ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފަސްވަނަ ބުރުގެ އޮޑިޝަންތައް ރަސްމީކޮށް ފަށައިފިއެވެ. މި ބުރުގައި ޖުމްލަ 80 ޒުވާނުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ރަށްރަށުގައި ޚަޠީބުން ތިބި މިންވަރު މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި، މުޖުތަމައަށް ޚިދުމަތް ކުރުމުގެ ފުރުސަތު ޒުވާނުންނަށް ހޯދައިދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ގްރޭޓަރ މާލެ ސަރަހައްދުން ކުރިމަތިލީ ފަރާތްތަކުގެ އޮޑިޝަންތައް ޖުލައި 12 އިން 20 އަށް ކުރިއަށްދާނެއެވެ. އަދި އަތޮޅުތަކުން ކުރިމަތިލީ ފަރާތްތަކުގެ އޮޑިޝަންތައް ޖުލައި 15 އިން 20 އަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ. އޮޑިޝަންގެ ފުރަތަމަ ދުވަހު އެކަނިވެސް 22 ކެންޑިޑޭޓުން ބައިވެރިވެފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމްގެ ފަސްވަނަ ބުރުގެ ތަމްރީނުތައް ކުރިއަށްދާނީ ޖުލައި 23 އިން 30 އަށެވެ. އަތޮޅުތަކުން ބައިވެރިވާ ފަރާތްތަކަށް ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. މި ބުރުގައި މާލެ ސަރަހައްދުން 40 ޖާގަ އަދި އަތޮޅުތަކުން 40 ޖާގަ ވަނީ ކަނޑައަޅާފައެވެ.
މި ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި ކިޔަވާ ދަރިވަރުންނާއި، ސްކޫލް ނިމިފައިވާ 18 އަހަރުން ދަށުގެ ޒުވާނުންނަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެށި ފަހުން މިހާތަނަށް ހަތަރު ބުރެއް ނިންމައި، 600 އަށްވުރެ ގިނަ ޒުވާނުން ވަނީ ދަސްވެނިވެފައެވެ.
ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގެ ދަށުން ޖުމްލަ 1,000 ޒުވާން ޚަޠީބުން ތަމްރީނުކޮށް މުޖުތަމައަށް ނެރުމެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފަސްވަނަ ބުރުގެ އޮޑިޝަންތައް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ