ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ރައީސް ތަސްދީގުކުރައްވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
އެ ބިލަކީ ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ރައްކާތެރިކަމާއެކު، ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލައި، އެކަމާ ގުޅޭ އުސޫލުތައް ކަނޑައަޅައި، ހިދުމަތް ދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުމުގެ މަގުސަދުގައެވެ.
14 މޭ 2026 ވީ ބުރާސްފަތި ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފުރަތަމަ ފަހަރަށް މި ބިލު ފާސްކޮށް، ތަސްދީގުކުރެއްވުމަށް ފޮނުވުމުން، 31 މޭ 2026 ގައި ރައީސް ޑރ. މުއިއްޒު ވަނީ، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން އެ ބިލު އަނބުރާ ފޮނުއްވާފައެވެ.
އެއަށްފަހު، 1 ޖުލައި 2026 ގައި ކުރިއަށްގެންދިޔަ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ 2026 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުމުގައި އެ ބިލަށް އިތުރު ބައެއް އިސްލާހުތައް ގެނައުމަށްފަހު އެ ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތަށް، 14 ޖުލައި 2026 ގައި ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާއިން ވަނީ އެ ބިލު ފާސްކޮށްފައެވެ.
އިސްލާހުތަކާއެކު ބިލު ތަސްދީގުކުރެއްވުމަށް އަލުން ފޮނުވުމުން ރައީސް އިއްޔެ ބިލު ތަސްދީގުކުރައްވާފައިވާއިރު، އެ ގާނޫނު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
އެ ގާނޫނުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމާ ގުޅޭ އާންމު ހަމަތަކާއި، ގުނަވަން ހަދިޔާކުރާ ފަރާތްތަކާއި ލިބިގަންނަ ފަރާތުގެ ހައްގުތައް ބަޔާންކޮށްފައިވެއެވެ. ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ނިޒާމާބެހޭ ސިޔާސަތުތައް ކަނޑައަޅާނީ ރައީސް އެކުލަވާލައްވާ ”އޯގަން ޓްރާންސްޕްލާންޓް ކައުންސިލް“ އިންނެވެ. އަދި ދިވެހިރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަދޭނީ އެ ގާނޫނުގެ ދަށުން އެކުލަވާލާ ”އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ“ އިންނެވެ.
އޭގެ އިތުރުން، ޓްރާންސްޕްލާންޓްކުރުމުގެ އިޖުރާތުތަކާއި މިންގަނޑުތަކާއި، ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓްކުރުމުގެ ކުށާއި އަދަބު ވެސް އެ ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށާނީ، ރައީސް ބިލު ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 180 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ