އޮޅުވާލައިގެން ބިން ވިއްކަން އުޅުނު އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ އެސްޓޭޓް އޮފިސަރެއްގެ މަގާމުގައި ކުރިން ހުރި މީހަކު، ހުޅުމާލޭން ބިމެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހަކު އަތުން ފައިސާ ނެގި މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
ވީ ކިހިނެއް؟- އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނިގޮތުގައި މީގެ ތިން އަހަރު ކުރިން، ފުތިހަ ޝާކިރު ނަމަކަށް ކިޔާ މީހާ އެ މުވައްޒަފު މަސައްކަތް ކުރީ ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ބިމެއް ވިއްކުމަށެވެ. އެކަމުގައި އޭނާ އޮޅުވާލައިގެން އަމިއްލަ މީހެއްގެ އަތުން 500،000ރ.އަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާކަން އެނގިފައިވާ ކަމަށް އެތަނުން ބުންޏެވެ.
އޭސީސީއިން ބުނިގޮތުގައި:
އެ މުވައްޒަފު އުޅުނީ އެޗްޑީސީގެ ނަމުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން، 2،600 އަކަފޫޓުގެ ބިމެއް ވިއްކާނެ ކަމަށް ބުނެ
އޭނާ އެޗްޑީސީގެ ސައްހަ ނޫން ޕޭމަންޓު ސްލިޕްތަކެއް ހަދައި، ޖުމްލަ 550،000 ރުފިޔާ ވަނީ މީހެއްގެ އަތުން ހޯދާފައި
މިކަމުގައި އޭނާގެ މައްޗަށް  ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒް މަންފާ ހޯދުމުގެ ކުށުގެ ދައުވާ އެވެ. އަދި ބިން ވިއްކާނެ ކަމަށް ބުނެ އޭނާ ހޯދާފައިވާ ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ، އެ ދައުވާގެ ތެރެއިން ހޯދަން އެދިފައިވާނެ ކަމަށް އޭސީސީއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ