނުންތައް ފުއްދުމަށް އެކަނި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އެސްއެސްޓީވީން ގެނެސްދިން "ބާރު ހަތަރެއް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ގެނެސްފައިވާ ވެރިކަމުގެ ނިޒާމަކީ ސިޔާސީ ޕާޓީތަކަށް ޚިދުމަތްކުރާ ނިޒާމެއް ކަމަށެވެ. އަދި މި ނިޒާމުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނުނިކުންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "އެ މީހުންގެ މީހުން ތަންތާ ބެއިތިއްބުމާއި އެ މީހުންގެ ޗާލާކީ ކަމަށް ހިންގާ ނިޒާމެއް މި ނިޒާމަކީ. މި ނިޒާމަކީ ވަރަށް ފަލަ ބޮޑު, ބަނބުކެޔޮ ގަހެއް ކަހަލަ ނިޒާމެއް. އެކަމަކު އެއްވެސް ކަމަކުން އިފެކްޓިވްކޮށް ޑެލިވަރީއެއް ހަދާ ނުލެވޭ ނިޒާމެއް," އުމަރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިބިއިރު، ގާނޫނުއަސާސީ އޮތް ގޮތުން ދެން އަންނަ އިންތިޚާބަކަށް ވާއިރު އެ އަދަދު 100 އިން މަތިވާނެ ކަމަށެވެ. ރާއްޖެ ފަދަ ކުޑަ އާބާދީއެއްގައި މިހާ ގިނަ މެންބަރުން ތިބެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މިއީ ދައުލަތުގެ ބަޖެޓަށް ވެސް އޮތް ވަރަށް ބޮޑު ބުރައެއް ކަމަށް އުމަރު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ސައިޒު ބޮޑުވުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކައުންސިލަރުންގެ އަދަދު ވެސް މާ ގިނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "މީގައި އަދި ހެއްވާ ކަމަކީ މިއީ ރަނގަޅު ގޮތް ނޫން ކަމަށް ހުރިހާ ޕާޓީއަކުން ވެސް ގަބޫލު ކުރޭ. އެކަމަކު ދުވަހަކު ވެސް މިކަމެއް ރަނގަޅެއް ނުކުރޭ. ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ވެރިކަން ކޮށްފި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު," އުމަރު ވިދާޅުވިއެވެ. "މި ޕާޓީތަކުން ބުނާ އަޑު އިވޭ ރައްޔިތުންގެ މަޖިލިސް މާ ބޮޑޭ. އެކަމަކު ބަދަލެއް ނުކުރޭ އެއްވެސް ބަޔަކު. ހަމަ މި ޕާޓީތަކުން އެބަ ބުނޭ ކައުންސިލަރުންގެ އަދަދު ވެސް މާ ބޮޑޭ. ބަދަލެއް ނުކުރޭ އެކަންކަމެއް ވެސް." ރާއްޖޭގައި 2008 ވަނަ އަހަރު އާ ގާނޫނުއަސާސީއާއެކު ތަޢާރަފުކުރި މަލްޓި-ޕާޓީ ނިޒާމުގެ ދަށުން ސިޔާސީ ޕާޓީތަކުން ވެރިކަން ކުރާތާ 18 އަހަރު ވެފައިވާއިރު، ކޮންމެ ވެރިކަމެއްގައި ވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގުމާއި ނާޖާއިޒު ގޮތުގައި ގާތް މީހުންނަށް ކަންކަން ކޮށްދިނުމަކީ ވަރަށް އާންމު ކަމެކެވެ. ދައުލަތުގެ ތެރޭގައި ކުރާ ވައްކަންތަކާއި ކޮރަޕްޝަން ރާއްޖޭގައި އިންތިހާއަށް އިތުރުވެފައިވާއިރު، މިކަންކަން ހުއްޓުވުމަށް މިހާރު އޮތް ނިޒާމު ވަނީ ނުކުޅެދިފައެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދައިގެން ހިންގަން ފެށީ 2005 ވަނަ އަހަރުއެވެ. އޭގެ ފަހުން 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުން ފެށިގެން މިއަދާ ހަމައަށް ވެސް ރާއްޖޭގައި އޮތީ ޕާޓީ ނިޒާމެވެ. ނަމަވެސް، މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ވުރެ ބޮޑަށް ޕާޓީތަކުގެ އިސް ސަފުގައި ތިބޭ ފަރާތްތަކަށް މަންފާކުރާ ކަމުގެ ޝަކުވާއަކީ އާންމުންގެ ތެރޭގައި ވެސް ގިނައިން ދެކެވޭ ވާހަކައެކެވެ. ކޮންމެ ފަސް އަހަރަކުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުމަށް ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭ ކަމަށް އެކި ފަހަރު މަތިން ސިޔާސީ ބޭފުޅުން ވިދާޅުވި ނަމަވެސް، މިހާތަނަށް އައިއިރު އެއްވެސް ސަރުކާރަކުން އަދި މަޖިލީހަކުން ވެސް އެކަމަށް އަމަލީ ސިފައެއް ގެނެސްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ