ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލްގައި ނޯވޭ އާއި ދެކޮޅަށް އިންގަލަންޑް އިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް މިޓީމަށް މިއަށްވުރެ ރަނގަޅަށް ކުޅެވޭނެކަމަށް އިންގްލަންޑްގެ ކޯޗު ތޯމަސް ޓުކެލް ބުނެފިއެވެ.
ޓުކެލް މިހެން ބުނެފައިވަނީ ނޯވޭ އާއި ބައްދަލުކޮށް ފަހަތުން އަރާ 2 ލަނޑު އެއް ލަނޑުން އިންގަލަންޑް މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ޓުކެލް ބުނީ މިމެޗުގައި އިންގަލަންޑްގެ ކުޅުންތެރިން ދެއްކި ކުޅުމާއި ކުރި ހިތްވަރަށް ތައުރީފް ހައްގު ކަމަށާއި ނަމަވެސް ކޯޗެއްގެ ހައިސިއްޔަތުން ބުނަން ޖެހޭނީ އިންގްލަންޑް ޓީމަށް މިއަށްވުރެ ރަނގަޅަށް ކުޅެވޭނެކަމަށެވެ. މުޅި މެޗަށް ބަލާއިރު މިއީ އެންމެ ވަރުގަދަކޮށް ކުޅުނު މެޗެއްގެގޮތުގައި ނުބުނެވޭނެ ކަމަށާއި އަދި މިއަށްވުރެ ވަރުގަދަ މެޗު އިންގަލަންޑްއިން ކުޅެފައިވާކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިވަގުތު މުހިންމީ ސެމީ ފައިނަލުން ޖާގަހޯދުން ކަމަށާއި އެކަން ވުމުން ވަރަށް ހިތްހަމަ ޖެހޭކަމަށްވެސް ޓުކެލް ފާހަގަ ކުރިއެވެ.
އިންގްލަންޑް ޓީމުގެ ރަނގަޅު ކުރަންޖެހޭ ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޓުކެލް ބުނީ އެޓީމުން ހަމަލާ އުފައްދާއިރު ހަމަލާތަކުގައި މިހާރަށް ވުރެ ގިނަ ކުޅުންތެރިންގެ ބައިވެރިވުން މުހިންމު ކަމަށާއި މިވަގުތު އެޓީމުން އުފައްދާ ގިނަ ހަމަލާތައް ބިނާވެފައިމިވަނީ ކެޕްޓަން ހެރީ ކޭން އާއި ޖުޑް ބެލިންގހަމްގެ މައްޗަށް ކަމަށެވެ. ޓުކެލް ބުނީ ކޭން އާއި ބެލިންގހަމް އަށް ބަރޯސާ ވުމަކީ ގޯސް ކަމެއް ނޫން ކަމަށާއި މިހާތަނަށް އެދެ ކުޅުންތެރިން އެކަން ސާބިތު ކޮށްދީފައިވާ ކަމަށާއި ނަމަވެސް އެދެ ކުޅުންތެރިންނަށް އެހެން ކުޅުންތެރިންގެ ބައިވެރިވުން އައުމުން ލުއި ވެގެންދާނެކަމަށް ޓުކެލް ހާމަކުރިއެވެ.
މިމެޗަށްފަހު ވާހަކަ ދައްކަމުން ނޯޥޭގެ ކޯޗު ސްޓާލް ސޮލްބަކެންވަނީ އިންގަލަންޑްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖެހި ހަމަލާ އުފެއްދުމަށް ލިބުނު ފުރުސަތުގެ ތެރޭގައި ބޯޅަ ދަނޑު މަތިން އަޅާފައިވާ ކެމެރާތަކުގެ ކޭބަލްގައި ޖެހުނުކަމަށް ބުނެފައެވެ. އޭނާ ބުނީ އެހާދިސާ ހިނގާފައިވަނީ ނޯވޭގެ ކީޕަރ އޯޔާން ނައިލަންޑް ބޯޅައެއް ކްލިއަރ ކުރުމުގެ ތެރޭގައި ކަމަށާއި އަދި ކޭބަލްގައި ބޯޅަ ޖެހި މިސްރާބު ކޮށްމެވެސް ވަރަކަށް ބަދަލުވެ ލިބިފައިވަނީ އިންގްލަންޑްގެ ކުޅުންތެރިޔަކަށް ކަމަށެވެ. އަދި އެއީ އިންގަލަންޑްގެ ފުރަތަމަ ހަމަލާ ލަނޑު ޖެހުމުގެ ހަމަލާ ފެށުނު ހިސާބު ކަމަށް އޭނާ ބުންޏެވެ.
ސޮލްބަކެންވަނީ ފުރަތަމަ ހާފު ނިމުމާއެކު މިކަމުގެ ޝަކުވާ ރެފްރީ ކައިރީގައިވެސް ކޮށްފައެވެ. ނަމަވެސް މެޗުގެ ރެފްރީ ވަނީ އޭނާއަށް އެތަން ނުފެންނަ ކަމަށް ބުނުމުގެ އިތުރުން ވީއޭއާރުންވެސް އެފަދަ ކަމެއް ހިނގިކަމަށް އިޝާރާތް ކޮށްފައިނުވާކަމަށް ބުނެފައެވެ. ސޮލްބަކެން ބުނީ ބޯޅަ ކުއްލިއަކަށް މަތިން ވެއްޓުނީ ކަމަށާއި އެހެން ކަމުން ބޯޅައިގެ މިސްރާބު ބަދަލުވިކަން އެނގޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އޭނާގެ ކުޅުންތެރިންނަށް އޮޅުން އަރައިގެން ދިޔަކަމަށްވެސް އޭނާ ފާހަގަކުރިއެވެ. ނަމަވެސް ފީފާއިން އާންމު ކުރި ބަޔާނެއްގައިވަނީ ބޯޅަ ކޭބްލްގައި ޖެހުނު ކަމެއް ނުވަތަ ބޯޅައިގެ މިސްރާބު ބަދަލުވިކަމުގެ އެއްވެސް ހެއްކެތް ފެއްނަން ނެތްކަމަށް ބުނެފައެވެ. ސޮލްބަކެން ބުނީ މިކަމުގައި ދެން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި އެއީ އެކަން އެހެން ވީއޭ ކިޔާފަ މިމެޗު އަލަކުން ނުކުޅޭނެކަމަށެވެ.
ސޮލްބަކެން ބުނީ މިމެޗުގެ އިތުރު ވަގުތުގައި އާލިންގ ހާލަންޑް ބާލަން ޖެހުނީ އޭނާ އެއްކޮށް ވަރުބަލިވެ އިތުރަށް ކުޅެވޭނެ ވަރުނެތުމުން ކަމަށެވެ. ނޯވޭގެ ކޯޗު ބުނިގޮތުގައި ހާލަންޑް ވަނީ މިމުބާރާތުގައި ވަރަށް މޮޅު ކުޅުމެއް ހުރިހާ މެޗެއްގައިވެސް ދައްކާފައިކަމަށާއި އެހެން ކަމުން މިހާހިސާބަށް އައިއިރު ވަރުބަލި ކަމަށާއި ކުދި އަނިޔާގެ މައްސަލަ އޭނާއަށް ކުރިމަތިވެފައިވީކަމަށެވެ. އަދި ވޯލްޑް ކަޕްގެ ފަސް މެޗުގައި 7 ލަނޑު ޖެހުމަކީ ފާހަގަ ކޮށްލަންޖެހޭ ކަމެއް ކަމަށެވެ.
މީގެއިތުރުން ސޮލްބަކެން ބުނީ މިމެޗުގެ ނަތީޖާ އާމެދު ހިތާމަ ކުރާ ކަމަށާ އެއީ މިމެޗުން މޮޅުވުމުގެ ފުރުސަތު އެޓީމަށް އޮތް ކަން އެނގޭތީކަމަށް އޭނާ ބުންޏެވެ. ނަމަވެސް މުބާރާތް ފެށުމުގެ ކުރިން ނޯވޭއިން މިހާހިސާބަށް ދަތުރު ކުރާނެކަމަށް ބުނިނަމަ އޭނާ ހުންނާނީ ވަރަށް އުފަލުންކަމަށްވެސް ނޯވޭގެ ކޯޗު ބުންޏެވެ.
ނޯޥޭ މެޗުގައި ދެއްކި ކުޅުމާއި މެޗު ހިތްހަމަ ޖެހޭ، އަދިވެސް ކުޅުން ރަނގަޅު ކުރެވިދާނެ: އިންގަލަންޑް ކޯޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ