ކުށުގެ މާހައުލުން ކުޑަކުދިން ދުރުކޮށް، މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަށް މަސައްކަތްކުރާނެ: ވަޒީރު އިހްސާން

ކުށުގެ މާހައުލުން ކުޑަކުދިން ދުރުކޮށް، އަދަބު ދިނުމުގެ ބަދަލުގައި އެކުދިންނަކީ މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަވަމުން ވަޒީރު އިހްސާން ވިދާޅުވީ މި ބިލުގެ ތެރެއިން ގޭންގުތަކަކީ ކޮބައިކަން ކަނޑައަޅައި، ގޭންގެއްގެ ތެރޭގައި ހިމެނޭ މީހެއްކަން ކަނޑައެޅުމާއި އަދި ކުށްތައް ހުއްޓުވުމުގެ މުހިންމު އިޖުރާޢަތްތައް ކަނޑައަޅާނެ ކަމަށެވެ. އަދި ނުހައްޤު މުއްސަނދިކަން ހޯދުމާއި، ގޭންގު ކުށްތަކުގައި ކުޑަކުދިން ޝާމިލްކުރުމުގެ މައްސަލައަށްވެސް މި ޤާނޫނުގެ ތެރެއިން ހައްލުތަކެއް ހޯދުމަށް ވަނީ ހިމަނާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މި މާހައުލުން ދުރަށްދާން މިފަދަ ކަންކަމުގައި އުޅެވިފައި ތިބި ފަރާތްތައްވެސް ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ ފަދަ ޤާނޫނެއް މިއޮތީ،" ވަޒީރު އިހްސާން ވިދާޅުވިއެވެ. "ކުރިއަށް އޮތްތާނގައި މިފަދަ ގޮތަކަށް ރާއްޖޭގައި ކުށްކުރާ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަން ނުވަތަ ޤާނޫނުގެ ތެރެއިން އަތް ނުފޯރާ ހިސާބުގައި މިކަން ނުކުރެވޭނެކަން އަޅުގަނޑުމެން ޔަޤީންކުރާނަން. ފުލުހުން އެކަން ޔަޤީންކޤީންކުރައްވާނެ."
މި ބިލު ފާސްވުމުން، ކުށުގެ މާހައުލުން ކުޑަކުދިން ދުރުކޮށް، އެކުދިންނަކީ މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަށް އިތުރު ފިޔަވަޅުތަކެއް އެޅޭނެ ކަމަށް ބެލެވެއެވެ. މި ބިލަކީ ރާއްޖޭގެ ކުށްކުރުމުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ