ކޮންމެ ގަޑިއިރަކު 100 މީހުން އެކަނިވެރިކަމުގެ ސަބަބުން މަރުވޭ: ރިޕޯޓު
ދުނިޔޭގެ ކޮންމެ ހަ މީހެއްގެ ތެރެއިން އެކަކަށް އެކަނިވެރިކަމުގެ އަސަރުކުރާއިރު، އެކަނިވެރިކަމުގެ ސަބަބުން ދިމާވާ ސަބަބުތަކާ ހުރެ ކޮންމެ ގަޑިއިރަކު, 100 އަށް ވުރެ ގިނަ މީހުން މަރުވާ ކަމަށް, ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. އެއީ ކޮންމެ އަހަރަކަށް ބަލާނަމަ، 871،000 މީހުންނެވެ. މި ހޯދުންތައް ހޯދާފައި ވަނީ އެކަނިވެރިކަމާއި އިޖުތިމާއީ އެކަހެރިވުމަކީ އާންމު ސިއްޙަތަށް ކުރިމަތިވާ ނުރައްކަލެއްގެ ގޮތުގައި ބަލަން ސަރުކާރުތަކަށާއި މުޖުތަމައުތަކަށް އިލްތިމާސް ކުރަމުން އަންނަ ޑަބްލިޔުއެޗްއޯ ކޮމިޝަން އޮން ސޯޝަލް ކަނެކްޝަންއިންނެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރަނގަޅު އިޖުތިމާއީ ގުޅުންތަކުގެ ސަބަބުން ސިއްޙަތަށް ފައިދާވެ، އުމުރު ދިގުވެއެވެ. ޒަމާންތަކަށް ދެމިގެންދާ އެކަނިވެރިކަމަކީ ހިތުގެ ބަލިތަކާއި ޑިޕްރެޝަން އަދި އަވަހަށް މަރުވުން ފަދަ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ސިއްޙަތަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާ ގުޅުން ހުރި ކަމެކެވެ. "މި ރިޕޯޓުގައި އަޅުގަނޑުމެން ވާނީ އެކަނިވެރިކަމާއި އެކަހެރިވުން މައިގަނޑު މައްސަލައަކަށް ބަލާފައި." ކޮމިޝަންގެ ކޯ ޗެއާ އަދި އެމެރިކާގެ ކުރީގެ ސާޖަން ޖެނެރަލް ޑރ. ވިވެކް މުރުތީ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ރޯޑްމެޕްގައި ގުޅިފައިވާ އެއްބައިވަންތަ، ދިރިއުޅުމެއް އުފެއްދިދާނެ ގޮތްތައް ފާހަގަކޮށްފައިވާއިރު، މިކަމުގެ ސަބަބުން އިގްތިސާދީ، ތައުލީމީ، އަދި ސިއްޙީ ކަންކަމަށް ކުރާނެ އަސަރަށް އަލިއަޅުވާލާފައިވާނެ." އެ ރިޕޯޓުގައިވާގޮތުން އެކަނިވެރިކަމުގެ އަސަރު ހުރިހާ އުމުރެއްގެ މީހުންނަށް ޚާއްސަކޮށް ފުރާވަރުގެ ކުދިންނާއި މަދުން އާމްދަނީ ލިބޭ މީހުންނާ އަދި މެދުފަންތީގެ ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް ކުރަމުންދެއެވެ. އުމުރުން 13 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 17 ޕަސަންޓާއި 21 ޕަސަންޓާއި ދެމެދު އަދަދަކަށް މީހުންނަށް އެކަނިވެރިކަން އިހުސާސް ކުރެވޭ ކަމަށް ރިޕޯޓުގައިވާއިރު، އެކަން އެންމެ ގިނައިން ފެނިފައިވަނީ ފުރާވަރުގެ ކުދިންގެ ތެރޭގައެވެ. އާމްދަނީ ދަށް ގައުމުތަކުގެ ގާތްގަނޑަކަށް 24 ޕަސަންޓް މީހުންނަށް އެކަނިވެރިކަން އިހުސާސް ކުރެވޭ ކަމަށް ރިޕޯޓްކޮށްފައިވާއިރު، މިއީ އާމްދަނީ ބޮޑު ގައުމުތަކުގައި އެ ރޭޓު ހުރި މިންވަރަށްވުރެ ދެގުނަ އިތުރު މިންވަރެކެވެ. އެކަނިވެރިކަމާއި އިޖުތިމާއީ އެކަހެރިވުމަށް ސިއްޙަތު ދަށްވުމާއި އާމްދަނީ ދަށްވުމާއި ތައުލީމު ދަށްވުމާއި އެކަނި ދިރިއުޅުމާއި ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުން ފަދަ އެތައް ކަމެއްގެ އަސަރު ފޯރާފާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ސްކްރީން ޓައިމް މާގިނަ ކުރުން ނުވަތަ އޮންލައިންކޮށް ބަލާ ނުރަނގަޅު އެއްޗެހީގެ ސަބަބުން ޒުވާނުންގެ ނަފްސާނީ ސިއްޙަތާއި ދުޅަހެޔޮކަމަށް ލިބިދާނެ ގެއްލުންތަކަށް ހޭލުންތެރިވުމަށް ވެސް ރިޕޯޓުގައި އިލްތިމާސްކޮށްފައިވެއެވެ. އެކަނިވެރި މީހުންނަށް ޑިޕްރެޝަނާ ކުރިމަތިލާންޖެހުމުގެ ފުރުސަތު ދެގުނައަށް އިތުރުވާއިރު، އެކަނިވެރިކަމަކީ އަމިއްލައަށް މަރުވުމުގެ ޚިޔާލު ގެންގުޅެންވެސް މަގުފަހިވާ ކަމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. "އެކަނިވެރިކަމާއި އެކަހެރިކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ބޮޑު އަސަރެއް ކުރާ ކަމުގެ ހެކި ފެންނަން ހުރުމަކީ ކަންބޮޑުވާ ކަމެއް." ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން (އެލްއެސްއެޗްޓީއެމް) ގެ ޕްރޮފެސާ އޮފް ހެލްތު އެންޑް ސޯޝަލް ކެއާ ޕޮލިސީ، ޕްރޮފެސަރު ޝީރީން ހުސެއިން އެ ރިޕޯޓާ ގުޅިގެން ވިދާޅުވިއެވެ. ޝީރީން ވަނީ ޑަބްލިޔުއެޗްއޯ ކޮމިޝަން އޮން ސޯޝަލް ކަނެކްޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން އެ ރިޕޯޓު އެކުލަވާލުމުގައި ފަންނީ ލަފާއަރުއްވާފައެވެ. "އިޖުތިމާއީ ގުޅުން ކެނޑުމުގެ އަސަރު ފަރުދީ ސިއްޙަތަށް ވުރެ ވެސް ފުޅާވެ، އެކަމުގެ ސަބަބުން ވަޒީފާދޭ ފަރާތްތަކުން އަހަރަކު ގާތްގަނޑަކަށް 3.2 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާ ކަމަށް ދިރާސާތަކުން ދައްކާ." ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، އެކަނިވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ފަސް ކަމެއް ކުރެވިދާނެ ކަމަށް އެ ރިޕޯޓުގައި ބުނެދީފައިވެއެވެ. އޭގެ ތެރޭގައި އިޖުތިމާއީ ގުޅުން ދެމެހެއްޓުމަށް އާންމު ސިޔާސަތުތަކަށް އިސްކަން ދިނުމާއި، އެކަމުގެ އަސަރުކުރާ މީހުންނާއި ސަބަބު ރަނގަޅަށް ދެނެގަތުމަށް ދިރާސާތަކަށް އިންވެސްޓްކުރުމާއި، ގްލޯބަލް ސޯޝަލް ކަނެކްޝަން އިންޑެކްސް ފަދަ މިންކުރުމުގެ ވަސީލަތްތައް ތަރައްގީކުރުމާއި، އިޖުތިމާއީ އުސޫލުތައް ބަދަލުކުރުމާއި އިންސާނީ ގުޅުމުގެ މުހިންމުކަމަށް ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ