މިނިސްޓަރު ސައީދު ވިދާޅުވަނީ ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަ ކަމަށް

ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ އެކު ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވަމުންދާ ކަމުގެ ކޮޅުމަތި ފެންނަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.މިނިސްޓަރު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެެވެ.ސައީދު ވިދާޅުވީ މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާޗު މަހާ ހަމައަށް 150 މިލިއަން އެމެރިކާ ޑޮލަރު (2.3 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައި ވާކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއީ ކުރިއާ އަޅާބަލާއިރު އުންމީދު ނުކުރާފަދަ ކުރިއެރުމެއް ކަމަށެވެ.ސައީދު ވިދާޅުވީ މިއީ މީގެ ކުރީން ބޭންކުތަކަށް ޑޮލަރު މާރުކުރާ އަދަދައް ބަލާއިރު 40 އިންސައްތަ އިތުރު އަދަދެއްކަން ރައީސްގެ ޕޮޑްކާސްޓުގައި މީގެ ކުރިން ފާހަކޮށްފައި ވާކަމަށެވެ. ޑޮލަރު މާރުކުރުން ކުރިއަށް ދާކަމަށާއި މިކަން ނުހުއްޓޭކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ."ހަމަ މިއާއެކު އެމްއެމްއޭގެ އާ ގަވާއިދުގެ ދަށުން ޑޮލަރުގެ އަގު އިތުރަށް ދަށްވެ، ކަޅު ފައިސާގެ ބާޒާރު ކުރިއަށްއޮތްތަނުގައި ހީނަރުވެގެން ދާނެ ކަމުގެ ކޮޅުމަތި އަޅުގަނޑުމެންނަށް ފެންނާތީ، އެކަން އެގޮތަށް ލަފާކުރެވޭ ކަމަށް އެމްއެމްއޭއިން ވެސް ވަނީ ވިދާޅުވެފަ އިނގޭތޯ." ސައީދު ވިދާޅުވި އެވެ.އެމެރިކާ ޑޮލަރު ވިއްކާ ރަސްމީ ރޭޓެއްގެ ގޮތުގައި އެމްއެމްއޭއިން 15.42ރ. ކަނޑައަޅާފައި ވިޔަސް، އެމްއެމްއޭއަށް ވެސް އެނގިގެން ހިނގާ ކަޅު ބާޒާާރުގައި މިހާރު ވެސް ޑޮލަރު ރޭޓު އުޅެނީ 19ރ. އިން މަތީގަ އެވެ.ޑޮލަރު މާރުކުރުމުގެ ސިޔާސަތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ކުރިން ބުނަމުން ދިޔަ ނަމަވެސް، އޭރު ވެސް ވިޔަފާރިވެރިން ބުނަމުން ދިޔައީ ރައީސް މުއިއްޒުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ސަބަބުން ކަޅު ބާޒާރަށް އެއްވެސް ލުޔެއް ނާންނާނެ ކަމަށެވެ.އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ ގަވައިދެއް ތަންފީޒު ކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު އެކެއްގައެވެ. އެ ގަވައިދުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކޮށް، ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރަން ޖެހެއެވެ. ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުގެ އާމްދަނީން ބައެއް މާރުކުރަން މަޖުބޫރުކުރި ފަހުން މިހާތަަނަށް 150 މިލިއަން ޑޮލަރު ވަނީ ބޭންކުތަކަށް މާރުކޮށްފައިއެވެ. ނަމަވެސް ބާޒާރުގައި ޑޮލަރު ހުރީ އަދިވެސް 19.20 މަތީގައި އެވެ.މަރުކަޒީ ބޭންކު (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އެމްއެމްއޭ މެދުވެރިކޮށް ރާއްޖޭގެ ތާރީހުގައި ވެސް ޗާޕުނުކުރާ ވަރަށް ފައިސާ ޗާޕުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އެކަން ކޮށްފިނަމަ ޑޮލަރުގެ އަގު 24ރ. އަށް އަރާނެ ކަމަށް ވިޔަފާރިވެރިން އަންނަނީ ބުނަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ