ހަތް އަހަރަށް ފަހު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދޫކޮށްލުމަށް ފަހު، ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި، ހަމްޒާ މުހައްމަދު (ހަމްޕު) ވިކްޓަރީ ސްޕޯޓްސް ކްލަބާ ގުޅިއްޖެ އެވެ.
ވިކްޓަރީ އަކީ ފުރަތަމަ ޑިވިޝަނުގައި 2014 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އަންނަ ހަމްޕުގެ ކެރިއަރަުގައި އޭނާ ކުޅޭނެ ތިން ވަނަ ކްލަބް އެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޔޫތު ޓީމުން 2014 ވަނަ އަހަރު ވިދާލި ހަމްޕު، އެންމެ ފުރަތަމަ ޕްރެކްޓިހަށް ނުކުތީ މާޒިޔާ އަށެވެ. އެކަމަކު، އެ ޓީމާ އެކު އެއްބަސްވުމެއް ނުހެދިގެން އުޅެނިކޮށް އޭނާ ސޮއިކުރީ ނިއު އަށެވެ.
ނިއުއާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށް 2018 ވަނަ އަހަރުގެ ނިޔަލަށް، ފަސް އަހަރު ހަމްޕު ވަނީ ނިއު އަށް ކުޅެފަ އެވެ. އެ ޓީމާ އެކު ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ހަމްޕު، މާޒިޔާ އަށް ސޮއިކުރީ، 2019 ވަނަ އަހަރު އެވެ.
މާޒިޔާއާ އެކު، ފަސް ފަހަރު ލީގު ޗެމްޕިއަންކަން ހޯދައި، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދި ހަމްޕު އަކީ، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕާއި މިދިޔަ އަހަރު ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދި ގައުމީ ފުޓްބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އޭނާ ވަނީ ރާއްޖޭގެ މިދިޔަ ޖޫން މަހު މާލޭގައި ބޭއްވި ޑައިމަންޑް ޖޫބިލީ އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.
ހަމްޕު ވަނީ، ރާއްޖޭގެ ރަށްތަކުގެ މެދުގައި، މި ފަހުން ބޭއްވި ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އުފަން ރަށް، ބ. އޭދަފުށްޓަށް ހޯދައިދިިނުމުގައި އެހީތެރިވެދީފަ އެވެ.
ވިކްޓަރީއާ ގުޅުނު ނަމަވެސް ހަމްޕު އަށް އެ ޓީމުގެ މެޗުތަކުގައި ކުޅެވޭނީ ސީޒަންގެ ފަހުކޮޅުގަ އެވެ. އެއީ، ހަމްޕު އަންނަނީ ކަކުލުގެ އޮޕަަރޭޝަނެއް ކުރުމަށް ފަހު، ރިކަވަރީގައި މަސައްކަތްކުރަމުންނެވެ. އަންނަ ނޮވެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕް ވެސް ހަމްޕު އަށް ގެއްލޭނެ އެވެ.
ހަމްޕުގެ ކެރިއަރުގެ ތިން ވަނަ ކްލަބަކީ ވިކްޓަރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ