މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވާލުމަށް އެމްޓީސީސީން ނިންމައިފިއެވެ.
މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވީ، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ ސަރަހައްދު މިއަދު ހަވީރުން ފެށިގެން ބޭނުންކުރެވޭނެއެވެ. މިއީ ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދެކެވެ.
މަގު ހުޅުވާލި ނަމަވެސް، ބައެއް ކުދިކުދި މަސައްކަތްތައް އަދިވެސް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ސިޑިކައިރީގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް ޚައްސަ އިސްކަމެއް ވަނީ ދީފައެވެ. ބައެއް ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތައް ގުޅިގެން އެ ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތަކެއްވެސް މީގެ ކުރިން ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތުގެ ތެރެއިން އެންމެ ފާހަގަކުރެވެނީ މަގުގެ އެއްގަމު ތޮށި ކައިރީގައި ދިވެހި ރުށް އިންދާފައިވުމެވެ. ރައީސް އޮފީސް ކުރިމަތިން އޮތް ސަރަހައްދުގައި ދިވެހި ރުށް އިންދާފައިވުމުން ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.
އެމްޓީސީސީން ވިދާޅުވި ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް މިހާތަނަށް މުޅިއެކު 3,100 އަށްވުރެ ގިނަ ގަސް ވަނީ އިންދައިފައެވެ. ރުކުގެ އިތުރުން ހޭޅިފަށުގައި ހެދޭ ޒާތުގެ ގަސްތަކާއި ރީތި ބަގީޗާ މާގަސްތަކުން މަގުގެ އެއްގަމު ތޮށި ސަރަހައްދު ވަނީ ޒީނަތްތެރިކޮށްފައެވެ.
ބޮޑުތަކުރުފާނު މަގުގެ މި ބައި ތަރައްޤީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރު އަޅައިގެންނެވެ. މި މަސައްކަތް ފަށާފައިވަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. މަގުގެ މި ސަރަހައްދުގައި ޕާކްކުރުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއްވެސް ވަނީ ގާއިމުކޮށްފައެވެ.
ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހަވީރު ހުޅުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ