އިންޑިއާގައި މެޑިކަލް އިމްތިހާނު (ނީޓް)ގެ ޕޭޕަރުތައް ލީކުވި މައްސަލައާ ގުޅިގެން ކިޔަވާ ކުދިން ކުރަމުންދާ ވަރުގަދަ މުޒާހަރާތަކަށް ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ތަރިންގެ ތާއީދު ލިބެން ފަށައިފި އެވެ.
ނަމަވެސް، މީޑިއާތަކުންނާއި އާންމުން ފާހަގަކުރާ ގޮތުގައި، ސަލްމާން ޚާން އާއި އާލިއާ ބަޓް ކަހަލަ ބޮޑެތި ތަރިން މި މައްސަލައިގައި ވާހަކަދައްކަން ފެށީ އެކަމާ މެދު އެކަށީގެންވާ ވަރަށް އަޑު ނުއުފުލައި ހިމޭނުން ތިބުމުން ބޮޑެތި ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުމުންނެވެ.
ދަރިވަރުންގެ އިހުތިޖާޖުތައް ބާރުގަދަވެ، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގަން ފެށުމުން، ސޯޝަލް މީޑިއާގައި އިންޑިއާގެ އާންމުން ވަނީ ބޮލީވުޑްގެ ނުފޫޒުގަދަ ތަރިންގެ ހިމޭނުން ތިބުމުން އެކަމާ މެދު ސުވާލު އުފައްދައިފަ އެވެ.
ބޮލީވުޑްގެ އެކްޓަރު ނަސީރުއްދީން ޝާހު ކަހަލަ ފަންނާނުން ވަނީ ގައުމީ މިފަދަ ބޮޑެތި މައްސަލަތަކުގައި ބޮލީވުޑްގެ ތަރިން އަމިއްލަ މަސްލަހަތަށްޓަކައި ހިމޭނުން ތިބޭތީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
މި ފާޑުކިޔުންތައް ވަރުގަދަވުމާ އެކު، ސަލްމާން ވަނީ ސޯޝަލް މީޑިއާގައި މެސެޖެއް ހިއްސާކޮށް، ޕޭޕަރު ލީކުވުމަކީ ވަރަަށް ސީރިއަސް މައްސަލައެއް ކަމަށާއި ދަރިވަރުންގެ މުޒާހަރާއަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން އާލިއާ ވެސް ވަނީ އިންސްޓަގްރާމްގައި މެސެޖެއް އާންމުކޮށް، ކުދިންގެ ހިތްވަރަށް ސާބަސްދީ، ޒުވާން ޖީލުގެ އަޑުއެހުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން، ކުރީގެ މިސް ވޯލްޑް އަދި އެކްޓްރެސް މަނުޝީ ޗިއްލާ ވަނީ އޭނާ މީގެ ކުރިން 2015 ވަނަ އަހަރު ވެސް އިމްތިހާނު ލީކުވުމުގެ ސަބަބުން ދެވަނަ ފަހަރަށް އިމްތިހާނު ދޭންޖެހުނު ހިތްދަތި ތަޖުރިބާ ހިއްސާކޮށްފަ އެވެ. އަދި ސުވާރާ ބާސްކަރު އާއި އައިޝާ ޚާން ކަހަލަ ތަރިން ވަނީ ސީދާ މުޒާހަރާގެ ބައިވެރިންނާ ގުޅިގެން މަގުމައްޗަށް ނުކުމެފަ އެވެ.
ދަރިވަރުންގެ މުޒާހަރާގައި އަމަލީ ގޮތުން އެންމެ ފުރަތަމަ ބައިވެރިވި ބޮލީވުޑްގެ ފަންނާނަކީ އެކްޓްރެސް ޝަބާނާ އަޒްމީ އާއި ދެކުނު އިންޑިއާގެ އެކްޓަރު ޕްރަކާޝް ރާޖެވެ. އަދި ބޮލީވުޑްގެ ތަރިއަކަށް އެންމެ ފުރަތަމަ މިކަމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އަޑު އުފުލި ފަންނާނަކީ ސޮނާކްޝީ ސިންހާ އެވެ.
ސަލްމާން އާއި އާލިއާގެ އިތުރުން ކަރީނާ ކަޕޫރު ޚާން، ވަރޫން ދާވަން، އަމީތާބް ބައްޗަން، ރިތިކް ރޯޝަން، ދިލްޖީތު ދޮސާންޖް، ރާކީ ސާވަންތު، އާމިރް ޚާން އަދި އިމްރާން ޚާން ވެސް ވަނީ ދަރިވަރުންގެ ހައްގުގައި އަޑުއުފުލައިފަ އެވެ.
ދަރިވަރުންގެ މުޒާހަރާތައް ވަރުގަދަވާން ފެށުމާ އެކު، ޕޭޕަރު ލީކުވި މައްސަލަ އަވަހަށް ތަހުގީގުކޮށް ނިންމާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ވަނީ ދެއްވައިފަ އެވެ.
ފާޑުކިޔަމުން ދަނިކޮށް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދަރިވަރުންގެ މުޒާހަރާގެ ވާހަކަ ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ