ލިވަޕޫލް (މެއި 25) - ލިވަޕޫލްގެ ފޯވާޑް، މުހައްމަދު ސަލާހު، ކެރިއަރުގައި ދެ ވަނަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފި އެވެ.
މިއީ، ފާއިތުވި ހަ ވަރަކަށް އަހަރަށް ބަލާއިރު، މެންޗެސްޓާ ސިޓީ ނޫން ޓީމެއްގެ ކުޅުންތެރިއަކަށް މި މަގާމު ލިބުނު ފުރަތަމަ ފަހަރެވެ.
ސަލާހު، 32، އެންމެ ފުރަތަމަ މި ޓްރޮފީ ހޯދީ 2017/2018 ވަނަ އަހަރު އެވެ. ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޮވަނީ، ފުޓްބޯޅަ ތަޖުރިބާކާރުން ދޭ މާކުހާއި އާންމުންގެ ވޯޓަށް ބަލައިގެންނެވެ.
އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ސަލާހާއި ވާދަކުރީ، ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް އާއި ރަޔާން ގްރަވެންބާކް އެވެ. މީގެ ތެރެއިން، ގްރަވެންބާކް ވަނީ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ ނޮމިނޭޝަނުގައި ދެން ހިމެނެނީ، އާސެނަލްގެ ޑެކްލަން ރައިސް، ބްރެންޓްފޯޑްގެ ބްރަޔާން އެމްބުއޭމޯ، ނޮޓިންހަމް ފޮރެސްޓްގެ މޯގަން ގިބްސް-ވައިޓް އާއި ކްރިސް ވުޑް އެވެ.
ސަލާހު ވަނީ މިހާތަނަށް ލީގުގައި 28 ގޯލު ޖަހައި، 18 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ސަލާހު ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި އިނގިރޭސި ނޫން ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލު ޖަހައިގެން، މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯ ހަދާފައި އޮތް ރެކޯޑް މުގުރާލައިފަ އެވެ.
ފުޓްބޯލް ރައިޓާސް އިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސަލާހު ހޯދީ، ވޯޓު ލީ މީހުންގެ 90 ޕަސެންޓަށް ވުރެ އިތުރު ވޯޓާ އެކުގަ އެވެ. މިއީ، ފުޓްބޯލް ރައިޓާސް އިން ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމު ސަލާހު އަށް ލިބުނު ތިން ވަނަ ފަހަރެވެ. ސަލާހުގެ އިތުރުން، މި މަގާމު ދެން ތިން ފަހަރު ހޯދީ އާސެނަލްގެ ލެޖެންޑް، ތިއަރީ އޮންރީ އެވެ.
ސަލާހު، ދެ ވަނަ ފަހަރަށް ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފި ސަލާހު، ދެ ވަނަ ފަހަރަށް ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ