2040 ގެ އަމާޒަށް ވާސިލުވެވޭނީ ޑިޖިޓަލް އިގުތިސޯދު 15 ޕަސެންޓަށް ބޮޑުކޮށްގެން ކަމަަށް މުއިއްޒު ވިދާޅުވެއްޖެ

ސަރުކާރުގެ "ވިޝަން 2040" ގައި ތަސައްވުރުކުރާ ގޮތަށް ތަރައްގީވެފައިވާ ގައުމަކަށް ވެވޭނީ 2030 އަންނަންވާއިރަށް ޑިޖިޓަލް އިގުތިސޯދުގެ އުފެއްދުންތެރިކަން ޖީޑީޕީގެ 15 ޕަސެންޓަށް ބޮޑުކުރަން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވެގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ. 
އުރީދޫން ޕޭޕަލް ހިދުމަތް ތައާރަފުކުރަން ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު މި ވާހަކަ ދެއްކެވީ، ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމާއި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުން ގުޅެނީ 2040 ގެ ތަސައްވުރު ހަގީގަތަކަށް ހަދަން ކުރާ މަސައްކަތާ ކަމަށް ވިދާޅުވަމުންނެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖެއަށް ތަރައްގީވެފައިވާ ގައުމަކަށް ވެވޭނީ ސަގާފީ ސިނާއަތްތަކަށް އެކަނި ބަރޯސާވެވެން ނެތް ކަމަށެވެ. މިކަން ކުރެވޭނީ ހަގީގީ މާނައިގައި ސިންދަފާތުކޮށް، އެތެރޭގެ އެެހެން ސިނާއަތްތައް ތަރައްގީކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ޖީޑީޕީގައި ޑިޖިޓަލް އިގުތިސޯދުގެ ހިއްސާ 15 ޕަސެންޓަށް ބޮޑުކުރަން، ލާޒިމު (މެންޑެޓަރީ) އަމާޒެއް ކަނޑައަޅާފައި ވަނީ ވެސް އެހެންވެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެ ގޮތުން މިހާތަނަށް ހާސިލުކުރެވުނު ކަމެއްގެ ގޮތުގައި މުއިއްޒު ފާހަގަުރެއްވީ ގޫގުލްގެ "ދިވަރު" ސަބްމެރިން ކޭބަލް ޕްރޮޖެކްޓެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ގޫގުލްގެ ވެރިންނާ ކުރި މަޝްވަރާތަކުގައި، އެ ޕްރޮޖެކްޓަށް ރާއްޖެ ހޮވަން ބާރު އެޅުއްވި ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ރާއްޖެ އޮތީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރުތައް ބަހައްޓަން ތައްޔާރަށް އަދި ދުނިޔޭގެ ޑިޖިޓަލް ވިއުގައިގެ ތެރޭގައި އިތުބާރުކުރެވޭ ހަބެއްގެ ގޮތުގައި ހިދުމަތްކުރަން ތައްޔާރަށް ކަމަށް ސާފު މެސެޖެެއް ދެއްވި ކަމަށެވެ. 
"ގޫގުލް އަދި ޕޭޕަލް ފަދަ ބައިނަލްއަގުވާމީ މާކެޓްތަކުން އިތުބާރުކުރާ ބްރޭންޑްތަކާ އެކީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ތައާރަފުކޮށް، ބައިނަލްއަގުވާމީ މާކެޓްތަކަށް އަޅުގަނޑުމެން މި ދެނީ ރާއްޖެއަކީ ބައިނަލްއަގުވާމީ ބޮޑެތި އިންވެސްޓްމަންޓްތަކަށް ފަހި، ހަރުދަނާ އަދި އިތުބާރު ހިފޭ މަންޒިލެއް ކަމަށް އިޝާރާތްކުރަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ޖީޑީޕީގައި ޑިޖިޓަލް އިގުތިސޯދުގެ ހިއްސާ 15 ޕަސެންޓަށް ބޮޑުކުރާނެ ކަމަށް މުއިއްޒު ފުރަތަމަ އިއުލާންކުރެއްވީ އެމަނިކުފާނު އދ. ގެ 2024 ވަނަ އަހަރުގެ އާންމު މަޖިލީހުގެ ޖަލްސާގައި ދެއްވި ތަގުރީރުގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ