އިންޑޮނޭޝިއާގެ ތުއްތު ކުދިންގެ ވަގުފާރި ނެޓްވޯކް އަތުލައިގަތް ނަމަވެސް، ސިންގަޕޫރަށް ވިއްކާލި ކުދިންގެ މުސްތަގުބަލާމެދު ބޮޑު ސުވާލެއް!

އިންޑޮނޭޝިއާގެ ކޯޓަކުން މިދިޔަ އަންގާރަ ދުވަހު ވަނީ ތުއްތު ކުދިން ވަގަށް ނަގައިގެން ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ 19 މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފަ އެވެ.
މި ނިންމުމާއެކު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މި މައްސަލައިގެ ޝަރީއަތް ނިމުމަކަށް އައި ނަމަވެސް، ސިންގަޕޫރަށް ގެންގޮސްފައިވާ ކުދިންނަށް ދެން ވާނީ ކިހިނެއްތޯ ކުރެވޭ ސުވާލަށް އަދިވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.
ތުއްތު ކުދިންގެ ވަގުފާރި ހިންގި ގްރޫޕުން ވަނީ މަދުވެގެން 34 ތުއްތު ކުދިން ހޯދައި، އެކުދިން އެޑޮޕްޓްކުރުމަށް ވިއްކާލާފަ އެވެ. މީގެ ތެރެއިން ގިނަ ކުދިން ފޮނުވާލާފައިވަނީ ސިންގަޕޫރަށެވެ. ތަހުގީގުން އެނގޭ ގޮތުގައި މަދުވެގެން 12 ކުއްޖަކު މިހާރުވެސް ތިބީ ސިންގަޕޫރުގައެވެ. މި މައްސަލައިގެ ހުކުމް އިއްވުމާއެކު، އެ ކުދިން އަނބުރާ އިންޑޮނޭޝިއާއަށް ފޮނުވާލަންޖެހޭތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސް ވަނީ ވަރުގަދަވެފަ އެވެ.
ސިންގަޕޫރުގައި އެ ކުދިން ބަލަހައްޓަމުންދާ އެޑޮޕްޓިވް މައިންބަފައިން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އޭގެ ތެރެއިން އެކަކު ކަމަށްވާ ޑޭވިޑް (އަސްލު ނަމެއް ނޫން) ބުނި ގޮތުގައި، އޭނާ އެޑޮޕްޓްކުރި ކުއްޖާއަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްކަން ކުރިން އެނގިފައެއް ނުވެ އެވެ. އޭނާ އެދެނީ ދެ ގައުމުގެ ސަރުކާރުން ކުދިންގެ މަސްލަހަތަށް އިސްކަންދީގެން އަވަސް ނިންމުމެއް ނިންމުމަށެވެ. ޑޭވިޑާއި އޭނާގެ އަންހެނުން ބުނާ ގޮތުގައި އެމީހުންނަކީވެސް މި މަކަރުވެރި ރޭވުމުގެ ޝިކާރައަކަށް ވެފައިވާ ބަޔެކެވެ.
އިންޑޮނޭޝިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ކުދިންގެ ގާނޫނީ ހާލަތާއި، އެކުދިންގެ އަސްލު މައިންބަފައިން ދެނެގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން މިކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އިންޑޮނޭޝިއާގެ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނަނީ، އުސޫލެއްގެ ގޮތުން އެ ކުދިން އަނބުރާ އެކުދިންގެ އަސްލު މައިންބަފައިންނާ ހަވާލުކުރަންޖެހޭނެ ކަމަށެވެ.
ޝަރީއަތުގެ ތެރެއިން ހާމަވި ގޮތުގައި، މި ނެޓްވޯކުން ވަނީ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމުގައި އޮޅުވާލުންތަކެއް ގެންގުޅެފަ އެވެ. އެގޮތުން ކުދިންގެ މައިންބަފައިންގެ ގޮތުގައި ޖަހާފައިވަނީ އެ ގްރޫޕުގެ މެންބަރުންގެ ނަންތަކެވެ. މީގެ ސަބަބުން ސިންގަޕޫރުގައި ކުރިއަށްދިޔަ އެޑޮޕްޝަން މަރުހަލާތަކުގައި އެއީ ސައްހަ ލިޔެކިޔުންތަކެއް ކަމަށް ބެލެވި، ކުދިން އެ ގައުމަށް އެތެރެކުރުމުގެ ފުރުސަތު ލިބުނެވެ.
ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި ސިންގަޕޫރުގައި ނިންމާފައިވާ އެޑޮޕްޝަން އަމުރެއް ބާތިލުކުރުމަކީ ވަރަށް އުނދަގޫ އަދި މީގެ ކުރިން ހިނގާފައިވާ ކަމެއް ނޫނެވެ. ކޯޓުން މިފަދަ ނިންމުމެއް ނިންމާއިރު، ކުއްޖާގެ ނަފުސާނީ ދުޅަހެޔޮކަމަށާއި، މިހާރުގެ އާއިލާއާއެކު ހޭދަކޮށްފައިވާ ވަގުތަށް ބަލާނެއެވެ. އަދި ބައެއް ކުދިންގެ އަސްލު މައިންބަފައިން ނޭނގޭތީ، އެކުދިން އަނބުރާ ފޮނުވާލައިފިނަމަ ބަހައްޓާނެ ތަނެއް ނެތުމަކީވެސް ކުރިމަތިވެދާނެ ގޮންޖެހުމެކެވެ. މިވަގުތުވެސް މި މައްސަލައިގައި ސަލާމަތްކުރި 8 ކުއްޖަކު އިންޑޮނޭޝިއާގެ ބަންޑުންގައި ހުންނަ ޔަތީމުޚާނާއެއްގައި ދަނީ ބަލަހައްޓަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ