ސްކޫލެއްގެ 3 މުވައްޒަފަކު އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ
މާލޭގެ ސްކޫލެއްގެ ތިން މުވައްޒަފަކު، އެހެން މުވައްޒަފެއްގެ ނަމުގައި މުސާރައަށް ފަސް އަހަރު ތެރޭ 1.5 މިލިއަން ރުފިޔާ ނަގައިފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައަކީ ސްކޫލެއްގެ ތިން މުވައްޒަފަކު 2021އިން ފެށިގެން، އެ ސްކޫލުން ވަކިވެފައިވާ މުވައްޒަފެއްގެ ނަމުގައި ފަސް އަހަރު ވަންދެން މުސާރަ ނެގި މައްސަލައެކެވެ. ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ނާސިހް ވަނީ އެފަދަ މައްސަލައެއް ފާހަގަވެފައިވާކަން ކަށަވަރު ކޮށްދެއްވައިފައެވެ. އެ މައްސަލައިގައި ތިން މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމިކަން ވެސް އޭނާ ކަށަވަރު ކޮށްދެއްވިއެވެ. މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެ މައްސަލައިގައި ހިމެނެނީ ސްކޫލެއްގެ ތިން މުވައްޒަފުން ކަމަށް މައުލޫމާތު ލިބުނު ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ