ރާއްޖޭގެ މުޖުތަމައުގައި ހުރި ނުރަނގަޅު އާދަތައް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ގޭންގު ކުށްތަކާ ބެހޭ ބިލު ތަސްދީގު ކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މާހައުލުގައި ހިނގަމުންދާ ނުރަނގަޅު އެއް ކަމަކީ ގްރޫޕު ހަދައިގެން ހިންގާ ކުށްތައް ކަމަށެވެ.
ތަފްސީލް - މިއަދު ތަސްދީގު ކުރެއްވި ގާނޫނަކީ އެ ކަމަށް އެކަށީގެންވާ ދާއިމީ ހައްލެއް ގެނައުމަށް އެކުލަވާލި ގާނޫނެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު އެދިވަޑައިގަންނަވަނީ ދިވެހިންނަކީ ވަރަށް އެކުވެރި، އަމާން މާހައުލެއްގައި އުޅޭ ބަޔަކަށް ވުމަށް ކަމަށެވެ. އާބާދީ ކުޑަ ގައުމަކަށް ވާތީ، އެކުގައި މަސައްކަތްކޮށްފި ނަމަ ދިވެހި މުޖުތަމައުން ނުރަނގަޅު އާދަތައް ނައްތާލެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ގްރޫޕު ހަދައިގެން އެކި ކަހަލަ ކުށް ކުރުން، މީހުންގެ މުދަލަށް ގެއްލުން ދިނުން މިހެން ގޮސް މިޒާތުގެ ހުރިހާ ކަމަކީ ހައްލު ކުރެވޭނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.
ގާނޫނާ އެކު ނަތީޖާ ނެރެވޭނެ ކަމަށާއި ރައްޔިތުންގެ ފަރާތުން ވެސް އެދިވަޑައިގަންނަވަނީ ނަތީޖާ ނެރުމަށް މަސައްކަތް ކުރުމަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެެ.
ކުށަށް އަރައިގަތުމަކީ އިންސާނީ ތޮބީއަތުގައި ހިމެނޭ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުށްކުރުން މަދު ކުރެވޭނެ ކަމަށެވެ.
"ވަކި ބަޔަކު ކުށްވެރި ކުރާކަށް ނޫން، އެންމެން ކުށްރުމުން ދުރުވާން ބޭނުންވަނީ. އޭރުން ކުށްކުރާ ބަޔަކު ނުތިބޭނެ،" ރައީސް ވިދާޅުވި އެވެ.
ކުށްކުރުން ހުއްޓުވުމަށް އެކުގައި މަސައްކަތް ކުރަން ރައީސް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ