މަތީ ތައުލީމުގެ ހުރިހާ ފަންތިއެއް ހިމެނޭ ހަތަރު ސްކޮލަޝިޕް ފުރުސަތަކަށް ކުރިމަތިލާން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭއިން) އިން ހުޅުވާލައިފި އެވެ.
މަރުކަޒީ ބޭންކުން މި މަހުގެ ނުވަ ވަނަ ދުވަހު ކުރި އިއުލާނެއްގައިވާ ގޮތުން އެ އޮތޯރިޓީން ހުޅުވާލީ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ އެއް ފުރުސަތާއި މާސްޓާސް އަށް ކިޔެވުމުގެ ދެ ފުރުސަތަކާއި ޕީއެޗްޑީއަށް ކިޔެވުމުގެ އެއް ފުރުސަތެވެ.
އޭގެ ތެރެއިން ފުރަތަމަ ޑިގްރީއަކީ މެލޭޝިއާގެ ސެލަންގޯރް އިސްލާމިކް ޔުނިވާސިޓީން އެކައުންޓިން ދާއިރާ އިން ކިޔެވުމުގެ ފުރުސަތެކެވެ. މާސްޓާސް އަށް ކިޔެވުމުގެ ފުރުސަތު ހުޅުވައިލީ އިސްލާމިކް ޔުނިވާސިޓީ، މެލޭޝިއާ އިން ގާނޫނީ ދާއިރާއިންނެވެ.
އެމްއެމްއޭގެ އިއުލާނުގައިވާ ގޮތުން ޕީއެޗްޑީ ފުރުސަތު ލިބޭ ކެންޑިޑޭޓުން އިހުތިޔާރު ކުރަން ތިން ދާއިރާއެއް ހިމެނެ އެވެ. އެއީ އިސްލާމިކް ފައިނޭންސިން (ކޯ ވޯކް އެންޑް ޑެޒާޓޭޝަން) އާއި އިސްލާމިކް ފައިނޭންސް (ރިސާޗް) އަދި އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް) އެވެ. ޕީއެޗްޑީ ސްކޮލަޝިޕް ލިބޭ ދަރިވަރު ކިޔަވަން ޖެހޭނީ މެލޭޝިއާގެ އިންސީފް ޔުނިވާސިޓީންނެވެ.
އެމްއެމްއޭގެ އެ ސްކޮލަޝިޕް ފުރުސަތުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.
މި ފުރުސަތުތަކާ ބެހޭ އިތުރު މައުލޫމާތު އެމްއެމްއޭގެ [email protected] އަށް މެއިލްކޮށްގެން ލިބޭނެ ކަމަށާއި އެ އޮތޯރިޓީގެ ޕޯޓަލް https://forms.office.com/r/TW9DPhpvy8 މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
ހަތަރު ސްކޮލަޝިޕަކަށް ކުރިމަތިލާން އެމްއެމްއޭ އިން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ