ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާއިން ރަސްމީކޮށް އުވާލައިފި

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އިއްޔެ ރަސްމީކޮށް އުވާލައިފިއެވެ. ސީރިއާގައި 2011ވަނަ އަހަރު ހިނގި ދާޚިލީ ހަނގުރާމަ ފެށުމުގެ ކުރިން އެމެރިކާއިން ވަނީ ވަރަށް ބޮޑަށް ދަތިކުރުމުގެ ފިޔަވަޅުތައް އެ ގައުމަށް އަޅާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ގަރާރަކުން ނިންމެވި އެ ނިންމެވުމުގެ ސަބަބުން ސީރިއާއަށް އާ އިންވެސްޓްމަންޓްތަކުގެ ފުރުސަތު ހުޅުވިގެން ގޮސް އިގްތިސާދީ ގޮތުން ކުރިއަރައިގެންދާނެ ކަމަށް ޓްރަމްޕްގެ އެ ގަރާރުގައިވެއެވެ. އެމެރިކާގެ ޓްރެޜަރީން ނެރުނު ބަޔާނެއްގައި ބުނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭން ނިންމީ ސީރިއާގެ ތަރައްގީއާއި، އެގައުމުގެ ސަރުކާރު ހިންގުމާއި، އިޖުތިމާއީ ފޭރާން އަލުން ބިނާކުރުމަށް ކަމަށެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ދުނިޔޭގެ މާލީ ނިޒާމާ ސީރިއާ ވަކިވެފައި އޮތް އޮތުން ނިމުމަކަށް އައިސް ބައިނަލްއަގުވާމީ ވިޔަފާރީގެ މަގު ފަހިވެ، އަވަށްޓެރި ގައުމުތަކާއި އެމެރިކާއިން ކުރާ އިންވެސްޓްމަންޓްތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ. ނަމަވެސް ވެރިކަން ވެއްޓުމުން ރަޝިޔާއަށް ވަޑައިގެން ހިމާޔަތް ހޯއްދަވާފައިވާ ބައްޝާރުލް އަސަދާއި އޭނާގެ އަރިސް މީހުންނާ ދެކޮޅަށް ހުރި ފިޔަވަޅުތައް އުވައެއްނުލައެވެ. ޓްރަމްޕް ވަނީ މިދިޔަ މެއި މަހު މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި ސީރިއާއަށް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލުއިތަކެއް ދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ޓްރަމްޕްގެ ގަރާރުގައި ވަނީ ސީރިއާގެ ވަގުތީ ރައީސް އަހުމަދު އަލް ޝަރާއަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅާފައި އޮތް އޮތުން އަލުން މުރާޖައާ ކުރުމަށް ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަށް އަމުރު ކުރައްވާފައެވެ. އޭގެ އިތުރުން އަލްޝަރާގެ ޖަމާއަތެއް ކަމަށްވާ އަލް ނުސްރާ ފްރަންޓް ނުވަތަ ހަޔާތު ތަހުރީރު އަލް ޝާމް (އެޗްޓީއެސް)ގެ ހާލަތު މުރާޖައާ ކުރުމަށްވެސް އަމުރުކުރައްވާފައިވެއެވެ. އަލް ނުސްރާ އަކީ ސީރިއާގައި އަލްގައިދާގެ ގޮތްޕެއް ނަމަވެސް އަލްޝަރާއިން ވަނީ 2016 ވަނަ އަހަރު އެ ޖަމާއަތާ ގުޅުން ކަނޑާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ