ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ސްޕާސް ޖާގަ ހޯދައިފި

ޔުއޭފާ ޔޫރޮޕާ ލީގުގެ ކްއާޓާ ފައިނަލްގައި އެއިންޓްރެކްޓް ފްރޭންކްފާޓް ބަލިކޮށް މި މުބާރާތުގެ ސެމީ ފައިނަލްއިން ޓޮޓްނަމް ހޮޓްސްޕާއިން ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ކްއާޓާ ފައިނަލްގައި ސްޕާސްއިން ފްރޭންކްފާޓްގެ މައްޗަށް ކުރި ހޯދާފައިވަނީ ދެ ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ސްޕާސްގެ ދަނޑުގައި ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. އަދި ފްރޭންކްފާޓްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ސްޕާސްއެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފްރޭންކްފާޓްއިންނެވެ. މި މެޗުގައި ފްރޭންކްފާޓްއިން ހަމަލާއަށް އިސްކަން ދީގެން ކުޅުނުއިރު ސްޕާސް ފެނިގެންދިޔައީ ރަނގަޅަށް ޑިފެންޑް ކުރުމާއެކު ލިބޭ ފުރުސަތު ތަކުގައި ހަމާލާ އުފެއްދުމަށް އިސްކަން ދީގެން ކުޅުނު ތަނެވެ. އަދި މި މެޗުގެ ފުރަތަމަ ހާފުގައި ސްޕާސްއިން ވަނީ ފްރޭންކްފާޓަށް މާ ރަނގަޅު ހަމަލާއެއް އުފެއްދުނަ ނުދީ ހިފަހައްޓާލާފައެވެ. ނަމަވެސް ފްރޭންކްޓްގެ ހުނަރުވެރި ފޯވާޑް ހޫގޯ އެކިޓިކޭއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް މިކީ ވެން ޑެވެން ވަނީ އެ ހަމަލާ ދިފާއު ކޮށްފައެވެ. މި މެޗުގެ މަންޒަރު ބަދަލުވެގެންދިޔައީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސްޕާސްއަށް ޕެނަލްޓީއެއް ލިބުނު ހިސާބުންނެވެ. ފްރޭންކްފާޓްގެ ކީޕަރު ބޯޅައެއް ހޯދަށް އުޅުމުގެ ތެރޭގައި ސްޕާސްގެ ޖޭމްސް މެޑިސަންއަށް ކުރި ފައުލް އެންމެ ފުރަތަމަ ރެފްރީގެ ލޮލުގައި އަޅައިގެންފައިނުވި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ވަނީ ސްޕާސްއަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީ ސްޕާސްއަށް މެޗުގެ އިތުރުން އެގްރިގޭޓް ނަތީޖާއިން ލީޑު ނަގައިދިނީ ޑޮމިނިކް ސޮލަންކީއެވެ. މެޑިސަންއަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށްފަހު ފުރަތަމަ ހާފު ނިމެންދެން ކުޅުނު ނަމަވެސް އޭނާއަށް އިތުރަށް ކުޅެވޭވަރު ނުވުމުން ދެވަނަ ހާފުގައި ކުޅެން އަރައިފައެއް ނުވެއެވެ. އަދި މެޑިސަން ނެތް ތަން ދެވަނަ ހާފުގައި ސްޕާސްއިން ވަރަށް ބޮޑަށް ފާހަގަ ވެގެންދިޔައެވެ. މި ގޮތުން ސްޕާސްއަށް މެދުތެރެއިން ބޯޅަ ހިފެހެއްޓޭގޮތް ނުވުމުން ސްޕާސްގެ ޑިފެންސަށް އިތުރަށް ބާރު ބޮޑުވެގެންދިޔަ ތަން ފެނިގެންދިޔައެވެ. ނަމަވެސް މިއާއެކުވެސް ސްޕާސްއިން އިން ވަނީ ވަރުގަދައަށް ޑިފެންސް ކޮށް ފްރޭންކްފާޓްގެ އެއްވެސް ހަމަލާއެއް ކާމިޔާބު ވިޔަ ނުދީ ހިފަހައްޓާލައިފައެވެ. މިއީ ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލުން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި އެ ޓީމަށް ޖާގަ ހޯދުނު ތިން ވަނަ ފަހަރެވެ. މި ކާމިޔާބީ އާއެކު ސްޕާސްއިން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު އެ ޓީމަށް ތައްޓެއް ނުލިބޭތާ 17 އަހަރު ވެފައިވާވުން ނިމުމަކަށް ގެނައުމަށް ކުރާ އުންމީދު އަދިވެސް އޮތީ ކުރިއަށެވެ. މި މުބާރާތުގެ ސެމީ ފައިނަލްގައި ސްޕާސް ބައްދަލުކުރާނީ ބޯޑޯ ގްލިމްޓްއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ