ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް އިއްވި ރިޔާސީ ބަޔާނުން އެނގިގެންދިޔައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިހުލާސްތެރިކަން ކަމުގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައީސްގެ ރިޔާސީ ބަޔާނާއި ގުޅޭގޮތުން އިސްލާމިކް ޔުނިވާސީޓީގައި ރޭގައި ބޭއްވި ރިޔާސީ ބަޔާން ފޯރަމްގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ރައީސް ވެވަޑައިގެންފައިވާ ވަޢުދުތައް ފޮތެއްގެ ސިފައިގައި ނެރުއްވާ، އަދި ރިޔާސީ ބަޔާނުގައި އެ ވަޢުދުތައް ފުއްދަވާނެކަމަށް ތަކުރާރުކޮށް ވިދާޅުވުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށް އެމަނިކުފާނުގެ ހިތުގައިވާ އިހުލާސްތެރިކަން ކަމުގައެވެ.
މުއްތަލިބު އިތުރަށް ވިދާޅުވީ ރައީސްގެ ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ ރައީސް މަސައްކަތް ކުރައްވަނީ ޕްލޭނެއް އޮވެގެން ކަމަށެވެ. މިގޮތުން މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި އަލަށް ފަށަން ހަމަޖެހިފައިވާ މަޝްރޫޢުތައް ނަމްބަރުތަކުން ވިދާޅުވުމުން އެނގިގެންދަނީ ރައީސްގެ ޕްލޭނެއް އެބައޮތް ކަމަށާއި ކަނޑައަޅާފައިވާ އުސޫލުތަކެއް އެބަހުރިކަމަށެވެ.
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިއަހަރު ވެގެންދާނީ މާލީ ދަތިކަމާ އެކު ވެސް ނަތީޖާ ނެރެދެވޭނެ އަހަރަކަށް ކަމަށެވެ.
ރިޔާސީ ބަޔާނުން ފެނިގެންދިޔައީ ރައީސްގެ އިހުލާސްތެރިކަން - މުއްތަލިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ