ބައިނަލްއަގްވާމީ އިންސާފަށް ހުރަސްއަޅާތީ އެެމެރިކާ ކުށްވެރިކޮށް ދުނިޔޭގެ 79 ގައުމަކުން ބަޔާން ނެރެފި

ވޮޝިންޓަން (7 ފެބްރުއަރީ 2025) : ބައިނަލްއަގްވާމީ ޖިނާ ކޯޓު (އޭސީސީ) ގެ ބާރު ކަނޑުވާލުމަށްޓަކައި އެމެރިކާ ކުރަމުން ގެންދާ މަސައްކަތްތަކާއި އަޅަމުން ގެންދާ ފިޔަވަޅުތަކަށް ދުނިޔޭގެ ގައުމުތަކުން ދެކޮޅު ހަދައި އެގައުމުތަކުން އެމެރިކާ ކުށްވެރިކޮށްފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، "އޭސީސީ" އާ ދެކޮޅަށް އެޅުއްވި ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ދުނިޔޭގެ 79 ގައުމަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭސީސީގެ ބާރު ކަނޑުވާލައި އެ ކޯޓުގެ މިނިވަންކަން ނަގާލުމަށް އެމެރިކާ ކުރާ މަސައްކަތްތައް ބަލައި ނުގަނެވޭނެ ކަމުގައެވެ. އަދި އެމެރިކާގެ މި އަމަލަކީ ބައިނަލްއަގްވާމީ އަދުލު އިންސާފުގެ ނިޒާމަށް ބާރާއި ނުފޫޒު ފޯރުވައި އެކޯޓުގެ މިނިވަންކަމާއި މުސްތަގިއްލުކަން ނަގާލުމުގެ އަމަލެއް ކަމުގައެވެ. ބައިނަލްއަގްވާމީ ޖިނާ ކޯޓު (އޭސީސީ) އަކީ ވަކިވަކި ފަރުދުން ދުނިޔޭގެ ފެންވަރުގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ނައްތާލުމާއި ނަސްލު ސާފުކުރުމުގެ ނުރައްކާތެރި ޖިނާއީ ޖަރީމާތައް ބަލައި ތަހްގީގު ކުރުމަށް އުފައްދާފައިވާ ބައިނަލްއަގްވާމީ ކޯޓެކެވެ. އެމެރިކާގެ މި އަމަލަަކީ ގާނޫނާއި ގަވައިދުގެ މައްޗަށް ބިނާކޮށްފައިވާ ބައިނަލްއަގްވާމީ ނިޒާމު ހަލާކުކޮށް އެނިޒާމު ރޫޅާލުމުގެ އަމަލެއްކަމަށް ސިފަކޮށް އެ ފުރުސަތު ނުދެވޭނެ ކަން މި 79 ގައުމުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. މިބަޔާނުގައި ސޮއިކުރި ގައުމުތަކުގެ ތެރޭގައި ޖަރުމަނާއި އިނގިރޭސިވިލާތް ފަދަ އެމެރިކާއާ ގާތް ޔޫރަޕްގެ ގައުމުތައްވެސް ހިމެނެއެވެ. މީގެއިތުން އޭޝިއާއާއި އެފްރިކާ އަދި ލެޓިން އެމެރިކާގެ ގައުމުތައްވެސް ހިމެނެއެވެ. މިހާ ގިނަ ގައުމުތަކެއް ގުޅިގެން އެމެރިކާގެ އަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރުމަކީ އެމެރިކާއަށް ކުރިމަތިވި ލަދުވެތި ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާއިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރެއް އެކޯޓުން ނެރެފައިވާތީ އެކަމަށް ބަދަލު ހިފުމުގެ ގޮތުންނެވެ. އެކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ރައީސް ނެރުއްވި އަމުރުގައި ބުނެފައިވަނީ އައިސީސީން އެމެރިކާއާއި އިސްރާއީލަށް އަމާޒުކޮށް ޣައިރު ގާނޫނީ އަދި އަސާސެއް ނެތް އަމަލުތައް ހިންގަމުން ގެންދާކަމުގައެވެ. އައިސީސީ އާ ދެކޮޅަށް އެމެރިކާގެ ރައީސް ނެރުއްވި އަމުރުގައި އައި. ސީ.ސީގެ ފަނޑިޔާރުންނާއި މުވައްޒަފުން އަދި އެ މީހުންގެ އާއިލާގެ މެންބަރުންނަށާ އަދި އިސްރާއީލުގެ ޖަރީމާތަކާ ދެކޮޅަށް އެކޯޓަށް ހެކިދިން ފަރާތްތަކާ ދެކޮޅަށް މާލީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެފަރާތްތައް އެމެރިކާއަށް ވަނުންވެސް ވަނީ މަނާކޮށްފައެވެ. ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު ނެރުމުގެ ކުރިންވެސް އެމެރިކާގެ ކުރީގެ ސަރުކާރުގެ މަސްއޫލުވެރިންނާއި ކޮންގްރެސްގެ ގިނަ އަދަދެއްގެ މެންބަރުންވެސް ވަނީ ނަތަންޔާހޫގެ މައްޗަށް އެފަދަ އަމުރެއް ނުނެރުމަށް ގޮވާލައި އެ ކޯޓަށް ބިރު ދައްކާފައެވެ. އަމުރު ނެރެފިނަމަ ދަތިކުުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުވެސް ދީފައެވެ. އަދި އެމެރިކާގެ ކުރީގެ ސަރުކާރުންވަނީ ނަތަންޔާހޫގެ މައްސަލަ ތަހުގީގުކުރި އެކޯޓުގެ ޕްރޮސކިއުޓަރު ކަރީމް ޚާން ގެ މައްޗަށް އެދުވަސްވަރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އަނެއްކޮޅުން އެމެރިކާ ވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ އަމުރަށް ގޮންޖަހައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރު ކުރުމަށްވެސް ދެކޮޅު ހަދާފައެވެ. ނަތަންޔާހޫ އެމެރިކާއަށް ކުރެއްވި ދަތުރުގައި އޭނާ ހައްޔަރު ކުރުމަށް އެދި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދުނިޔޭގެ ޖަމްއިއްޔާ ޖަމާއަތްތަކުން އެމެރިކާ ސަރުކާރަށް އިލްތިމާސް ކުރިއެވެ. ނަމަވެސް މިކަމަށް އިޖާބަ ދީ ބައިނަލްއަގްވާމީ ކޯޓަށް އެއްބާރުލުން ދިނުމަށް އެމެެރިކާ ވަނީ ދެކޮޅު ހަދާފައެވެ. އަދި މީގެބަދަލުގައި އެމެރިކާ ވަނީ ނަތަންޔާހޫ ހިމާޔަތްކޮށް އޭނާގެ ދިފާއުގައި އެކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ބައިނަލްއަގްވާމީ އިންސާފާއި އަދާލަތަށް ހުރަސްއަޅަން މަސައްކަތް ކޮށްފައެވެ. އެމެރިކާގެ މި އަމަލު ކުށްވެރިކޮށް ދުނިޔޭގެ 79 ގައުމަކުން އެމެރިކާ ދެކޮޅަށް ގުޅިގެން ބަޔާނެއް ނެރުމަކީ ދުނިޔޭގައި ޒަމާނުއްސުރެ އޮތް އެމެރިކާގެ ސޮފްޓް ޕަވާ ގެއްލި އެމެރިކާގެ އަގު ބައިނަލްއަގްވާމީ މުޖްތަމައުގައި ވެއްޓެމުންދާ މިންވަރު ހާމާވާ ކަމެއްކަމަށް މުހައްލިލުން ސިފަކުރައްވައެވެ. އަދި ބައިނަލްއަގްވާމީ އިންސާފަށް ހުރަސްއަޅައި ކޯޓުތަކަށް ބިރުދައްކާ ގައުމެއްގެ ގޮތުގައި އެމެރިކާ ދުނިޔޭގެ ފެންވަރުގައި ސިފަވެގެން ދާ ކަމެއްކަމަށާ މިއީ އެމެރިކާއަށް ކުރިމަތިވި ލަދުވެތިކަމެއްގެ އިތުުރުން މިއީ ސްޓްރެޓޖިކް ގޮތުން އެމެރިކާއަށް ލިބުނު ބޮޑު ގެއްލުމެއްގެ ކަމަށް މިފަރާތްތަކުންވަނީ ސިފަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ