މާލޭގެ މަގުތައް މަތީގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ތައްޔާރުކުރި ބުޅާ ފެސިލިޓީއަށް މަދުވެގެން 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޖަނަވާރާ ބެހޭ މިނިސްޓަރު، ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް މިއަދު ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މާރިޔާ ވިދާޅުވީ ބުޅާ ފެސިލިޓީ ހިންގުމުގެ ހަރަދު ނުލައި ވެސް 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
"ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި [ފެސިލިޓީއަށް] 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ދަންނަވައިލަން އަދި ފެސިލިޓީގައި 2000 ބުޅަލަށް މަހަކު ހަތްލައްކަ ރުފިޔާ ހަރަދުވާނެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ، ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަކަށް އަހަރަކު 5416 ރުފިޔާ ހަރަދުވާނެ،" މާރިޔާ ވިދާޅުވި އެވެ.
އޮޅު ހިޔާގެ ބުޅާ ފެސިލިޓީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާލެ ސިޓީ ކައުންސިލަށް ދޫކުރި 5،000 އަކަ ފޫޓުގެ ބިމެއްގަ އެވެ. އެތަން އެޅީ މާލެ ސިޓީ ކައުންސިލުގެ ހަރަދުގައި އެ ކައުންސިލުގެ މުވައްޒަފުންނެވެ.
މާރިޔާ ވިދާޅުވީ ބުޅާ ފެސިލިޓީ މިނިސްޓްރީގެ ދަށަށް ގެންދިޔައީ އެތަން އަޅަން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައި އޮތް ތާރީހު ހަމަވެގެންދިޔަ އިރުވެސް އެތަނުގެ މަސައްކަތްތައް ނިމިފައި ނުވާތީ ކަމަށެވެ. އަދި އެތަން ހުޅުވިއިރު ވެސް ހުރީ ބުޅާތައް ގެންގޮސް ބެލެހެއްޓޭނެ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މާރިޔާ އެހެން ވިދާޅުވި ނަމަވެސް، އެތަން ރައީސް މުއިއްޒު ހުޅުވައި ދެއްވީ ރަނގަޅަށް ނުނިމެނީސް، އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަ ކުރެއްވުމުގެ ގޮތުންނެވެ. އަދި އެ ފެސިލިޓީ މިނިސްޓްރީގެ ދަށަށް ބަދަލުކުރީ އެތަނަށް ބުޅާތައް ގެންދަން ސިޓީ ކައުންސިލު މަސައްކަތް ކުރަމުން ދަނިކޮށެވެ.
މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައި ވަނީ ބުޅާ ފެސިލިޓީގެ މަސައްކަތްތައް ނިންމީ މިނިސްޓްރީ އާއެކު އެއްބަސްވެފައިވާ ގޮތަށް ކަމަށެވެ.
ބުޅާ ފެސިލިޓީ ހިންގަން މަދުވެގެން 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ: މާރިޔާ ބުޅާ ފެސިލިޓީ ހިންގަން މަދުވެގެން 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ: މާރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ