އައްޑޫން ކަރަންޓު ކެނޑޭ މައްސަލައިގައި ކުއްލި މައްސަލައެއް

އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކެނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ. މި ކުއްލި މައްސަލަ މަޖިލިީހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ ވޯޓުންނެވެ.
ނާޒިލް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، އައްޑޫސިޓީގައި 30،000 އަށްވުރެއް ބޮޑު އާބާދީއެއް ދިރިއުޅޭ ކަމަށާއި ކަރަންޓު ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލު ވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"އައްޑޫސިޓީގެ ކަރަންޓުގެ ހިދުމަތް އެންމެ އަސާސީ ފެންވަރަށް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ނުކުޅެދި، ތަކުރާރުކޮށް ނިވިދިއްލޭ ބޮތްކެއްހެން އެރަށްތަކުގެ ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހި، ރަށުގެ ސްކޫލްތަކުންނާއި އޮފީސްތަކުންނާއި ފިހާރަތަކުން ދޭންޖެހޭ ހިދުމަތް ރައްޔިތުންނަށް ނުދެވި، " ނާޒިލް ފާހަގަ ކުރެއްވިއެވެ.
ނާޒިލްގެ ކުއްލި މައްސަލައިގައިވަނީ މިފަހުން މ. މުލިންވެސް ކަރަންޓު ކެނޑުނު މައްސަލަ ފާހަގަ ކުރައްވާފައެވެ. އަދި މި މައްސަލައަކީ ހަމައެކަނި އައްޑޫސިޓީއަށް ދިމާވެފައިވާ މައްސަލައެއް ނޫންކަންވެސް ފާހަގަ ކުރެއްވިއެވެ.
ކުއްލި މައްސަލައިގައި ނާޒިލް ވިދާޅުވީ އައްޑޫސިޓީއަށް ކަރަންޓު ފޯރުކޮށްދޭ އިންޖީނުތަކަށް ބޭނުންވާ މަރާމާތުގެ ސާމާނު އެއްވެސް ވަރަކަށް މި ސަރުކާރުން ފޯރުކޮށްދީފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ