ރަތްކަނޑުގެ ހަމަނުޖެހުމާއެކު ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް

އިރާނުގެ މަދަދާއެކު ހަރަކާތްތެރިވާ ހޫތީން ރަތްކަނޑުގައި ދޭންފެށި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރުގަދަ އިންޒާރެއް ދިނުމާއެކު، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އަނެއްކާވެސް 100 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެއެވެ.
​މި ބަދަލާއެކު ބައިނަލްއަގުވާމީ ބެންޗްމާކް، ބްރެންޓް ނޯތު ސީ ކްރޫޑްގެ އަގު ވަނީ ހަ އިންސައްތައަށްވުރެ މައްޗަށް ގޮސް، 100 ޑޮލަރުގެ އިންފަހަނައަޅައި ގޮސްފައެވެ. އަދި ވެސްޓް ޓެކްސަސް އިންޓާމީޑިއޭޓްގެ އަގު 6.3 އިންސައްތައިގެ ކުރިއެރުމަކާއެކު ފީފާއެއްގެ އަގު އުޅެނީ 92.31 ޑޮލަރުގައެވެ.
​މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާ މި ދަނޑިވަޅުގައި، ރައީސް ޓްރަމްޕް ވަނީ ހޫތީންނަށް އަމާޒުކޮށް "އަސްކަރީ ބޮޑު އަދަބެއް" ދޭނެކަމުގެ އިންޒާރު ކުރިމަތިކުރުވާފައެވެ.
​ނަމަވެސް އިރާނުން ބުނަމުންދަނީ އެމެރިކާގެ ހަމަލާތައް އެ ގައުމަށް އަމާޒުވާހާ ހިނދަކު، ގަލްފު ސަރަހައްދަށް ދެމުންދާ ހަމަލާތައް ހުއްޓައިނުލާނެ ކަމަށެވެ.
​ސައޫދީ އަރަބިއްޔާއިން އާންމުކޮށް ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ފޮނުވާ އެތައް މިލިއަން ފީފާ ތެލެއް، މިފަހުން ރަތްކަނޑުގެ މަގުން އެކްސްޕޯޓްކުރަން ފެށި ނަމަވެސް، އެ މަގު ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ނުކުންނަ ތެލުގެ މިންވަރު އިތުރަށް ދަށްވެގެންދާނެއެވެ.
"ވެލްތު ކްލަބް" ގެ ޗީފް އިންވެސްޓްމަންޓް ސްޓްރެޓެޖިސްޓް ސުޒާނާ ސްޓްރީޓާ ފާހަގަކުރެއްވި ގޮތުގައި، ހަކަތައިގެ ކްރައިސިސްއެއް އުފެދިދާނެކަމުގެ ބިރުވެރިކަމާއެކު އިންވެސްޓަރުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.
​އޭނާ އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިއާއި ރަތްކަނޑުގެ ނުރައްކާ ބޮޑުވަމުންދާތީ، ހަކަތަ ފޯރުކޮށްދޭ މުހިންމު މަގުތައް ބަންދުވެ، ތެލުގެ އަގު މަތީގައި ހިފެހެއްޓިފައި ހުރެދާނެ ކަމަށް ބާޒާރުތަކުން އަންނަނީ ތައްޔާރުވަމުންނެވެ.
އިގްތިސާދީ ތަޖުރިބާކާރުން ބުނާ ގޮތުގައި ތެލުގެ އަގު މަތިވުމަކީ އިންފްލޭޝަން އިތުރުވެ، އިންޓްރެސްޓް ރޭޓްތައް ބޮޑުކުރަންޖެހޭނެ ކަމަކަށްވާތީ، މީގެ ސަބަބުން ބާޒާރުގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
މީގެއިތުރުން، ސަރުކާރުތަކުގެ ބޮންޑް ޔީލްޑްސް މައްޗަށް ދިއުމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކުގެ ހަރަދުތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ