ލޯނުގައި ކިޔަވާ ދަރިވަރުން އަގުބޮޑުކޮށް، ޑޮލަރު ގަންނަން ޖެހޭ މައްސަލަ ހައްލުކޮށްދޭނަން: ރައީސް

ލޯނުގައި ކިޔަވާ ދަރިވަރުން ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހޭ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. 'ރައްޔިތުންނާއެކު ޕޮޑްކާސްޓު'ގައި މިއަދު އެމަނިކުފާނު ވިދާޅުވީ، 1600 ދަރިވަރުން ރާއްޖޭން ބޭރުގައި ލޯނު ސްކީމުގައި ކިޔަވާ ކަމަށެވެ. އެގޮތުން، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، ގައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމުން ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދަރިވަރުން އެދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ، މި މައްސަލައަށް ރަނގަޅު ހައްލެއް ހޯދައިދިނުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ދެންނެވި ކަމަށާއި އެކަމުގެ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތައް ކުރިއަށް ދަނީ ގަވަރުނަރު އަޙްމަދު މުނައްވަރުގެ މަޝްވަރާއާ އެކުގައި ކަމަށާއި އެކަމުގެ މަޝްވަރާތައް މިހާރު ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެއިތުރުން، ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދޭނީ ރާއްޖޭގެ ކަޅު ބާޒާރަށް ވެސް އެ ކަމުން ނުރަނގަޅު އަސަރެއް ނުފޯރާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ލިބި، އެ ފައިސާ ބޭނުން ކުރެވެން ވާނީ އެ ދަރިވަރަކު ކިޔަވަމުންދާ ޤައުމެއްގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރާއްޖެއިން ބޭރުގައި ލޯނު ސްކީމާއި ސްކޮލަޝިޕް ޕްރޮގްރާމްތަކުގެ ދަށުން ތަޢުލީމު ހާސިލުކުރުމުންދާ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ޤަވާޢިދުން ފޯރުކޮށްދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ