ރާއްޖޭގެ ޖަލުގައި ތިބި ބަންގްލަދޭޝް ގައިދީން ގައުމަށް ގެންދިއުމަށް އެއްބަސްވުމެއް ހަދަނީ

ބަންގްލަދޭޝް އާއި ދިވެހިރާއްޖެއާ ދެމެދު ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށާއި މިއީ ދިވެހިރާއްޖޭގެ ޖަލުތަކުގައި ތިބި ބަންގްލަދޭޝްގެ ގައިދީން، އިންސާނީ ކަރާމާތަށް އިސްކަންދީ، އެމީހުންގެ ހުކުމުގެ ބާކީ އޮތް ބައި ފުރިހަމަކުރުމަށް އެނބުރި ގައުމަށް ދިއުމަށް މަގުފަހިވެގެންދާނެ އެއްބަސްވުމެއް ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބުނެފިއެވެ.
މިކަމާ ގުޅޭ ތަފްސީލު ހާމަކޮށްފައިވަނީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައެވެ. ހައިކޮމިޝަނުން ބުނި ގޮތުގައި، މި އެއްބަސްވުން އަވަހަށް ތަންފީޒުކުރުމަށްޓަކައި ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ދަނީ ގާތުން މަސައްކަތް ކުރަމުންނެވެ. ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ނިމުމުން، މި އެއްބަސްވުމުގައި ސޮއިކޮށް އަމަލުކުރަން ފަށާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
ހައިކޮމިޝަނުން ބުނިގޮތުގައި ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ލާބަޔާއި، ހައްގުތަކާއި، އިންސާނީ އެހީތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑރ.މުހައްމަދު ނަޒްމުލް އިސްލާމް އިސްކޮށް ހުންނަވައިގެން ވަފުދެއް ދާދިފަހުން ވަނީ މާފުށީ ޖަލަށް ޒިޔާރަތްކުރައްވާފައެވެ.
މި ޒިޔާރަތުގައި އެ ވަފުދުން ވަނީ ބަންގްލަދޭޝްގެ 44 ގައިދީއަކާ ބައްދަލުކޮށް، އެމީހުންގެ އާންމު ހާލަތު އޮޅުންފިލުވާފައެވެ. ހައިކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، މާފުށީ ޖަލުގައި ތިބި ބަންގްލަދޭޝްގެ ގައިދީންގެ ތެރެއިން 34 މީހަކީ ހުކުމް ތަންފީޒުކުރަމުންދާ މީހުންނެވެ. އަދި ބާކީ ތިބި 10 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނެވެ.
ވަފުދުގެ މެންބަރުން ވަނީ ކޮންމެ ގައިދީއަކާ ވަކިވަކިން ވާހަކަދައްކައި، އެމީހުންނަށް ލިބޭ ސިއްހީ ފަރުވާ، ކާބޯތަކެތި، އަންނައުނު، ހުރުން އަދި ޖަލުގެ އާންމު މާހައުލު ހުރި ގޮތް ބަލާފައެވެ.
އޭގެ ފަހުން އެ ވަފުދުން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިންނާ ބައްދަލުކޮށް، ގައިދީންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކޮށްފައެވެ. އަދި ގައިދީންނަށް ލިބެންޖެހޭ ހިދުމަތްތައް ލަސްނުކޮށް ފޯރުކޮށްދިނުމަށް ވަނީ އެދިފައެވެ.
މި ޒިޔާރަތަށްފަހު ހައިކޮމިޝަނަރު ޑރ.މުހައްމަދު ނަޒްމުލް އިސްލާމް ވިދާޅުވީ، "ގައުމުން ބޭރުގައި ދިރިއުޅޭ ބަންގްލަދޭޝްގެ ކޮންމެ ރައްޔިތެއްގެ އިންސާނީ ކަރާމާތާއި އަސާސީ ހައްގުތައް ކަށަވަރުކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއްގެ ބައެއް. މިހާރުގެ ސަރުކާރުން އޮތީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ލާބަޔާއި، ރައްކާތެރިކަމާއި، އަދި ގަދަރުވެރިކަން ކަށަވަރުކުރުމަށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރުމަށް ތައްޔާރަށް،" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ