ޒަކާތް ދެއްކުމުން އިޤްތިޞާދަށް އަންނަ ލޮޅުންތަކުން ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދޭނެ: ޚުތުބާ
ޒަކާތް ދެއްކުމުގެ ސަބަބުން އިޤްތިޞާދުގައި ދައުރުކުރާ ފައިސާ އިތުރުވެ، އިޤްތިޞާދަށް އަންނަ ލޮޅުންތަކުން ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދޭނެ ކަމަށާއި، އެހެންކަމުން ޒަކާތްދެއްކުމުގެ ޝަރުއުތައް ފުރިހަމަވާ އެންމެހައި މީސްތަކުން ޒަކާތް ދެއްކުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ. މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ފަރުޟު ޒަކާތާއި އިޤްތިޞާދާ ހުރި ގުޅުން"، މި މައުޟޫއުގެ މައްޗަށެވެ. ޚުތުބާގައި ބުނީ ފަގީރުކަމުގެ ހާލަތަކީ އަގީދާގެ ގޮތުންނާއި، ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެއް ކަމަށެވެ. އެހެންކަމުން، ފަގީރުކަމަކީ އަބުރުވެރި އިންސާނަކު، އޭނާއާ ކުރިމަތިވާން އެދޭނޭ ހާލަތެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ. ކަން އެހެން އޮތް ނަމަވެސް، މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރަތްތައް ފުއްދޭނެ ގޮތެއްނެތި، އަނެކުންގެ އެހީތެރިކަމަށް އެދެން ޖެހިދާނެ ކަމަށް ޚުތުބާގައި ބުންޏެވެ. އެހެނަސް ކޮންމެ ކޮންމެ މީހަކު އެފަދަ މީހަކަށް އެހީތެރިވެ އޭނާގެ ބޭނުންތައް ފުއްދައި ނުދީފާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިސްލާމް ދީނުގައި ޝަރުއުކުރައްވާފައިވާ ޒަކާތުގެ ދައުރު ޖެހެނީ އެ ހިސާބުން ކަމަށެވެ. ޒަކާތް ފަރުޟުކުރެއްވީ މުއްސަނދީންގެ މުދަލުން އެ ނަގައި، އޭގެ ހައްގުވެރީންނަށް އަދާކޮށްދިނުމަށްޓަކައި ކަމަށް ޚުތުބާގައި ބުންޏެވެ. އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން އިސްލާމް ދީނުގައި މުދާ ހޯދުމާއި، މުދާ މިލްކުކުރުމާއި، މުދާ ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވައިފައިވާއިރު އެއީ ވަޟުޢީ ނަޒަރިއްޔާތަކާ މުޅީން ޚިލާފު ނަޒަރިއްޔާތެކެވެ. މި ނަޒަރިއްޔާގައި މުދަލުގެ ހަގީގީ މިލްކުވެރި ފަރާތަކީ މާތްﷲއެވެ. އިންސާނާއަކީ އެ މުދަލާ ހަވާލުވެގެންހުރި މީހާއެވެ. އެހެންކަމުން މުދާ ހޭދަކުރާންވާނީ އެ މުދާ ދެއްވި ފާރަތްކަމުގައިވާ މާތްﷲ އެދިވޮޑިގަންނަވާ ގޮތަށް ކަމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އެހެނީ އިންސާނާއަކީ މުދަލުގެ ވެރިފަރާތުގެ ޚަލީފާއެއް ކަމުގައިވުމުން ކަމަށް ޚުތުބާގައި ބުންޏެވެ. އިލްމުވެރީން ވިދާޅުވާ ގޮތުގައި މުދަލުގެ ހައްގަކީ އެ މުދަލުން ޒަކާތް ދިނުން. ތިމާގެ އަތުގައި ރައްކާކޮށް ޚަޒާނާކޮށްފައި ބަހައްޓާ މުދަލުގައި، އެ މުދަލުން ޒަކާތް ނެރެންޖެހޭ ޝަރުޠު ހަމަވާނަމަ، އެއިން ޒަކާތް ދައްކަން ޖެހޭނެ. އެ ޝަރުތުތަކަކީ މުދާ ފުރިހަމައަށް މިލްކުވުމާއި، މުދަލުގައި ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުން، ހުކުރު ޚުތުބާ ޚުތުބާގައި ބުނީ އިސްލާމް ދީނުގައި ޒަކާތް ފަރުޟުކުރެއްވީ، ހަމައެކަނި ފަގީރުމީހާގެ ހާޖަތްތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފަހު އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމުގެ މަގުސަދުގައެއް ނޫން ކަމަށެވެ. އެކަމަކު ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމައުން ފަގީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށާއި ފަގީރުންނާއި މިސްކީނުންގެ ނިކަމެތި ހާލަތުން އަރައިގަނެ، އެބައިމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދޭ ނިޒާމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އިލްމުވެރީން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަގުސަދަކީ އޭގެ ހައްގުވެރީންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުމެވެ. ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވާނެ ކަމަށާއި، މުޖުތަމައުގެ ވަކި ބައެއްގެ އަތުގައި ފައިސާ ޖަމާކޮށް، ޚަޒާނާކޮށް، އިޤްތިޞާދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެ ކަމަށް ޚުތުބާގައި ބުންޏެވެ. މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުމަށް މީހުން ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެކަންކަން ކުރެވޭނީ ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށް ވެގެން ކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ ޒަކާތަކީ ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުމެއް ކަމަށެވެ. އަދި އެއީ ތަނަވަސްކަމުގެ އަހުލުވެރީންގެ ރައުސްމާލުން އުނިކޮށް ދައުލަތަށް ނަގާން ޖެހޭ އެއްޗެކެވެ. ޒަކާތުގެ ހައްގުވެރީންގެ ގޮތުގައި ޤުރްއާނުގައި ކަނޑައަޅުއްވައިފައިވާ ފަރާތްތަކުގެ ލާބައަށްޓަކައި ހޭދަކުރާން ޖެހޭ އެއްޗެކެވެ. ޒަކާތް ދެއްކުމުގެ ސަބަބުން ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެއެވެ. ޒަކާތުގެ ޝަރުއީ މަގުސަދުތައް ހާސިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، އެބައިމީހުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ މުދަލު ޒަކާތް އަދާކޮށްގެން ކަމަށް ޚުތުބާގައި ބުންޏެވެ. އިސްލާމްދީން ބާރުއަޅަނީ ހަލާލު މަސައްކަތުން ރިޒުގު ހޯދުމަށް. ކުރާނޭ މަސައްކަތެއް އޮވެފައި، ހަށިގަނޑުގައި ވަރުހުރިނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދައެއް ނުވާނެ. އެހެންކަމުން ތަނަވަސްކަމުގެ އަހުލުވެރީންނާއި، ގައިބާރު ހުރެ މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހާ ޒަކާތުގެ ފައިސާ ނެގުމަކީ އިސްލާމްދީން ނަހީކުރައްވައިފައިވާ ކަމެއް، ހުކުރު ޚުތުބާ ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިހުސާންތެރިކަމެއްނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ، މުއްސަނދީންގެ މުދަލުންނަގައި، އޭގެ ހައްގުވެރީންނަށް އަދާކުރާންޖެހޭ ހައްގެއްކަމަށެވެ. އަދި މުއްސަނދީންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ހާލެއްގައި އެބައިމީހުންގެ ތަނަވަސްކަން ނިގުޅައިގަނެ އެއުރެންގެ ހައްގުތަކަށް އަރައިގަތުމެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ. އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ޚުތުބާ އަޑުއަހަނީ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައި ވަނީ ޒަކާތުގެ ގޮތުގައި މެދުމިނުގެ ތަކެތި ނެގުމަށެވެ. އެއީ ޒަކާތްދައްކާ މީހާގެ ނަފުސު އެކަމާ މެދު ރުހިގެން ވުމަށްޓަކައި ކަމަށް ޚުތުބާގައި ބުންޏެވެ. މުދަލު ޒަކާތްދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާ މެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަކަން ޚުތުބާގައި ފާހަގަކުރިއެވެ. އެގޮތުން ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާންމަހު ފިޠުރު ޒަކާތްދެއްކުމުން ފުދުނީ ކަމަށާއި އަނެއް ބަޔަކު ދެކޭ ގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިޔަކަށް ނުވާތީ، ތިމާ ޒަކާތް ދައްކާކަށް ނުޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ. ހަމަ އެހެންމެ، މުދަލު ޒަކާތް، ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކު ވެސް އުޅޭ ކަމަށާއި އެފަދަ މީހުން ހީކުރާ ގޮތުގައި ޒަކާތުގެ ފައިސާ ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި، ނިކަމެއްޗަކަށް ނުވަތަ ފަގީރަކަށް ދިނުމުން ފުދޭނެ ކަމަށް ޚުތުބާގައި ބުންޏެވެ. އިލްމުވެރީން ވިދާޅުވާ ގޮތުގައި، ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިންމާއިން ބަރީއަވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސާފައިވާ އިރު، ޒަކާތްދެއްކުމުގެ ޝަރުތުތައް ފުރިހަމަވާ އެންމެހައި ފަރާތަތްކަށް ޒަކާތް ދެއްކުމަށް ޚުތުބާގައި ވަނީ ގޮވައިލާފައެވެ. އަދި ހަމަ އެހެންމެ ޒަކާތާ ބެހޭ ޝަރުއީ އަދި އިދާރީ ކަންކަން އޮޅުންފިލުވައި ނަފުސު ހޭލުންތެރިކުރުވުމަށް އެންމެތަކުންނަށް ވަނީ ގޮވައިލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ