އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސް ކަނޑައަޅުއްވަނީ
އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސްގެ ދެކަނބަލުން ރޭ ވަނީ، އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ބާއްވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ދެވަނަ ޒިޔާރަތެއް ކުރައްވާފައެވެ. އެ ޒިޔާރަތުގައި ދައުލަތު މީޑީއާށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ، އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް، މަޝްވަރާކުރައްވައި، ޕްލޭނަކާއެކު، ވަށާޖެހޭ ގޮތެއްގައި އެ މަސައްކުރައްވާނެ ކަމަށެވެ. ރައީސް މުއިއްޒު ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި --- ފޮޓޯ/ ރައީސް އޮފީސް ރައީސް ވިދާޅުވީ އަންނަ އަހަރަށް ބަހާލައިގެން، އުފެއްދުންތެރިކަމަށް ފުޅާ ދާއިރާއެއްގައި ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެ މަނިކުފާނުގެ މެނިފެސްޓޯގައި ވަނީ، ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކޮށް، 2030 ވަނަ އަހަރާ ހަމައަށް ދާއިރު އެ އިކޮނޮމީން ރާއްޖޭގެ މުޅި ޖީޑީޕީގެ 15 އިންސައްތަ އާމްދަނީ ހާސިލުކުރެވޭ މިންވަރަށް އެ ދާއިރާ ފުޅާކުރެއްވުމަށް ހިމަނުއްވާފައެވެ. މައުރަޒުން ފެންނަނީ އުންމީދު އެއަށް ވުރެ އަވަހަށް ހާސިލުވާ މަންޒަރު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސްގެ ދެކަނބަލުން ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ---- ފޮޓޯ/ ރައީސް އޮފީސް އޭގެއިތުރުން، އަމިއްލަ އުފެއްދުންތެރިކަން ދެއްކުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދޭނެކަން ހާމަކުރައްވައި ރައީސް ވިދާޅުވީ، ޑިޖިޓަލައިޒްކޮށް ތަކެތި ރާއްޖޭން ބޭރުގެ ބާޒާރުގައި ވިއްކައި މަންފާ ލިބޭނެ މަގުފަހި ކޮށްދިނުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ރައީސްގެ ވާހަކަ ނިންމަވައިލެއްވީ އަމިއްލަ ފަރުދުންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމާއި މުޅި ގައުމުގެ މުއްސަނދިކަން ޙާޞިލްކުރުމަށް އެންމެން ގުޅިގެން އެކުގައި ކުރިއަށްދާން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މައުރަޒުގައި 300 އަށްވުރެ ގިނަ ބައިވެރިން ވަނީ 3،000އަށްވުރެ ގިނަ ހުށަހެޅުންތައް ބައިވެރިކޮށްފައެެވެ. އެ ހުށަހެޅުންތަކުގެ ތެރެއިން 275 ހުށަހެޅުމަކަށް އެވޯޑު ދީފައިވާއިރު، ޑިޖިޓަލް އުފެއްދުންތަކާ ޚިދުމަތްތައް ހިމެނުމަށް ވެސް ވަނީ ފުރުސަތު ދީފައެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުން މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރިއިރު، އެންމެ ގިނަ އުފެއްދުންތައް ހުށަހަޅާފައި ވަނީ ބ. ތުޅާދޫއިންނެވެ. އަދި، އެންމެ ގިނައިން މި މައުރަޒުގައި ބައިވެރިކޮށްފައި ވަނީ ލިޔެލާ ޖެހުމުގެ އުފެއްދުންތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ