ފިރިމީހާގެ ދުލުން: އާދޭސްކުރިން، މަރުވީ ފްލައިޓަށް ނާރުވާ ރަންވޭމަތީ ދެގަޑިއިރު އޮތްފަހުން!

ބުދަ ދުވަހުގެ ދަންވަރު 01:30 ހާއިރު ގއ. ވިލިނގިލީ، ޒަމާނީވިލާގެ ފާތިމަތު ޝިއުނާއަށް ހޭލެވުނީ ނޭވާލާން މާ ބޮޑަށް ދަތިވާތީއެވެ. އެހެންވެ، ގާތުގައި ހުރި ފިރިމީހާ ޝިފާޒު ޒާހިރަށް ވެސް ގޮވައި އެ ވަހަކަ ބުންޏެވެ. ޝިފާޒު އެދުނީ އަވަހަށް ހޮސްޕިޓަލަށް ގޮސް އެ ވަގުތު ޑޮކްޓަރަށް ދައްކައި ވާނުވާ ބަލާށެވެ. އެއީ ވިހަން ގާތްވެ ބަނޑަށް އަށް މަސްވެފައިވުމުން އެއްވެސް ރިސްކެއް ނަގަން ބޭނުންނުވާތީއެވެ. ނަމަވެސް ޝިއުނާ ހުރީ ކޮންމެވެސް ވަރަކަށް ރޯގާ ވެސް ވެފައިކަމުން، ޝިފާޒު އެދުނުހެން އެ ވަގުތު ހޮސްޕިޓަލަށް ދާކަށް ޝިއުނާ ބޭނުންނުވި ކަމަށާއި ހޮސްޕިޓަލަށް ނުގޮސް ވެސް އެ ކަން ރަނގަޅުވެދާނޭ ބުނެ ޝިއުނާ އޮށޯތީއެވެ. ހޮސްޕިޓަލުން ވެސް ލިބުނު އަޅައިލުމެއް ނެތް ޝިއުނާގެ ހާލަތު މަޑުމަޑުން ގޯސްވަމުން ގޮސް، އެންމެ ފަހުގެ ވަގުތުތަކުގައި ކަން ހިނގި ގޮތް "ސަން"އާ ހިއްސާކުރަމުން ޝިފާޒު ބުނީ، އޭނާގެ އަންހެނުން އޮށޯތްތާ މާ ގިނާއިރު ނުވެ 02:15 ހާއިރު އަނެއްކާ ވެސް ނޭވާލާން ދަތިވެގެން ތެދުވީކަމަށެވެ. އެހެންވެ، ދެމަފިރިން ދިޔައީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުގައި ޑޮކްޓަރަށް ދެއްކުމަށްފަހު، އޮކްސިޖަން ގުޅުމަށްފަހު އެނދުމަތީ ޝިއުނާ ބޭންދީކަމަށް ޝިފާޒު ބުންޏެވެ. އެގޮތުގައި އިރުއަރަންދެން، އެއްވެސް އަރާމެއް ނެތި، އެއްޗެއް ނުކެވި ޝިއުނާ އިންކަމަށާއި، ފަތިހު ޑޮކްޓަރު ފެނުނު ގޮތަށް އެންމެ ފަހަރަކު ވެސް ހެނދުނާ ހަމައަށް ޑޮކްޓަރު ނުފެންނަކަމަށް ޝިފާޒު ބުންޏެވެ. "ދެން ވާންވީ ކިހިނެއްތޯ، ދެން ކުރަންވީ ކޮން ކަމެއްތޯ މަށަކަށް އަންގާ ވެސް ނުލައި. އެއްވެސް ގޮތަކަށް [ޑޮކްޓަރު] ވިޒިޓެއް ނުކުރޭ،" ހެނދުނު 07:30 ހާއިރު ޑިއުޓީ ބަދަލުވީ ވަގުތު ޑޮކްޓަރު ފެނުނު ނަމަވެސް އެއްވެސް މީހެއްގެ ފަރާތުން ވެގެން އުޅޭ ގޮތް ބުނެ ނުދޭ ކަމަށް ޝިފާޒު ބުންޏެވެ. ހަމައެކަނި އޮކްސިޖަން މާސްކު އަޅުވައިފައި، އިށީނދެ ބޭނދުވީ ކަމަށް ޝިފާޒު ބުންޏެވެ. "އައިވީއެއް އެއްޗެއް ވެސް ނެތް، ކެވެނީއެއް ވެސް ނޫން. އޭނާ ބޭބީ ބަނޑުގައި އޮތިއްޔާ، ބޭބީ ވެސް ބަނޑުހައިވާނެތާ މައިމީހާ ނުކަންޏާ. ހަމައެކަނި އެެހެން އިނީ. ހުއްޓާ 10:30 އެހައިކަށްހާއިރު އޭނާ [ޝިއުނާ] މަގޭ ކައިރި ބުނެފި ތިމަންނާ ކުޑަކޮށް ވަރުބަލިވެއްޖެޔޭ. މަ ބުނީ އޮށޯވެބަލާށޭ ކުޑަކޮށް ނިދޭތޯ ބަލައިލަން. ދެން މޭގައި އަތް އަޅައިފައި ބުނީ މޭގައި ރިއްސާތީ ވަަރަށް އުނދަގޫ ވެފައޭ،" ޝިފާޒު ބުންޏެވެ. އެހެންވެ، އެކްސްރޭއެއް ހަދައި، އީސީޖީއެއް ހެދުމުން ދެން އެނގުނީ ޝިއުނާގެ ފުއްޕާމޭގައި ވަރަށް ބޮޑަށް ފެން ހެދިފައިހުރިކަން ކަމަށް ބުންޏެވެ. އެހެންވެ ވަގުތުން އެދުނީ މާލެ ފޮނުވޭނަަމަ އަވަހަށް އެ ކަން ކޮށްދޭން ކަމަށް ވެސް ޝިފާޒު ކިޔައިދިނެވެ. އެންމެ ބޭނުންވި ވަގުތު އެއާ އެމްބިއުލާންސް ވެސް ނުލިބުނު އާސަންދަ ހަމަޖެހި ފްލައިޓެއް ލިބޭތޯ މަސައްކަތްކުރިއިރު، ފުރަތަމަ ބެލީ އެއާ އެމްބިއުލާންސް ލިބޭތޯއެވެ. އެކަމު އެ މީހުންނަށް މައުލޫމާތު ދިނީ، އެއާ އެމްބިއުލާންސްގެ އިންޖީނު ހަލާކުވެ، މެއިންޓެނެންސްގައި އޮތްކަމަށް ކަމަށް ބުންޏެވެ. އެހެންވެ، ފްލައިޓެއް ޗާޓަރުކުރަން މަސައްކަތްކޮށް، އެ ކަން ވެސް ވާގޮތެއް ނުވިއެވެ. އެ ކަން ނުވުމުން ހެލިކޮޕްޓަރު ހަމަޖެހޭތޯ މަސައްކަތްކުރުމުން އެ ކަން ވެސް ނުވިކަމަށާއި ޑޯނިއާ މަތިންދާ ބޯޓުން ދަތުރުކުރެވޭތޯ ބެލުމުން އެ ކަން ވެސް އެ ވަގުތު ހަމަޖެހޭގޮތް ނުވިކަމަށް ޝިފާޒު ބުންޏެވެ. ގިނައިރުވީ ވަރަކަށް ޝިއުނާގެ ހާލު އައީ ގޯސްވަމުންނެވެ. ބުދަ ދުވަހުގެ މެންދުރު 13:00 ހާއިރު، ޝިއުނާގެ ހާލު ގޯސްވަމުން ގޮސް ޖެހުނީ ވެންޓިލޭޓަރަށް ލާށެވެ. ޝިފާޒު ކިޔައިދިން ގޮތުގައި ޑޮކްޓަރު ދިނީ 50/50 ފުރުސަތެެކެވެ. އެއީ ދަރިފުޅު މައިމީހާގެ ބަނޑުން ނެގުމަށެވެ. ނަމަވެސް އޮޕަރޭޝަން ކުރަން ބެލިއިރު ގއ. ވިލިނގިލީގައި ހުރި އަތޮޅު ހޮސްޕިޓަލުގައި ކުޑަކުދިންނާ ބެހޭ ޑޮކްޓަރެއް ވެސް ނެތްކަމަށާއި އެންމެފަހުން އެގެ ދެ ގަޑިއިރެއްހާއިރު ފަހުން ކުޑަކުދިންނާ ބެހޭ ޑޮކްޓަރެއް ގެނައީ ތިނަދޫ ސިޓީން ކަމަށް ވެސް ޝިފާޒު ބުންޏެވެ. ޑޮކްޓަރު އައި ވަގުތު ޝިއުނާ އޮތީ އޮޕަރޭޝަން ކުރަން ތިއޭޓަރަށް ވައިދައިފައިކަމަށް ޝިފާޒު ބުންޏެވެ. އެ ހާލަތާއެކު އެ ވަގުތު އޭނާ އެދުނީ ކޮންމެހެން ވެސް މައިމީހާ ސަލާމަތްކޮށްދިނުމަށް އިސްކަން ދިނުމަށް ކަމަށް ޝިފާޒު ބުންޏެވެ. ނަމަވެސް އޮޕަރޭޝަން ނިމި، އައިސީޔޫއަށް ޝިއުނާ ވެއްދިއިރު އޭނާގެ ހާލު ގޯސްކަމަށާއި، 'އޮތީ ހަމަކިރިޔާ' ވެންޓިލޭޓަރުގެ އެހީގައި ކަމަށް ޝިފާޒު ބުންޏެވެ. އެ ހިތްދަތި ވަގުތުގައި ވެސް އޭނާ ހުރީ ޝިއުނާގެ ހާލު ސްޓޭބަލްވާނެކަމުގެ އުންމީދުގައެވެ. އެ އުންމީދާއެކު އޭނާއަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނީ ވެންޓިލޭޓަރުގައި އޮތް ޝިއުނާގެ ހާލު މަޑުމަޑުން ރަނގަޅުވާކަން ފާހަގަވުމުންނެެވެ. "އޭގެފަހުން ވެސް އެތައް ފަހަރަކު ކައުންޓަރުގައި އެހިން ފްލައިޓު ކޮބައިހޭ، ފްލައިޓު ކޮބައިހޭ. ބުނީމާ ބުނީ، ފްލައިޓެއް ނެތޭ، ނެތޭ، ނެތޭ. އެހެން ކިޔައިފައި 18:00 ހާއިރު މަ ދިޔައިމަ ބުނީ މިހާރު ފްލައިޓަށް އޯކޭ ވެއްޖެޔޭ. 19:15ގައި ފުރަން ސެޓްވާށޭ،" ޝިފާޒު ބުންޏެވެ. ފުރަން ތައްޔާރުވެގެން ގަޑިއަށް ދިޔަ ނަމަވެސް، 19:30ވެ ބޮޑުވި ފަހުން ވެސް ފްލައިޓުގެ ހިލަމެއް ނުވި ކަމަށާއި، ދެން އެނގުނީ ފްލައިޓު ކެންސަލްވީކަން ކަމަށް ޝިފާޒު ކިޔައިދިނެވެ. "އަޅުގަނޑަށް އަންގައިފައި ނެތް ހޮސްޕިޓަލުން ވެސް ފްލައިޓް ކެންސަލް ވިކަމަކަށް،" އޭނާ ބުނީ ފްލައިޓް ކެންސަލްކުރީ އަންހެނުންނާއި، ދަރިފުޅު ކްރިޓިކަލްކަމަށް ބުނެ ހޮސްޕިޓަލުން އަމިއްލައަށް ކަމަށެވެ. އެ ވަގުތު ވެސް އާދޭސްކުރަމުން ދިޔައީ ދަރިފުޅު ދުނިޔެ ދޫކުރަން ޖެހުނުކަމުގައިވީ ނަމަވެސް އަންހެނުން ސަލާމަތްކޮށްދޭން ކަމަށް އޭނާ ބުންޏެވެ. "މަގޭ އަންހެނުން ސަލާމަތްކޮށްދޭށޭ. [ދަރިފުޅު މަރުވިއަސް] މައްސަލަ ޖައްސާނެ އެއްވެސް މީހަކު ނުހުންނާނޭ. ހުރިހާ ޒިންމާއެއް ނަގާނީ އަޅުގަނޑޭ. އެހާ ވަަރަށް އެ މީހުން ކައިރި އާދޭސްކުރިން މަ،" އޭގެ ފަހުން އެތައް ގަޑިއިރެއް އިންތިޒާރުކުރުމަށްފަހު ދެން ހޮސްޕިޓަލުން އެންގީ 23:15ގައި ފުރަން ތައްޔާރުވާށެވެ. މަރުވީ ފްލައިޓަށް ނާރުވާ، ރަންވޭމަތީ ދެގަޑިއިރު ބޭއްތިއްބުމަށްފަހު އަންހެނުން ސަލާމަތްވާނެ ކަމުގެ ބޮޑު އުންމީދަކާއެކު ގއ. ވިލިނގިލިން ފުރައިގެން ކޫއްޑޫއަށް ގޮސް ފްލައިޓު ކައިރިއަށް ދިޔަކަމަށް ޝިފާޒު ބުންޏެވެ. ފްލައިޓު ފެނުމުން އެއީ އެއާ އެމްބިއުލާންސްކަން އެނގުނު ކަމަށާއި، އަވަހަށް ކުޑަދަރިފުޅު އެރުވި ނަމަވެސް ލިބުނީ މާޔޫސްވާ ޚަބަރެއްކަމަށް އޭނާ ބުންޏެވެ. އެގޮތުން ފްލައިޓުގައި ހުރި ވެންޓިލޭޓަރު މަސައްކަތްނުކުރި ކަމަށާއި އަތޮޅު ހޮސްޕިޓަލުން ގެނައި ވެންޓިލޭޓަރު ވެސް މަސައްކަތްނުކުރިއިރު، ނުފުރި އައީ ލަސްވަމުންނެވެ. ފުރަން ތައްޔާރުކަމަށް ބުނެ، ޝިއުނާ ރަންވޭ މައްޗަށް ގެންދިޔައީ 00:40 ހާއިރެވެ. އެއާއެކު ވެސް އަނެއްކާ އިތުރު މައްސަލަތައް ކުރިމަތިވެ ނުފުރި ލަސްވަމުން ދިޔައީކަމަސް ޝިފާޒު ކިޔައިދިނެވެ. އެގޮތުން މިފަހަރު އޮކްސިޖަން ގެނެވުނީ މަދުމުވުން "އޭނާ އެބަ ބޭނުންކުރެޔޭ 18 ލީޓަރު [އޮކްސިޖަން] މި މީހުން މި ގެނައީ އަށް ލީޓަރު. ބާކީ ހުރި 10 ލީޓަރު ހޯދާނެ އެއްވެސް ގޮތެއް ނެތިގެން ލަސްވީ. ކްރިޓިކަލް ބަލި ދެ މީހުން މީ. އެއްވެސް ގޮތެއް ނެތިގެން ބަލައި މިއައީ. އައިސީޔޫއެކޭ ބުނަނީ. އެކަމުގައި އައިސީޔޫގައި ނެތް އެއްވެސް އެއްޗެއް،" އެގޮތުގައި އެތައް އިރެއް، ރަންވޭ މަތީ، ފިނީގައި ތިއްބީ ޝިއުނާގެ ބްލަޑް ޕްރެޝަރު ދަށްވެ، ހިތް ހުއްޓި ނިޔާވީކަމަށް ފިރިމީހާ ޝިފާޒު ބުންޏެވެ. "ފްލައިޓު ދޮރުމަތީ، ފްލައިޓަށް ނާރުވައި އޮއްވައި. މަ އާދޭސްކުރިން ކޮންމެ ގޮތެއް ހައިދައިފަ ނަމަވެސް،" އިތުރު އޮކްސިޖަން ފުޅިއެއް އަރުވަން ހުއްދަ ލިބި ދަތުރުކުރަން ހުއްދަ ދިނީ އަންހެނުން ނިޔާވިފަހުން ކަމަށް އޭނާ ބުންޏެވެ. އޭރު ވެސް ދަރިފުޅު އޮތީ ފްލައިޓުގައެވެ. އޭގެ ފަހުން ދަރިފުޅާއެކު މާލެ ދިޔައިރު، ދަރިފުޅުގެ ހާލު ވެސް ދަށްވެ، އައިޖީއެމް ހޮސްޕިޓަލުގައި ނިޔާވީކަމަށް ޝިފާޒު ބުންޏެވެ. ޝިފާޒު ވަނީ ފަހުން މޯލްޑިވިއަނުން، ފްލައިޓުގައި ހުރިހާ ވަސީލަތެއް ހަމަކަމަށް ބުނި ނަމަވެސް އެއީ ދޮގެއްކަމަށެވެ. މި މައްސަަލައަކީ ބޮޑު އިހުމާލެއްކަމަށާއި، ބަލި މީހާ ސަލާމަތްކުރަން މަސައްކަތްކުރެވުނު ނަމަ "އިންޑިއާއިން ޑޮކްޓަރަކު ގެނެސްގެން ނަމަވެސް" ސަލާމަތްކުރާ ވަގުތު ލިބުނު ކަމަށެވެ. "މަށަށް ހީވަނީ މެންދުރު އިންޖީނު ހަލާކުވެ އޮވެ، ޓެސްޓު ރައުންޑަކަށް ކޫއްޑޫއަށް ޖެއްސި ފްލައިޓެއްހެން. އެމެޖެންސީގައި ވައްދައިގެން ކަމެއްވީ ނަމަ އަޅުގަނޑުގެ ޝަކުވާއެއް ނެތް. އެކަމަކު ދިރިހުރި އިންސާނަކު މަރައިލީ ހަމަ،" ޝިފާޒު ބުންޏެވެ. ދެމައިންގެ ޖަނާޒާގެ މަންޒަރުތަކާއެކު މުޅި ގައުމަށް ލިބުނީ ބޮޑު ސިހުމެކެވެ. މާޔޫސްކަަން އިތުރުވީ ދެމައިންގެ ސަންދޯއް އެކުގައި ވަޅުލި މަންޒަރާއެކުގައެވެ. މި ހިތާމަވެރި ހާދިސާއާއެކު ޝިފާޒުގެ ހިތްދަތިކަމާއި މާޔޫސްކަން އިންތިހާއަށް ވަނީ އިތުރުވެފައެވެ. 14 އަހަރުގެ ދިގު ކައިވެންޏެއްގެ ނިމުން މިފަދަ ހިތްދަތިކަމެއްގެ ތެރެއިން އަންނާނެކަމަށް އޭނާ ހީ ވެސް ނުކުރެއެވެ. މީގެ އިތުރުން އެ ދެމަފިރިންގެ ދެ އަންހެން ދަރީން ތިބިއިރު އެ ކުދިންގެ މޫނުމަތިން ފެންނަ މާޔޫސްކަމަށް ދޭނެ ޖަވާބެއް، ބުނެލާނެ ބަހެއް ޝިފާޒުގެ ނެތެވެ. "މަންމައަކީ 24ގަޑިއިރު އެ ކުދިންގެ ޚިދުމަތުގައި ގޭގައި ހުންނަ މީހެއް. އެ މީހުން ކުރާ އަސަރު މަށަށް އެނގޭނީދޯ،" އޭނާ ވަނީ އެ ފަދަ ހާދިސާއެއް ނުހިނގާނެ އެންމެހާ ކަންކަން މުސްތަގުބަލުގައި ޔަގީންކުރަން ޖެހޭކަމަށް ބުނެފައެވެ. އަދި މި ކަމުގައި އިންސާފު ހޯދުމަށް މަސައްކަތްކުރާނެކަމަށް ވެސް ބުންޏެވެ. މި މައްސަލަ މިހާރު އަންނަނީ، ހެލްތު މިނިސްޓްރީންނާއި، ފުލުހުން ވެސް ބަލަމުންނެެވެ. މި ހާދިސާއާއެކު ގއ. ވިލިނގިލީ ރައްޔިތުންގެ އަންނަނީ އަތޮޅު ހޮސްޕިޓަލުން ލިބޭ ޚިދުމަތުގެ ފެންވަރާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި އަންނަނީ ފެންވަރު ރަނގަޅުކުރުމަށް ގޮވައިލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ